ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކާއި ހިންގާ ހަރަކާތްތަކުގައި ގާނޫނާ ހިލާފު އަމަލުތަކެއް ތަކުރާރުވަމުންދާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގެ (ޅ) ގެ ދަށުން އެހެން ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ހަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށެވެ.
އަދި ހުރިހާ ޕާޓީތަކަކުންވެސް ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް އަމަލުކުރުމަކީ ގާނޫނީގޮތުން ލާޒިމް ކަމެއްކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. މީގެ އިތުރުން އެއް ޕާޓީއަކުން ބާއްވާ ބައްދަލުވުމަކަށް އަނެއް ޕާޓީއަކުން ހުރަސްއެޅުމާ އެއް ވަގުތެއްގައި އެއް ތަނެއްގައި ވާދަވެރި ހަރަކާތްތައް ހިންގަން މަސައްކަތް ކުރުމަކީ ވެސް ސިޔާސީ ޕާޓީގެ ގަވައިދާ ހިލާފުކަމެއް ކަމަށް އީސީން ވަނީ ބުނެފައެވެ.
އީސީން ވަނީ ޕީއެންއެފްގެ ހަރަކާތްތަކުގައި މިފަދަ ގާނޫނާ ހިލާފު ކަންތައްތަކެއް ހުރިކަމަށް މައުލޫމާތު ލިބުމާ ގުޅިގެން އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވެ އެ ޕާޓީއަށް އަންގާފައިވާކަމަށާއި، ނަމަވެސް އެ ފަދަ އަމަލުތައް ތަކުރާރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ބުނެފައެވެ. އަދި މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޝަނަށް ހާޒިރުވުމަށް އެ ޕާޓީއަށް ދައުވަތު ދިނުމުން ވެސް އެކަމަށް ޕީއެންއެފް އިން އުޒުރުވެރިވެފައިވާކަމަށް އީސީން ވަނީ ބުނެފައެވެ.
އެއާއެކު އީސީން ވަނީ މިފަދަ އަމަލުތައް ތަކުރާރުވާނަމަ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.
