އޮންލައިން ނޫސް "އަދަދު" ގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހްޒާން އަދި ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފައިވާއިރު، މިއީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހެއްކެތްކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ މިއީ ނޫސްވެރިންނަށް ބިރުދައްކާ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ލަދުވެތި އާ ސަފުހާއެއްކަމަށާއި، އަދި މިއީ ޝަރުއީ ނިޒާމުގެ ތެރެއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމުގެ ސާފު ހެއްކެއްކަމަށެވެ.
ސޯލިހު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދެމުންދާ މިފަދަ ހަމަލާތައް ކާމިޔާބު ނުވާނެ ކަމަށާއި، ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމުގައި ފަސްޖެހުމެއްނެތި ދެމިތިބޭނެ ކަމަށެވެ.
އަދަދު ނޫހުގެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ކްރިމިނަލް ކޯޓުން އޮތީ މިދިޔަ އާދީއްތަ ދުވަހު އަމުރުކޮށްފައެވެ. އެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް ވެސް އަމުރުގައިވެއެވެ.
ޝަހުޒާން ކޯޓަށް ހާޒިރުވީ ވަކީލަކާ ނުލަ އެވެ. ވަކީލަކު އައްޔަންކުރަން ފުރުސަތު ދޭން 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެދުނު ނަމަވެސް ވަކީލަކު އައްޔަންކުރަން ޝަހުޒާނަށް ދިނީ ދެ ގަޑިއިރުގެ ވަގުތެކެވެ. ދެ ގަޑިއިރު ފަހުން އޭނާ ކޯޓަށް ހާޒިރުވީ ވަކީލަކާ ނުލަ އެވެ. ޝަހުޒާން ބުނިގޮތުގައި އެ ވަގުތުގެ ތެރޭގައި އޭނާ ތަމްސީލްކޮށްދޭނެ ވަކީލަކު ހަމަ ނުޖެހުނީއެވެ.
އަދި ވަކީލަކު އައްޔަންކުރަން އިތުރު ފުރުސަތެއް ނުދީ، ކޯޓުން ނިންމީ ޝަހުޒާން ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށެވެ. އަދި އަދަބަކަށް 15 ދުވަހަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކުރިއިރު ލީވާން ޖަލަށް ލާން ހުކުމް ކުރީ 10 ދުވަހަށެވެ.
