ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް ނިސްބަތްކޮށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގަވާފައިވާ ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުން އާންމުކުރި "އައިޝާ" ވީޑިއޯ ޑޮކުމެންޓްރީގެ މައްސަލައިގައި، ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރި އީޝާ އަޝްރަފުގެ ޕާސްޕޯޓް ފުލުހުން މިއަދު ހިފަހައްޓައިފިއެވެ.
އީޝާއަކީ މި ސަރުކާރުގެ ފުރަތަމަ ދުވަސްވަރު ރައީސް އޮފީހުގެ ސިޔާސީ ވަޒީފާއެއްގައި ހުރި ފަރާތެކެވެ. އެއަށްފަހު އެހެން ދެ ވުޒާރާއަކަށް އޭނާ ބަދަލުކޮށްފައިވާ އިރު، ފަހުން ވަނީ ސަރުކާރުން ވަކިކޮށްފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މި ޑޮކުމެންޓްރީ އުފެއްދުމުގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމުގެ ތުހުމަތެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އީޝާ ބުނީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ހަބަރަކީ ތެދު ހަބަރެއް ކަމަށެވެ. ހުޅުމާލޭގައި އީޝާ ދިރިއުޅޭ އެޕާޓްމަންޓަށް ފުލުހުން މިއަދު ގޮސް، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވަނީ ރައްދުކޮށްދީފައި ކަމަށް ވެސް އޭނާ ބުނެއެވެ.
އީޝާގެ ޕާސްޕޯޓާއި ޓްރެވަލް ޑޮކިއުމަންޓްތައް ހިފެހެއްޓުމަށް ކޯޓުން އަމުރުކޮށްފައި ވަނީ އިއްޔެއިން ފެށިގެން އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ ތިން މަސްދުވަހުގެ މުއްދަތެކެވެ. ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދަނީ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާއާއި 612 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެއީ ދޮގު ތުހުމަތެއްކަން އެނގިހުރެ މީހަކާ މެދު ޒިނޭގެ ތުހުމަތުކޮށް އެ ވާހަކަ ދެއްކުމުގެ ކުށުގެ މައްސަލައެއްގެ ގޮތުގައެވެ. މިއީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށަކަށްވާއިރު، މި ކުށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމަކާއެކު އަށްޑިހަ އެތިފަހަރުން ޖަލްދުކުރުމުގެ އަދަބު ލިބޭނެއެވެ.
އަދަދު ނޫހުން ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓްރީގައި "އައިޝާ" ގެ ނަން ބޭނުންކޮށް ރައީސް މުއިއްޒުއަށް ތުހުމަތުވާ ގިނަ ކަންތައްތަކެއް ހިއްސާކުރި އަންހެނެއްގެ ވަހާކަތައް ވަނީ އޭއައި ބޭނުންކޮށްގެން ގެނެސްދީފައެވެ. މި ޑޮކިއުމަންޓްރީ އާންމުވި އިރު އޭގައި މައުލޫމާތު ދީފައިވާ އަންހެނާ އަކީ އީޝާ އަޝްރަފް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ނަމަވެސް މި ކަމާ ގުޅިގެން ރަސްމީ އިދާރާއެއްގެ އެއްވެސް ބަހެއް ލިބިފައި ނުވާއިރު މި ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން ވަނީ މި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ގޮވާލައްވާފައެވެ.
އަދަދުގެ ނޫސްވެރިޔާ ކުރި ސުވާލުގައި އެ ޑޮކިއުމަންޓްރީ ތައްޔާރު ކުރި އިރު އެ ތުހުމަތުތަކުގެ ވާހަކައަށް އެދެވޭ ވަރުގެ ހެކި ލިބިފައިވާ ކަަމަށް ވަނީ ބުނެފައެވެ. އަދި އެ ތުހުމަތުތަކަށް ރައީސްގެ ބަސްފުޅެއް ހޯދުމަށް މަސައްކަތް ކޮށްފައި ވެއެވެ. ރައީސް ވަނީ އެ ތުހުމަތައް ދޮގު ކުރައްވައި އަދަދު ނޫހުން އެ ޑޮކުމަންޓްރީ ހެދި ކަމަށް އިއުތިރާފްވެފައިވާތީ އެ މައްސަލަ ބަލައި ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެއާއެކު ރޭގެ ވަގުތެއްގައި ފުލުހުން ވަނީ މި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލަން ފަށައި އަދަދު ނޫހުގެ އިދާރާއަށް ރެއިޑް ޖަހާފައެވެ. އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓު ހިފަހައްޓާފައި ވާއިރު، މެނޭޖިން އެޑިޓަރު ހަސަން މުހައްމަދު (ހަސަނާ)ގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެވެ.
ހ. ހަޒާރުމާގޭގެ އަށްވަނަ ފަންގިފިލާގައި ހިންގާ އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ، ގާތްގަނޑަކަށް ހަތަރު ގަޑިއިރު ވަންދެން ހަރަކާތްތެރިވިއެވެ. ހަތްދިހަ ދެ ގަޑިއިރުގެ މުއްދަތަށް ދީފައިވާ ބަލައި ފާސްކުރުމުގެ އަމުރުގެ ދަށުން، ނޫސް ހިންގަން ބޭނުންކުރާ އިލެކްޓްރޯނިކް ގިނަ ވަސީލަތްތަކަކާއި ބައެއް މުދާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
