ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ކުރިއަށްގެންދާތީ، މި މަހުގެ 21 އިން 31 ގެ ނިޔަލަށް އެ ސަރަހައްދުގެ އެކި ހިސާބުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ މި މަސައްކަތަކީ އެ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތް ބެލެހެއްޓުން އެ ކުންފުންޏާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން، ހިދުމަތުގެ ފެންވަރު މަތިކޮށް އިތުބާރުހުރި ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މުހިންމު ފަންނީ މަސައްކަތެއް ކަމަށެވެ.

ސްޓެލްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން އެ ކުންފުންޏާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން، ރައްޔިތުންނަށް ދެމެހެއްޓެނިވި ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ވިއުގައިގައި ކުރަންޖެހޭ ޓެކްނިކަލް އަޕްގްރޭޑިންގ މަސައްކަތްތައް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.

މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެތީ، އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ ނިހާޔަތަށް މަޢާފަށް އެދިފައެވެ.

ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ، މިފަދަ މަސައްކަތްތަކަކީ ދިގު މުއްދަތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވޭ ކަންކަން ކަމުގައިވާތީ، މިކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ސްޓެލްކޯއާ ހަވާލުކޮށްފައިވަނީ، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުންނެވެ.