ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ރައީސް އޮފީހުން މައުލޫމާތު ހޯދައި ލިބިގަތުމަށް އެދި ޖުމްލަ 288 އާރްޓީއައި ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 233 އާރްޓީއައި އަކަށް ޖަވާބުދީފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިހެން ވިދާޅުވީ، މިއަދު ބޭއްވި "ޕްރެސާ ވިތު ދަ ސްޕޮކްސް" ބައްދަލުވުމުގައި، މައުލޫމާތު ފޯރުކޮށްދިނުމުގައި ހުރި ކުރިއެރުންތަކާއި، ދިމާވާ ބޮޑެތި ގޮންޖެހުންތަކުގެ މައްޗަށް ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި މަސްތަކުގައި ރައީސް އޮފީހަށް ހުށަހެޅުނު އާރުޓީއައި ފޯމުތަކުގެ އަދަދު ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ.

ތަރުޖަމާނު ހާމަކުރެއްވި ގޮތުގައި، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އެކަނިވެސް 106 އާރުޓީއައި ފޯމު އެ އޮފީހަށް ލިބިފައި ވެއެވެ. އޭގެ ތެރެއިން 63 ފޯމަކަށް މިހާރު ވަނީ ފުރިހަމައަށް ޖަވާބު ދީފައެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް 182 އާރުޓީއައި ފޯމު ހުށަހެޅުނުއިރު، އޭގެ ތެރެއިން 170 ފޯމަކަށް މައުލޫމާތު ދޫކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)

މި ދެ މުއްދަތުގެ ތަފާސްހިސާބުތައް އެއްކޮށްލުމުން، ޖުމްލަ 288 އާރްޓީއައި ރައީސް އޮފީހަށް ލިބިފައިވާ ކަމަށާއި 233 އާރްޓީއައިއަށް ޖަވާބު ދީފައިވާއިރު 55 ވަނީ ޕެންޑިން މަރުހަލާގައި ކަމަށް މުންދު ވިދާޅުވިއެވެ.

މި އަދަދުތަކުން ދައްކައިދެނީ މައުލޫމާތު ހޯދުމަށް ރައްޔިތުންނާއި ނޫސްވެރިން ކުރާ މަސައްކަތް އިތުރުވެފައިވާ މިންވަރެވެ. ނަމަވެސް، މި ފޯމުތަކަށް ޖަވާބުދިނުމުގައި ސަރުކާރުގެ މުއައްސަސާތަކަށް ކުރިމަތިވާ އުނދަގޫތަކެއް ހުރިކަން ތަރުޖަމާނުގެ ވާހަކަފުޅުން ހާމަވިއެވެ. އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، ކާކުކަން ނޭނގޭ ގޮތަށް އެއް މައުލޫމާތެއް ހޯދުމަށް ތަކުރާރުކޮށް ގިނަ ފޯމުތަކެއް ހުށަހެޅުމެވެ.

މީގެ ސަބަބުން އިދާރީ ގޮތުން ވަގުތުތަކެއް ގެއްލި، ހަގީގީ ބޭނުމުގައި މައުލޫމާތު ހޯދަން އެދޭ ފަރާތްތަކަށް ޖަވާބުދިނުން ލަސްވުމުގެ ފުރުސަތު އޮވެއެވެ. އަދި މައުލޫމާތު ހޯދަންޖެހޭ ތަން ނޫން އެހެން ތަންތަނަށް އާރުޓީއައި ފޮނުވުމަކީވެސް އާންމުކޮށް ދިމާވާ ކަމެއްކަމަށް ވިދާޅުވިއެވެ. މިސާލަކަށް، ވަކި ވުޒާރާއަކުން ސާފުކުރަންޖެހޭ ކަމެއްގައި ސީދާ ރައީސް އޮފީހަށް ފޯމު ހުށަހެޅުމުން، އެ މައުލޫމާތު ހޯދުމުގެ މަރުހަލާ ދިގުލައިގެންދާ ކަމަސް މުންދު ވިދާޅުވިއެވެ.

މީގެ އިތުރުން އާރުޓީއައި ގާނޫނުގެ މަގުސަދާ ހިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރާކަމުގެ ކަންބޮޑުވުންވެސް ތަރުޖަމާނު ފާޅުކުރެއްވިއެވެ. ވަކި މަގުސަދެއް ހާސިލުކުރުމުގެ ބޭނުމުގައި، ނުވަތަ ވަކި ގޮތަކަށް ޖަވާބު ލިބޭނެހެން ސުވާލު އުފައްދައިގެން ފޯމު ހުށަހެޅުމަކީ މައުލޫމާތު ފޯރުކޮށްދިނުމުގައި ދަތިތައް ދިމާވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އާރުޓީއައި ގާނޫނަކީ ތެދު މައުލޫމާތު ހާމަކުރުމަށް އޮތް ވަސީލަތަކަށް ވީނަމަވެސް، ސުވާލުތައް ފަރުމާކޮށްފައި ހުންނަ ގޮތުން، ބައެއް ފަހަރު މައުލޫމާތު އޮޅޭގޮތަށް ކަންކަން މާނަކުރުމުގެ ޖާގަ އުފެދޭ ކަމަށް ވިދާޅުވިއެވެ.

މިފަދަ ފޯމުތަކަށް ޖަވާބު ތައްޔާރުކުރުމުގައި އިދާރީ މުވައްޒަފުންނާއި ގާނޫނީ ލަފާދޭ ފަރާތްތަކުން ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމަކީ، މުޅި ނިޒާމުގެ ދުވެލި މަޑުޖެހި، އެހެނިހެން މުހިންމު މަސައްކަތްތަކަށް ހުރަސްއެޅޭ ކަމެއްކަން ފާހަގަކުރެވެއެވެ.