ހައުސިން ޔުނިޓު އެޅުމަށް ވިލިމާލެ ގަސްތައް ކެނޑުމުގެ ބަދަލުގައި އިމާރާތްކުރާ ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ވިލިމާލޭގައި އިމާރާތްކުރާ 300 ފުލެޓު މަޝްރޫއު ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް ބަލާފައިވާނީ ބޮޑެތި ފުނަގަސް ނުކަނޑައި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށްކަމަށެވެ.

ނަމަވެސް 3 ޓަވަރުގެ ތެރެއިން 1 ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަންޖެހޭތީއާ، ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ އެޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް މިހާރު ނިންމާފައިވާކަމަށްވެސް މުއްތަލިބު ވަނީ ވިދާޅުވެފައެވެ.

މުއްތަލިބު ވިދާޅުވީ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށާއި، މާލެ ސަރަހައްދުގައި ހިއްކާފައިވާ އަދި ހިއްކަމުންދާ ބިންތަކަކީ ރައްޔިތުންނަށް ގޯތި ދީފައިވާ ބިންތައް ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަމުގައި އުޅެމުންދާ އާއިލާތަކަށް ބޭނުންވާ ފުލެޓު އިމާރާތްކުރުމުގައި ލިބެން ހުރި ބިންތައް މަދުވުމަކީ މިކަމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމުގައި މުއްތަލިބު ވަނީ ސިފަކުރައްވާފައެވެ.

ވިލިމާލެއިން ގަސްތައް ކަނޑާކަމުގެ ޝަކުވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ކުރައްވާފައެވެ. އެގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކުޑޫ ފޮނުއްވި ސިޓީއެއްގައި ވަނީ ހައުސިން ޔުނިޓު އަަޅަން ނިންމާފައިވަނީ ތިމާވެއްޓަށާއި މާހައުލަށް ކުރާނެ ނޭދެވޭ އަސަރާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އަދި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރަމުންދާ ބައެއް ފަންނުވެރިން ހިމެނޭ ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ތަނެއްގައި ކަމަށެވެ.

މީގެއިތުރުން ގުދުރަތީ ފެހިކަމާއި ހަމަހިމޭންކަން ތަޖުރިބާކޮށްލަން އޮތް ހަމައެކަނި ރަށަކީ ވިލިމާލެ ކަމަށާއި، މިފަދަ މަޝްރޫތަކުގެ ސަބަބުން އެ ރަށުގެ އަސްލު ސިފަ ގެއްލި އާބާދީ ތޮއްޖެހިފައިވާ މާލެފަދަ ތަނަކަށް ބަދަލުވުމުގެ ބިރު އެބައޮތް ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް މުއްތަލިބު ވަނީ ފްލެޓް ޕްރޮޖެކްޓް ހިންގާނީ އެ ބިމުގައި ހުރި ގަސްތަކުގެ ތެރެއިން ވީހާ ވެސް މަދު ގަހެއް ކަނޑައިގެން ކަމަށާއި ކޮންމެހެން ކަނޑަން ޖެހިއްޖެ ގަހެއް ނޫނީ ނުކަނޑާނެ ކަމަށް ވިދާޅުވެފައެވެ.