މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގުގުރައި ހޮނު އެޅުމުގެ ސަބަބުން، ބައެއް ގޭގޭގެ އީއެލްސީބީ ޓްރިޕްވެ، ކަރަންޓު ކެނޑެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގުގުރާ ހޮނުއެޅުމުގެ ސަބަބުން ދިމާވާ މިފަދަ ހާލަތްތަކުގައި ކަރަންޓު ހިނގައްޖެނަމަ، އެންމެ ފުރަތަމަ ގޭ ތެރޭގެ ނުވަތަ އެޕާޓްމަންޓުގެ ޑީ-ބޯޑު ޗެކްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ޑީ-ބޯޑުގައިވާ އީއެލްސީބީ ވެއްޓިފައިވާނަމަ، އެ އަލުން ނަންގަވައި ކަރަންޓު ދިނުމަށް މަސައްކަތް ކުރެއްވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

ކަރަންޓުގެ ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުން ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ، އީއެލްސީބީ ރިސެޓްކުރުމަށް ފަހު ނަގާ ވަގުތު އަލުން ވެއްޓޭނަމަ، ނުވަތަ އެކި ފަހަރު މަތިން މަސައްކަތް ކޮށްގެންވެސް ކަރަންޓު ނުލިބޭނަމަ އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1545 އަށް ގުޅުއްވައި ރިޕޯޓް ކުރެއްވުމަށެވެ.

މިދުވަސްވަރު މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވެ، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާއިރު، ކަރަންޓު ސާމާނު ބޭނުންކުރުމުގައި ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް ނަސޭހަތްތެރިވެއެވެ.