ދުނިޔޭގެ އެންމެ ބޮޑު ދެ އިގުތިސާދުގެ ދެމެދުގައި އޮތް ފުން ނުތަނަވަސްކަމަށް ނިމުމެއް އަތުވެދާނެބާއެވެ؟ ބެއިޖިންގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފައިބާވަޑައިގަތުމާއެކު، މަރުހަބާ ދެންނެވުމަށް އޮތް ކުލަގަދަ ރަސްމިއްޔާތުން ފެނިގެންދިޔައީ އާދަޔާހިލާފު މަންޒަރުތަކެކެވެ. ޗައިނާގެ ނައިބު ރައީސް ހާން ޖެންގް އެމަނިކުފާނަށް މަރުހަބާ ވިދާޅުވުމަށް ވަޑައިގެން ހުންނެވިއިރު، މިއީ 2017 ވަނަ އަހަރު ޓްރަމްޕް ޗައިނާއަށް ކުރެއްވި ދަތުރުފުޅާ އަޅާބަލާއިރު މާ މަތީ ފަންތީގެ މަރުހަބާއެކެވެ.
ރަތް ދޫލައިގެ މަތިން ހިންގަވާފައި ވަޑައިގެންނެވިއިރު، ޓްރަމްޕްގެ ފަހަތްޕުޅުގައި އެމެރިކާގެ އެންމެ ނުފޫޒުގަދަ ވިޔަފާރިވެރިން ތިއްބެވިއެވެ. މިއީ ހަމައެކަނި ސިޔާސީ ބައްދަލުވުމެއް ނޫންކަމާއި، މިއީ އެތައް ބިލިއަން ޑޮލަރެއްގެ ވިޔަފާރީގެ މުއާމަލާތްތަކެއް އެކުލެވޭ ދަތުރުފުޅެއްކަން މި މަންޒަރުން އެކަނިވެސް ސާފުވެއެވެ. ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގެ ބިޔަ ދޮރުތަކުން އެތެރެއަށް ވަދެވަޑައިގަތްއިރު، މުޅި ދުނިޔޭގެ ކަޅި ހުރީ މި ދެ ލީޑަރުންގެ ހަރަކާތްތަކަށް ހުއްޓިފައެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން އާއެކު ބޭއްވެވި މަޝްވަރާތަކުގައި ދެ ބޭފުޅުންވެސް ވަނީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. ޝީ ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ހުރި ތަފާތުތަކަށްވުރެ ބޮޑަށް، ދެ ގައުމަށް ފައިދާހުރި ކަންކަން މާ ގިނައެވެ. އަދި އެމެރިކާއާއި ޗައިނާއަކީ ވާދަވެރިންގެ ބަދަލުގައި ބައިވެރިންނަށް ވާންޖެހޭނެކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މި މޭރުމުން ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވަނީ ޝީގެ ލީޑަޝިޕަށް ވަރަށް ބޮޑަށް ތާރީފު ކުރައްވާފައެވެ.
ޓްރަމްޕް ބޭނުންފުޅުވަނީ އެމެރިކާގެ ކުންފުނިތަކަށް ޗައިނާގެ މާކެޓު އިތުރަށް ހުޅުވާލުމަށާއި، އެމެރިކާގެ އުފެއްދުންތައް ޗައިނާއިން ގަންނަ މިންވަރު އިތުރުކުރުމަށެވެ. އަނެއްކޮޅުން ޝީ ބޭނުންފުޅުވަނީ ޓައިވާނުގެ މައްސަލައިގައި އެމެރިކާއިން ދޫދިނުމަށާއި، ޗައިނާގެ މުދަލުން ނަގާ ޓެރިފްތައް ކުޑަކުރުމަށެވެ.
މި ދަތުރުފުޅުގައި ޓްރަމްޕްގެ އަރިހުގައި ވަޑައިގެންނެވި ވިޔަފާރިވެރިންގެ ލިސްޓަށް ބަލާލުމުން، މިއީ ކިހާ މުހިންމު ދަތުރުފުޅެއްކަން ހާމަވެއެވެ. ޓެސްލާ އަދި ސްޕޭސްއެކްސްގެ ވެރިޔާ އީލޮން މަސްކް، އެޕަލްގެ ސީއީއޯ ޓިމް ކުކް، އަދި އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ފަދަ ބޭފުޅުން މި ލިސްޓުގައި ހިމެނެއެވެ. މީގެ އިތުރުން ބޮއިން، ބްލެކްރޮކް، އަދި ގޯލްޑްމަން ސެކްސް ފަދަ ބޮޑެތި ކުންފުނިތަކުގެ ވެރިންވެސް ބެއިޖިންގައި އެބަތިއްބެވިއެވެ.
ޗައިނާގެ ބޮޑުވަޒީރު ލީ ޗިއާން އާއެކު މި ބޭފުޅުން ބޭއްވެވި ބައްދަލުވުންތަކުގައި ވަނީ އެއްބާރުލުން ދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މަސްކް ބޭނުންވަނީ ޗައިނާއިން 2.9 ބިލިއަން ޑޮލަރުގެ ސޯލާ ޕެނަލް އުފައްދާ ސާމާނު ގަތުމަށާއި، ޓެސްލާގެ އަމިއްލައަށް ދުއްވާ ނިޒާމު ޗައިނާގައި ބޭނުން ކުރުމުގެ ހުއްދަ ހޯދުމަށެވެ. އެޕަލްގެ ޓިމް ކުކް މަސައްކަތް ކުރައްވަނީ އައިފޯނު އުފެއްދުމުގައި ޗައިނާއަށް ބަރޯސާވާ މިންވަރު ބޮޑުކަމުން، ޓެރިފްތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށެވެ. އަދި އެންވީޑިއާގެ ހުއާން ބޭނުންވަނީ އެމެރިކާގެ އެކްސްޕޯޓް ކޮންޓްރޯލްތަކުގެ ސަބަބުން ހުއްޓިފައިވާ އޭއައި ޗިޕްތައް ޗައިނާއަށް ވިއްކުމުގެ މަގު ފަހިކުރުމަށެވެ.
ޓެކްނޮލޮޖީގެ ރޮނގުން ދެ ގަައުމުގެ ދެމެދުގައި އޮތް ވާދަވެރިކަން ވަނީ އިންތިހާއަށް ގޮސްފައެވެ. އެމެރިކާއިން ސަލާމަތީ ސަބަބުތަކަށްޓަކައި އެންވީޑިއާގެ އެންމެ ފަހުގެ ޗިޕްތައް ޗައިނާއަށް ވިއްކުން މަނާކުރުމާ ގުޅިގެން، ޗައިނާއިން ވަނީ ރައްދުގައި ފިޔަވަޅުތަކެއް އަޅާފައެވެ. ސްމާޓްފޯނުން ފެށިގެން ހަނގުރާމަމަތީ މަތިންދާބޯޓު އުފެއްދުމަށް ބޭނުންވާ މުހިންމު މައުދަންތައް ނުވަތަ ރެއާ އާރތް މެޓަލްސް އެކްސްޕޯޓް ކުރުން ޗައިނާއިން ވަނީ ކޮންޓްރޯލް ކޮށްފައެވެ. މިއީ އެމެރިކާގެ ސިނާއަތްތަކަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް، މިދިޔަ އޮކްޓޯބަރު މަހު ދެ ގަައުމުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މި ފިޔަވަޅުތައް ވަނީ ވަގުތީގޮތުން މަޑުޖައްސާލާފައެވެ. ޓްރަމްޕްގެ މި ދަތުރުފުޅުގައި މި އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
ވިޔަފާރީގެ އިތުރުން، މި ބައްދަލުވުމުގެ އެންމެ މުހިންމު އެއް މައުޟޫއަކީ މެދުއިރުމަތީގެ ވާހަކަތަކެވެ. ހާއްސަކޮށް އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މައްސަލައެވެ. ޗައިނާއަކީ އީރާނުގެ ތެލާއި ގޭސް އެންމެ ގިނައިން ގަންނަ ގައުމަށް ވުމާއެކު، މި މައްސަލައިގައި ޗައިނާގެ ދައުރު ވަރަށް ބޮޑެވެ. ދެ ގަައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ޓައިވާނުގެ ވާހަކަ ނެތް ނަމަވެސް، ހުރުމޫޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށާއި، އެތަނުން ދަތުރުކުރާ އުޅަނދުތަކުން ފީ ނުނެގުމަށް ޗައިނާއިން ތާއީދު ކުރާކަން ވަނީ ހާމަކޮށްފައެވެ. އަދި އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ދެކޮޅަށް ދެ ގަައުމުން ވަނީ އެއްބަސްވެފައެވެ. މިއީ އެމެރިކާއަށް ލިބުނު ސިޔާސީ ކާމިޔާބީއެއްގެ ގޮތުގައި ބެލެވިދާނެއެވެ. ނަމަވެސް، މިކަމުގެ ބަދަލުގައި ޗައިނާއިން އެމެރިކާގެ ކިބައިން ކޮންކަހަލަ ދޫތަކެއް ހޯދާނެކަން އަދި ސާފެއް ނުވެއެވެ.
މި މަޝްވަރާތަކުގެ ނަތީޖާއަށް އިންތިޒާރު ކުރަމުންދަނީ ހަމައެކަނި އެމެރިކާއާއި ޗައިނާއިންނެއް ނޫނެވެ. ދެކުނު ކޮރެއާއާއި ޖަޕާނު ފަދަ ގަައުމުތަކުން ދަނީ މި ބައްދަލުވުން ވަރަށް ގާތުން ދިރާސާ ކުރަމުންނެވެ. ދެކުނު ކޮރެއާއަށް ބޭނުންވާ ހަކަތައިގެ ބޮޑު ބައެއް ހުރުމޫޒް ކަނޑުއޮޅި މެދުވެރިކޮށް ގެންނަންޖެހޭއިރު، އެ މަގު ހުޅުވިފައި އޮތުމަކީ އެ ގަައުމުގެ އިގުތިސާދަށް ނުހަނު މުހިންމު ކަމެކެވެ. އަދި ޓައިވާނުގެ މައްސަލައިގައި އެމެރިކާގެ ސިޔާސަތަށް އަންނަ ކޮންމެ ބަދަލަކީ މުޅި އޭޝިއާ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އޭގެ އަސަރުކުރާނެ ކަމެއްކަމަށް މުޙައްލިލުން ދެކެއެވެ. ޓްރަމްޕްގެ ހާރިޖީ ސިޔާސަތުގައި ހުންނަ ނުކަށަވަރުކަމުގެ ސަބަބުން، އެމެރިކާގެ ބައިވެރިންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަންވެސް ފާހަގަކުރެވެއެވެ. ހާއްސަކޮށް، ކުރިއަށް އޮތް ހަފްތާގައި އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުއަޑް ގަައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމަށް މިކަމުގެ ހިޔަނި އެޅިގެންދާނެކަމަށް ބެލެވެއެވެ.
ދެ ގަައުމުގެ މެދުގައި އޮތް ވާދަވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާއިރު، މީގެ އެއް މިސާލަކީ ނޭޕާލްގެ މައުންޓް އެވަރެސްޓް ސަރަޙައްދުގައި ހިނގަމުންދާ ޑްރޯންގެ ވާދަވެރިކަމެވެ. އެމެރިކާގެ ރަސްމީ ވަފުދަކުން އެވަރެސްޓް ބޭސް ކޭމްޕަށް ގޮސް، އެމެރިކާގައި އުފައްދާފައިވާ ޑްރޯންތައް ޓެސްޓުކުރުމަށް އުޅުމުން ނޭޕާލް ސަރުކާރުން ވަނީ އެކަމަށް ހުއްދަ ނުދީފައެވެ. ނަމަވެސް، ޗައިނާގެ ޑީޖޭއައި ކުންފުނީގެ ޑްރޯންތައް އެ ސަރަހައްދުގައި ދަނީ ބޭނުން ކުރަމުންނެވެ. މިއީ ކުޑަ ކަމެއްގެ ގޮތުގައި ފެނުނު ނަމަވެސް، މިއީ ޓެކްނޮލޮޖީގެ މައިދާނުގައި ޗައިނާއިން ހޯދަމުންދާ ކުރިއެރުންތަކާއި، އެމެރިކާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ރަމްޒުކޮށްދޭ ކަމެކެވެ.
ޓްރަމްޕް މި ދަތުރުފުޅު ކުރައްވަމުން ގެންދަވަނީ އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހުވެސް ވަރަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އަންނަ ނޮވެމްބަރު މަހު އޮންނަ މިޑްޓާމް އިންތިހާބާ ކުރިމަތިލާއިރު، އެމެރިކާގެ އިގުތިސާދަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމަކީ ޓްރަމްޕަށް މަޖުބޫރު ކަމެކެވެ. އިޒްރޭލާއި އީރާނުގެ ހަނގުރާމައިގެ ސަބަބުން އެމެރިކާގައި ތަކެތީގެ އަގު ބޮޑުވެ، އާންމުންގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެހެންކަމުން، ޗައިނާއިން އެމެރިކާގެ ކުންފުނިތަކަށް ފުރުސަތުތައް ފަހިކޮށްދީ، އިންވެސްޓްމަންޓްތައް ގެނައުމަކީ ޓްރަމްޕްގެ ސިޔާސީ މުސްތަގުބަލަށް ވަރަށް މުހިންމު ކަމެކެވެ. ބޮއިން ކުންފުނިން ޗައިނާއަށް އެތައް ސަތޭކަ ބޯޓެއް ވިއްކުމަށް ކުރަމުންދާ މަޝްވަރާތައް ކާމިޔާބުވެއްޖެނަމަ، މިއީ އެމެރިކާގައި އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެ ކަމެކެވެ. މި ދަތުރުފުޅުގައި ޓްރަމްޕްގެ ދަރިކަލުން އެރިކް ޓްރަމްޕް ބައިވެރިވެވަޑައިގަތުމަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމެކެވެ. މީގެ ކުރިން ޖޯ ބައިޑަންގެ ދަރިކަލުން ހަންޓާ ބައިޑަން ޗައިނާއަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޗައިނާގެ ފަރާތުން ބަލާއިރު، މި ބައްދަލުވުމާ ދިމާކޮށް ޗައިނާގެ ފައިސާ ޔުއާންގެ އަގު ވަނީ ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ނުދާހާ މައްޗަށް ގޮސްފައެވެ. މިއީ އިންވެސްޓަރުން މި ބައްދަލުވުމާމެދު އުންމީދީ ނަޒަރަކުން ދެކޭކަމުގެ ހެއްކެކެވެ. ޗައިނާގެ ކޮމާސް މިނިސްޓްރީން ވަނީ އެމެރިކާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. ހާއްސަކޮށް، ހަމަހަމަކަމާއި އިޙުތިރާމާއެކު ދެ ފަރާތަށްވެސް ފައިދާވާނެ ގޮތަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. ޝީ ޖިންޕިންގެ އަރިހުގައި މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތީ އެމަނިކުފާނުގެ އެންމެ އިތުބާރުކުރައްވާ ބޭފުޅުންނެވެ. އޭގެ ތެރޭގައި ޗީފް އޮފް ސްޓާފް ކައި ޗީ އާއި، ހާރިޖީ ވަޒީރު ވާންގް ޔީ އަދި ވިޔަފާރީގެ ކަންކަމާ ހަވާލުވެހުންނެވި ނައިބު ބޮޑުވަޒީރު ހީ ލިފެންގް ހިމެނިވަޑައިގަންނަވައެވެ.
ބެއިޖިންގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބޭއްވުނު ރަސްމީ ފަރިއްކޮޅަށްފަހު، ދެން އޮތީ އަމަލީ ގޮތުން މި އެއްބަސްވުންތައް ތަންފީޒުކުރުމުގެ މަރުހަލާއެވެ. ޓްރަމްޕާއި ޝީގެ މި ބައްދަލުވުމަކީ ހަމައެކަނި ދެ ގަައުމުގެ ގުޅުމަށް އައި ބަދަލެއް ނޫނެވެ. މިއީ މުޅި ދުނިޔޭގެ އިގުތިސާދާއި ސަލާމަތީ މަސްރަހަށް އޭގެ އަސަރު ފޯރާނެ ކަމެކެވެ. ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރައިދިއުމަށް ދެ ގަައުމުން ކުރާ މަސައްކަތާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތައް ގުޅިފައިވަނީ މި ދެ ލީޑަރުންގެ ނިންމެވުންތަކާއެވެ. އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ވެރިން އެނބުރި ގައުމަށް ވަޑައިގަންނަވާނީ އާ އުންމީދުތަކަކާއެކުގައެވެ. ނަމަވެސް، މި އުންމީދުތައް ހަގީގަތަކަށް ވުމާއި ނުވުން ބިނާވެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގަައުމުގެ ސަރުކާރުން އަޅާ ފިޔަވަޅުތަކެއްގެ މައްޗަށެވެ.
