1447 ވަނަ އަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރާ ހައްޖުވެރިންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ. އެމްއޭސީއެލް އިން ބުނީ މި އިންތިޒާމުތައް ހަމަޖައްސާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީއާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އަދި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެންކަމަށެވެ.
މިއަހަރު ރާއްޖެއިން ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓަކާއި ސައުދިއާގެ ދެ ފްލައިޓެއްގައެވެ. މި ފްލައިޓްތަކުން ފުރާ ޙައްޖުވެރިންނަށް 'މައްކާ ރޫޓް އިނިޝިއޭޓިވް' ގެ ދަށުން ހާއްސަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުއެވެ.
ފުރަތަމަ ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ މޭ 15 ވާ ހުކުރު ދުވަހުއެވެ. ސައުދިއާގެ މި ފްލައިޓުން 242 ޙައްޖުވެރިން ފުރާނެއެވެ. އެ ދުވަހު ހައްޖުވެރިން ގޮވައިގެން އެއާޕޯޓަށް އަންނަ ބަސްތައް މަޑުކުރާނީ ވީއައިއޭގެ ކުރީގެ ޑޮމެސްޓިކް ޓާމިނަލް ކުރިމައްޗަށެވެ. މީގެ އިތުރުން، އެހެން އަހަރުތަކެކޭ އެއްފަދައިން ވޯޓާ ފްރަންޓު އިމާރާތުގެ ތިރީގައި ހުކުރު ނަމާދުކުރުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހު ފުރާ ހައްޖުވެރިން ގޮވައިގެން އަންނަ ބަސްތައް މަޑުކުރުމަށް ހަމަޖެހިފައިވަނީ ޓާމިނަލް 2 ގެ ޑްރޮޕް އޮފް ސަރަޙައްދަށެވެ. އަދި އެ ދުވަސްތަކުގައި ހައްޖުވެރިން މަޑުކުރާނީ ޓާމިނަލް 2 ގެ ކޮންކޯސް އޭރިއާގައެވެ. ހައްޖުވެރިން ފުރާ ވަގުތުތަކުގައި ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެއާޕޯޓުގެ އޮފިޝަލުން އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުން ދާނެކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެއެވެ.
