ސިއްހީ ދާއިރާއަކީ ހަމަހަމަކަމާއެކު ފަސޭހައިން ހިދުމަތް ފޯރުކޮށްދެވޭނެ ދާއިރާއަކަށް ވާންޖެހޭ ކަމަށާއި، ދެވޭ ހިދުމަތްތަކަކީ ރައްޔިތުން ގަބޫލުކުރާ ފެންވަރުގެ ހިދުމަތްތަކަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސިއްހީ ހިދުމަތް ހޯދުމަށްދާ މީހާއަށް ފަސޭހައިން ޑޮކްޓަރަށް ދެއްކުމާއި ފަރުވާ ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށެވެ. ހާއްސަކޮށް ކުދި އާބާދީތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ.
އެގޮތުން ކުދި އާބާދީތަކުގައި އެންމެބޮޑު ގޮންޖެހުމަކީ އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ގާއިމުކުރުމުގައި ހުރި ދަތިއްތައްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ރައްޔިތުން ބޭނުންވާނީ ސިއްހީ މައްސަލައެއް ދިމާވީމާ ދަތުރެއްކޮށްގެން ބޭސް ހޯދަން ދިއުމުގެ ބަދަލުގައި އެމީހަކު ނިސްބަތްވާ ރަށަކުން އެހިދުމަތް ލިބުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މައްސަލައަށް ހައްލެއް ހޯއްދެވުމުގެ ގޮތުން، ކޮންމެ ރަށެއްގައި ސްޕެޝަލިސްޓް ޑޮކްޓަރެއް ނެތްނަމަވެސް، 'އައުޓްރީޗް ޕްރޮގްރާމް' ތަކުގެ ތެރެއިން ސްޕެޝަލިސްޓުން ރަށްރަށަށް ގޮސްގެން ހިދުމަތް ދިނުމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން ހަމަޖެއްސުމުގެ އިތުރުން، އާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، އެކި ސަރަޙައްދުތަކުގައި އިސްރަށްވެހިންނަށް ހާއްސަ ނާދީތައް ތަރައްގީކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
