ފޭސްބުކް މެސެންޖާ މެދުވެރިކޮށް މީހަކާ ގުޅުން އުފައްދައި، އެ މީހާގެ އެކައުންޓުން 50،000 ރުފިޔާ މަކަރާ، ހީލަތުން ނެގި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާ، އިތުރު 10 އެކައުންޓަކުން ވެސް ފައިސާ ފޭރިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފިއެވެ.

މި މައްސަލައިގައި މި މަހުގެ 2 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ މ. އޮމެގާ، މޫސާ މުހައްމަދު (38 އަހަރު)އެވެ.

އޭނާެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަ ބަނދުކޮށްފައިވަނީ 15 ދުވަހަށެވެ. އަދި އޭނާގެ ބަންދަށް ދިން 15 ދުވަސް އިއްޔެ ހަމަވުމާ ގުޅިގެން ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ. އަދި އިއްޔެ ކޯޓުންވަނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް އިތުރުކޮށްދީފައެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ވިކްޓިމްއާ ގުޅުން އުފެއްދީ މިދިޔަ މަހުގެ 24 ގައެވެ. އެއަށްފަހު ވައިބާ މެދުވެރިކޮށް ފޮނުވި ލިންކަކަށް ފިތާލުމުން ފޯނު ރީސެޓުވެ، އެ މީހާގެ އެކައުންޓުން 50،000 ރުފިޔާ ވަނީ ކެނޑިފައެވެ. މި ފައިސާ ޖަމާވެފައިވަނީ މޫސާ މުހައްމަދުގެ އެކައުންޓަށެވެ.

އޭނާ ބަންދުކުރުމަށް ކޯޓުން ނެރުމުގެ އަމުރުގައިވަނީ ހަމަ މިފަދަ ގޮތަކަށް މީހުންގެ ވައިބާ ކޮމްޕްރަމައިޒްކޮށްގެން އެކި މީހުންގެ އެކައުންޓުން އޭނާގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ އިތުރު 10 މައްސަލައެއް ފުލުހުން ފާހަގަކުރެވިފައިވާ ކަމަށެވެ، އަދި ތަހުގީގުގައި އޭނާ ވަނީ އެ ފައިސާ ދައްކާނެ ކަމަށް ބުނެފައެވެ.

މޫސާ މުހައްމަދާ ދެކޮޅަށް ކުށް ކުރިކަމުގެ ހެކި ލިބިފައިވާ އިރު، މައްސަލައިގެ އިންސިޑެންޓް ރިޕޯޓުތަކާއި ބޭންކްގެ ލިޔެކިޔުންތައް ކޯޓަށް ވަނީ ހުށަހަޅާފައެވެ.