ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ގޮތަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީގެ އޮނިގަނޑާ ހިލާފް އިސްލާހެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ދުސްރޫރީ މައްސަލައެއް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ. މި މައްސަލައަށް އެމްޑީޕީންނާއި ޑިމޮކްރެޓްސް އިން ވަނީ ތަދައްހުލްވެފައެވެ.
ސުޕްރީމް ކޯޓުގައި ޝަރީއަތް ފަށާފައިވާ މައްސަލާގައި އެދިފައި ވަނީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ބާތިލް އިސްލާހެއް ކަމަށް ކަނޑައަޅައި ދޭށެވެ. އެއީ އެ އިސްލާހު ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ އާއި ފަސް ވަނަ އަދި އަށް ވަނަ މާއްދާއާ ވެސް ހިލާފުވާތީ އަދި 73 ވަނަ މާއްދާ އާއި 90 ވަނަ މާއްދާއާ ވެސް ހިލާފުވާ ކަމަށް ބުނެއެވެ. އެ އިސްލާހަކީ މިހާރު ތިބި މަޖިލީހުގެ މެންބަރުންނަށް އެއްވެސް ގޮތަކުން އެޕްލައި ކުރެވޭނެ އިސްލާހެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އަލީ ހުސެއިންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފަ އިވެއެވެ.
މި މައްސަލައިގަައި މިއަދު ހުކުމް އިއްވާފައިވާ އިރު، އުއްތަމަ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ވިދާޅުވީ، މި އިސްލާހަކީ ދުސްތޫރީ ބާރުވެރިކަން ލިބުގެން ނުވާ އިސްލާހެއް ކަން ކަނޑައެޅޭނެ ހަމައެއް ނެތް ކަމަށާއި އަދި އެ އިސްލާހަކީ މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުން މަޖީލީހަށް އިންތިހާބުވެފައިވާ މެންބަރުންގެ މައްޗަށް ތަތުބީރުކުރެވޭނެ އިސްލާހެއް ނޫން ކަމަށް ކަނޑައެޅޭނެ އަސާސެެއް ނެތް ކަމަަށެވެ.
ފަނޑިޔާރުންގެ ރައުޔު އިއްވަމުން ފަނޑިޔާރު ޣަނީ ފާހަގަކުރެއްވި ނުކުތާ ތަކަށް ބަލާއިރު، މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރި ފަހުން މެންބަރެއްގެ ގޮނޑިއާ މެދު އެ އިސްލާހާ އެއްގޮތަށް އަމަލު ކުރުން ލާޒިމުވާނެއެވެ. ހަމައެއާއެކު ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެންބަރެއްގެ ގޮތުގައި އިންތިހާބުވެފައިވާ މެންބަރެއް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރި ފަހުން ސިޔާސީ ޕާޓީއަކާ ގުޅޭ ނަމަ އެ މެންބަރެއްގެ ގޮނޑިއާ މެދު އެ އިސްލާހާ އެއްގޮތަށް އަމަލު ކުރުން ލާޒިމުވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު ޕާޓީން ވަކިވެއްޖެ ނަމަ މެންބަރުކަން ގެއްލުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ޣަނީ ވިދާޅުވިއެވެ. ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ރައްޔިތުން މަޖިލީހަށް ލިބިދީފައިވާ ބާރެއް ކަމަށާއި އެއީ ކޯޓުތަކުގެ މައްޗަށް އޮތް ކަމެއް ނޫން ކަމަށް ވެސް ޣަނީ ވިދާޅުވިއެވެ.
