މަޖިލީހުގެ ދައުރު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިންމައިފިއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މިހާރު ހިނގަމުންދާ ދައުރުގެ ފަހު ދުވަހަކީ މާދަމާއެވެ. ނަމަވެސް އެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރު ކުރަން މިއަދު ވަނީ ފާސްކޮށްފައެވެ. މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާ ގުޅިގެން ދައުރު ދަންމާލުމަށް ރިޔާސަތުން ހުށަހެޅުއްވި ހުށަހެޅުއްވުމަކަށެވެ.
މިއަދު ވޯޓު ގަޑީގައި ވަނީ ދައުރު އިތުރުކުރުމާއި މެދު މެންބަރުންނަށް ފެންނަ ގޮތަށް ބެލުމަށް ވޯޓަށް އަހާފައެވެ. އެގޮތުން ފެންނަ ކަަމަށް 58 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް 11 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އެހެންކަމުން މަޖިލީހުގެ މި ދައުރު 31 ނިލަޔަށް އިތުރުކުރުމަށް ވަނީ ފާސްވެފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، މަޖިލީހުން ނިންމަން މުހިންމު މަސައްކަތްތަކެއް ހުރުމުން މި ދައުރުގެ މުއްދަތު އިތުރުކުރުމަށް ގަސްދުކުރައްވާ ކަމަށެވެ.
ނިންމަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރިކަން މަޖިލީހުގެ ރައީސް އިއުލާނު ކުރެއްވި ނަމަވެސް އެއީ ކޮން މަސައްކަތްތަކެއް ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ. މަޖިލީހުގެ ދައުރު ދަންމާލާފައިވާއިރު މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަޤާމުން ވަކިކުރުމުގެ ގަރާރެއްވެސް ޕީއެންސީން ވަނީ ހުށަހަޅާފައެވެ.
