ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޑީއެމްޑީ ގެ މަގާމުގައި ހުންނެވި ޑރ. އަލީ އަޒްވަރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ)ން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ސ. ހިތަދޫ / ނެސްޕްރޯވިލާ، ޑރ. އަލީ އަޒްވަރު، އެޕްރިލް 28، 2026 ވަނަ ދުވަހުން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށެވެ.
މިއަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި އަހްމަދު ޝަމާއު ރަޝީދު އެ މަގާމުން ވަކިކޮށްފައިވާއިރު، އެ ތާރީހުން ފެށިގެން މިއަދާއި ހަމައަށް ކުންފުނީގެ ކަންތައްތަކުގައި ހަވާލުވެ ހުންނެވީ އަޒަވަރުއެވެ.
އަޒްވަރު ސްޓެލްކޯއާ ގުޅިވަޑައިގަތީ 1997 ވަނަ އަހަރުގައެވެ. އޭނާ ވަނީ ސްޓެލްކޯގެ ޗީފް އޮޕަރޭޓިން އޮފިސަރުކަމާއި ކަސްޓަމާ ސާވިސަސް އާއި ބިޒްނަސް ޑިވެލޮޕްމަންޓުގެ އިސްވެރިޔާގެ މަގާމު ވެސް މީގެ ކުރިން ފުރުއްވާފައެވެ.
