ގާނޫނާއި ގަވާއިދާ ހިލާފަށް ދިވެހިރާއްޖެއަށް އެތެރެކޮށް، ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓްތަކެއް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ އެކި ބްރޭންޑްތަކުގެ ސިނގިރޭޓް ގާނޫނާ ހިލާފަށް އެތެރެކޮށް ވިއްކަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
މި މެއި މަހުގެ 13 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަން ވަނީ ބަލައި ފާސްކޮށްފައެވެ. އެގޮތުން މާލޭގެ ގަލޮޅު ސަރަހައްދުގެ ގެއަކާއި، ހުޅުމާލެ ފޭސް 2 ގައި ހުންނަ "އަމާން ދޯދި" އެޕާޓްމަންޓެއްގެ އިތުރުން ވޭންއެއް ބަލައި ފާސްކޮށްފައިވެއެވެ.
މި ބަލައި ފާސްކުރުންތަކުގެ ތެރެއިން 18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މި މައްސަލާގައި ހިމެނޭ ވޭން ފުލުހުން ވަނީ ޓޯކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިގެ ކުރިން އެކި ފަހަރު މަތިންވެސް ވަގަށް އެތެރެކޮށްގެން ވިއްކަމުންދިޔަ ސިނގިރޭޓު ފުލުހުން ވަނީ އަތުލައިގެންފައެވެ. އެގޮތުން 2024 ވަނަ އަހަރުވެސް ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 173 ސިނގިރޭޓް ކާޓޫން ކަސްޓަމުން އަތުލައިގަތް އިރު އޭގެ މަގުމަތީ އަގު 1.6 މިލިއަން ރުފިޔާއަށް އަރައެވެ.
