މެދުއިރުމައްޗާއި ގަލްފުގެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމުގައި ބޮޑެތި ކާމިޔާބީތަކެއް ލިބެމުންދާކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި މިނިސްޓަރުންގެ ހާއްސަ ކޮމިޓީއިން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރުގެ މާޗު މަހު ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް 22.5 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އޭޕްރީލް މަހު މި ނިސްބަތް 26.5 އިންސައްތަ ދަށަށް ދިޔަ ނަމަވެސް، މި ހިނގާ މޭ މަހުގެ މިހާތަނަށް މި ފަރަގު ވަނީ 8.9 އިންސައްތައަށް ކުޑަކުރެވިފައެވެ.

މިނިސްޓަރު ސިފަކުރެއްވި ގޮތުގައި، ދުނިޔޭގެ މަސްރަހު މިހާރު އޮތް ގޮތުން ފަތުރުވެރިކަން ދަށަށްދާ މިންވަރުގެ ފަރަގު މިހާ ބޮޑަށް ކުޑަކުރެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެކެވެ. މި ކާމިޔާބީ ހާސިލުކުރެވުނީ ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ ވުޒާރާތަކާއި، މުއައްސަސާތަކާއި، ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާއަތުން ގުޅިގެން ކުރި މުހިންމު މަސައްކަތްތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅުގެ މައްޗަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ގައުމީ އެއާލައިން މޯލްޑިވިއަނުން އުދުހުންތަކުގައި ބޭނުންކުރުމަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނައުމަށް ނިންމެވި ނިންމެވުމަކީ ވަރަށް ހިކުމަތްތެރި ނިންމެވުމެއް ކަމަށެވެ. މި ނިންމެވުމުގެ ސަބަބުން، މިފަދަ ހައްސާސް ދަނޑިވަޅުތަކުގައި ކުރިމަތިވާ އިގުތިސާދީ ގެއްލުންތައް ކުޑަކުރުމަށް (މިޓިގޭޓްކުރުމަށް) ރާއްޖޭގެ އަމިއްލަ ގާބިލިއްޔަތު އިތުރުވެގެން ގޮސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.