ސްޕެއިންގެ މަޝްހޫރު ފެޝަން ކުންފުނި "މެންގޯ" ގެ ބާނީ އިސާކް އަންދީކް ގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވިގެން އޭނާގެ ދަރިފުޅު ޖޮނަތަން އަންދީކް ސްޕެއިންގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

އުމުރުން 71 އަހަރުގެ އިސާކް އަންދީކް މަރުވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ބާސެލޯނާ ކައިރީގައި ހުންނަ މޮންސެރާޓް ފަރުބަދަ ސަރަހައްދުގައި އޭނާގެ ދަރިފުޅު ޖޮނަތަންއާއެކު ހައިކިންގް އަށް ގޮސް އުޅެނިކޮށް، 100 މީޓަރު ފުން ވަޅުގަނޑަކަށް ވެއްޓިގެންނެވެ. މި ހާދިސާ ހިނގާފައިވަނީ މީގެ ގާތްގަނޑަކަށް 18 މަސްދުވަސް ކުރިންނެވެ. މި ހާދިސާ ހިނގިއިރު އެތަނުގައި ތިބީ ހަމައެކަނި އެ ދެބަފައިން ކަމެއް ނުވަތަ އާއިލާގެ އެހެން މެންބަރުންވެސް ތިބިކަމެއް ސާފުވެފައި ނުވާއިރު ފުލުހުން ފުރަތަމަ ނިންމާފައިވަނީ މިއީ އިއްތިފާގަކުން ހިނގި އެކްސިޑެންޓެއް ކަމަށެވެ.

ކުރިން މި ހާދިސާއަކީ އެކްސިޑެންޓެއްގެ ގޮތުގައި ބަލައި މައްސަލަ ނިންމާލި ނަމަވެސް، ޖޮނަތަން ދިން ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރުމުން ފުލުހުން ވަނީ މިދިޔަ އަހަރު މި މައްސަލަ އަލުން ބަލަން ފަށާފައެވެ. އަދި ފުލުހުންނަށް ލިބުނު ބައެއް ހެކިތަކާއި ގުޅިގެން، ފުލުހުން މިހާރު މި މައްސަލަ ތަހުގީގު ކުރަމުންދަނީ ގަސްދުގައި މީހަކު މެރުމުގެ މައްސަލައެއްގެ ގޮތުގައެވެ.

ފުހުންގެ ސުވާލުކުރުންތަކަށްފަހު މިހާރު މެންގޯ ކުންފުނީގެ ވައިސް ޗެއާމަން ޖޮނަތަން ކޯޓަށް ހާޒިރުކުރުމުން، ފަނޑިޔާރު ވަނީ 1 މިލިއަން ޔޫރޯގެ ކަފާލާތެއްގެ ދަށުން އޭނާ ދޫކޮށްލަން އަމުރުކޮށްފައެވެ. ނަމަވެސް އޭނާ ސްޕެއިން އިން ބޭރަށް ދިއުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓައި، ކޮންމެ ހަފުތާއަކު ކޯޓަށް ހާޒިރުވާން ޖެހޭގޮތަށް ވަނީ ޝަރުތުކޮށްފައެވެ.

އަންދީކްގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖޮނަތަންގެ ކުށެއް ނެތްކަން ސާބިތުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، ތަހުގީގަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ފުލުހުންނަށް ދެމުންގެންދާނެ ކަމަށެވެ.

އިސާކް އަންދީކް 1960 ގެ އަހަރުތަކުގައި ކެޓަލޯނިއާއަށް ހިޖުރަކޮށް، ފުރަތަމަ ފެށީ ސްކޫލް ކުދިންނަށް ޓީޝާޓް ވިއްކުމުގެ ވިޔަފާރިއެކެވެ. އޭނާ ފުރަތަމަ "މެންގޯ" ފިހާރަ ހުޅުވީ 1984 ވަނަ އަހަރުއެވެ. އޭގެ ފަހުން ޔޫރަޕްގެ އެކި ގައުމުތަކަށް ވިޔަފާރި ފުޅާކޮށް، މިއަދު އެއީ ދުނިޔޭގެ އެކި ކޮޅުތަކުގައި މަގުބޫލު ބްރޭންޑެކެވެ. އިސާކް އަންދީކްއަކީ ދުނިޔޭގެ ފެޝަން އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ މީހެކެވެ. އޭނާ މަރުވިއިރު އޭނާގެ މިލްކިއްޔާތުގައި 4.5 ބިލިއަން ޑޮލަރު ހުރި ކަމަށް ފޯބްސް މަޖައްލާއިން ލަފާކޮށްފައިވެއެވެ.