މާލެ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގޭގެ ޕަވާ ސިސްޓަމް އަޕްގްރޭޑް ކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.

ސްޓެލްކޯއިން ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން، މި އަޕްގްރޭޑަކީ މާލެ ސަރަހައްދުގެ ކަރަންޓުގެ ވިއުގައަށް އިތުރު ޖަނަރޭޝަން ފީޑް ކުރުމުގެ ފުރުސަތު ހުޅުވާލުމަށާއި، ޖަނަރޭޝަން ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ގެންނަންޖެހޭ މުހިންމު ބަދަލެކެވެ. މިއީ ޒަމާނީ ވަސީލަތްތަކާއެކު ކަސްޓަމަރުންނަށް ދޭ ހިދުމަތް ފުރިހަމަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 23 މޭ ވާ ހޮނިހިރު ދުވަހުގެ ފަތިހު 03:00 އިން ހެނދުނު 08:00 އަށެވެ. މި ވަގުތުތަކުގައި ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ވަނީ ތާވަލުކުރެވިފައެވެ.

ސްޓެލްކޯއިން ހާމަކުރި ގޮތުގައި، 50 މެގަވޮޓް އިންޖީނުގެ ނިއްވާލި ނަމަވެސް، ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް މެދުވެރިކޮށް މާލެއާއި ހުޅުމާލެއަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްދިނުމުގެ ގާބިލްކަން އެ ވަގުތު ހުންނާނެއެވެ. އެހެންކަމުން، އެއްވެސް ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

ނަމަވެސް، މަސައްކަތް ކުރިއަށްދާ ވަގުތު މާލެ ނުވަތަ ހުޅުމާލޭގެ ބޮޑު އިންޖީނަކަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި، ލޯޑް މެނޭޖްކުރުމަށްޓަކައި ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ޖެހިދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި މަސައްކަތް ފަތިހުގެ ވަގުތެއްގައި ކުރިއަށް ގެންދަން ނިންމީ، އެއީ ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ މަދު ވަގުތު ކަމަށްވާތީ، ހިދުމަތަށް ކުރާނެ އަސަރު ކުޑަކުރުމުގެ މަގުސަދުގައިކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.

ކަރަންޓު ކަނޑާލަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މައުލޫމާތު ސްޓެލްކޯގެ ސޯޝަލް މީޑިއާ މަންސަތަކުން ވަގުތުން ހިއްސާކުރަމުންދާނެކަމަށް އެކުންފުނިން ބުނެއެވެ. ސްޓެލްކޯގެ އަމާޒަކީ ކަނޑައެޅިފައިވާ ވަގުތަށްވުރެ އަވަހަށް މަސައްކަތް ނިންމައި، ހިދުމަތް އާންމު ހާލަތަށް ގެނައުމެވެ. މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.