މިއަހަރުގެ ގައުމީ ދުވަހަށް ބޮޑުތަކުރުފާނުގެ އާސާރުތައް ތަރައްގީކުރުމުގެ މަޝްރޫއުތައް ނިންމުމަށް މަސައްކަތްކުރަމުން އަންނަކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. އަތޮޅުގެ ތިން ރަށެއްގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާ ހަވާލުކޮށްގެން މުހިންމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހީނާ ވަނީ މި މަޝްރޫއުތަށް ކުރިއަށް ދާ ގޮތުގެ ތަފްސީލުތައް ހާމަކުރައްވާފައެވެ. އެގޮތުން ބޮޑުތަކުރުފާނު އުފަންވި، ހއ،އުތީމުގައި "ސްޓޯރީ ފޮރެސްޓް ޕާކެއް" ބިނާކުރުމާއި، އުތީމު ގަނޑުވަރު މަރާމާތުކުރުމާއި، ކަނދުވަލު މިސްކިތާއި އެ ސަރަހައްދުގެ އާސާރުތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބަނދަރު ސަރަހައްދުގައި ހަނދާނީ ދޮރޯއްޓެއް އަދި އިސްރަށްވެހިންގެ ޕާކެއް ހެދުމަށް ނިންމާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
އަލިތަކުރުފާނުގެ ހަނދާނުގައި "އަލިތަކުރުފާނު ހަނދާނީ މަރުކަޒު" ހއ. ތަކަންދޫގައި ބިނާކުރުމުގެ ކޮންސެޕްޓް މަސައްކަތްތައް ނިމިފައިވާކަން ހާމަކުރައްވަމުން ހީނާ ވިދާޅުވީ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އަދި އެރަށުގެ އެވޭލާ ހިރިގަލުގެ މަސައްކަތްތަކާއި، ވެޔޮ އަދި ގަބުރުސްތާނު ސަރަހައްދު މަރާމާތުކުރުންވެސް ކުރިއަށް ދާނެކަމަށް ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހީނާ ވިދާޅުވީ ކަޅުއޮށްފުންމި ބަނދެވުނު ހއ.ބާރަށުގައި ހުރި ތާރީހީ ތަންތަން ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ނިމިފައިވާކަމަށެވެ.
މި މަސައްކަތްތަކުގެ ގްސަދަކީ ރާއްޖޭގެ މުއްސަނދި ތާރީހާއި ސަގާފީ ތަރިކަ ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުންކަން ހާމަކުރައްވަމުން ހީނާ ވިދާޅުވީ މި މަޝްރޫއުތައް މިއަހަރުގެ ގައުމީ ދުވަހާ ދިމާކޮށް އިފްތިތާހްކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
