މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު މުބީން މިއަދު އައްޔަންކުރައްވައިފިއެވެ.
މިއަދު އެ ކުންފުނިން ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ މުބީން އެ މަގާމަށް އައްޔަންކުރެއްވިކަން ކަށަވަރުކޮށްދީ، އޭނާއަށް މަރުހަބާ ކިޔާފައެވެ.
މުބީންގެ އިސްނެގުމާއި ސްޓްރެޓީޖިކް ވިސްނުމުގެ ސަބަބުން ކުންފުނި އައު އުސްމިންތަކަކަށް ވާސިލުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.
މުބީން އަކީ ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގައި ފާދިއްޕޮޅު ބިލެތްދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން މުބީން ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައެވެ. އެ މަގާމުން މުބީން އަމިއްލައަށް އިސްތިއުފާ ދެއްވީ އެ ކުންފުންޏާއި އެއާޕޯޓްސް ކުންފުނި އެމްއޭސީއެލް އެއްކޮށްލަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
މުބީން މި މަގާމަށް އައްޔަންކުރެވުނީ އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.
