މާލޭގެ މާރުކޭޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "މާލެ ވެޓް މާކެޓް ކޮމްޕްލެކްސް" މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ލަސްވަނީ މާލެ ސިޓީ ކައުންސިލުން ބިން ހަވާލުނުކުރުމުގެ ސަބަބުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ. ޖުމްލަ 116,999,624.94 ހަރަދުވާނެ ކަމަށް އަންދާޒާކުރެވޭ މި މަޝްރޫއަކީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ 50 މަސް ދުވަހުގެ މުއްދަތަށް ބަހާލައިގެންނެވެ.

މި މަޝްރޫއުގެ ދަށުން ބިނާކުރާ އިމާރާތަކީ 5 ފަންގިފިލާގެ މައްޗަށް އެކުލެވޭ، ގާތްގަނޑަކަށް 85,000 އަކަފޫޓުގެ ޖާގަ ހިމެނޭ ތަނެކެވެ.

އިމާރާތް ފަރުމާކުރެވިފައިވާ ގޮތަށް ބަލާއިރު:

  • ބޭސްމަންޓް: ޕާކިންގ އަށް ހާއްސަ ކުރެވިފައި.
  • ގްރައުންޑް ފްލޯ: މަސް މާރުކޭޓު.
  • 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފަންގިފިލާ: ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މޭވާ އަދި ތަރުކާރީ މާރުކޭޓު.
  • ޓެރަސް: ފުޑް ކޯޓު.

މި މަޝްރޫއުގެ ދަށުން ސިވިލް، ސްޓްރަކްޗަރަލް، އާކިޓެކްޗަރަލް އަދި އެމްއީޕީ ހުރިހާ މަސައްކަތެއް ކުރިއަށްދާނެއެވެ. މީގެ އިތުރުން ފަޔާ ފައިޓިން ސިސްޓަމާއި، 5 ލިފްޓާއި، މަސް ބެހެއްޓުމަށް ބޭނުންވާ ސްޓެއިންލެސް ސްޓީލް ކިއޮސްކްތަކާއި، ތަރުކާރީ ބަހައްޓާ ލަކުޑި ކިއޮސްކްތަކުގެ އިތުރުން 5 ޓަނުގެ އައިސް މެޝިނެއް ބެހެއްޓުންވެސް ހިމެނެއެވެ.

ނަމަވެސް، މަޝްރޫއުގެ އިދާރީ އަދި ފައިނޭންސް ކަންކަން ހަމަޖެހި، ކޮންޓްރެކްޓަރު އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވީ ނަމަވެސް، މާލެ ސިޓީ ކައުންސިލުން ބިން ހަވާލުނުކުރުމުގެ ސަބަބުން މަސައްކަތް ވަނީ ހުއްޓިފައި ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. މިދިޔަ މާޗް 29 އިން ފެށިގެން މެއި 18 އާ ހަމައަށް ހަތަރު ފަހަރެއްގެ މަތިން ސިޓީ ފޮނުވައިގެންވެސް ބިން ހަވާލުކޮށްފައެއް ނުވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މާލެ ސިޓީ ކައުންސިލުން އޭޕްރީލް 30 ގައި ފޮނުވި ޖަވާބެއްގައި ބުނެފައި ވަނީ ބިން ހަވާލުކުރުމުގެ ކުރިން މާލޭގެ މޭޔަރު، ހައުސިން މިނިސްޓަރާ ބައްދަލުކުރައްވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.

600 ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ މި މަޝްރޫއަކީ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ނުހަނު ބޭނުންތެރި މަޝްރޫއެއްކަން ފާހަގަކޮށް މަސައްކަތް ލަސްވާ ކޮންމެ ދުވަހަކީ މަޝްރޫއުގެ އަގު ބޮޑުވެ، ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތަކުން މަހްރޫމުވާނޭ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މި މަޝްރޫއު ވީ އެންމެ އަވަހަކަށް ފެށުން ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.