ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެއެވެ.

ކަރަންޓު ކެނޑިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 5، 6، އަދި 7 ގެ އިތުރުން، ވިނަރެސްގެ 10 ޓަވަރާއި، އަމާން ދޯދި 12، 13، 14، 15، އަދި 16 ވަނަ ޓަވަރުންނެވެ. މީގެ އިތުރުން ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް 5 އަދި 6 ވަނަ ޓަވަރާއި، އެމްޕީއެލް ޓަވަރުތަކުންވެސް ވަނީ ކަރަންޓު ކެނޑިފައެވެ.

ސްޓެލްކޯއިން ބުނީ، ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ސްޓެލްކޯއިން ހާމަކޮށްފައި ނުވެއެވެ.

މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް ސްޓެލްކޯއިން ވަނީ ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ.

ހުސްވި ހަފްތާގައި ވެސް ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިފައިވެއެވެ. އެފަހަރު ކަރަންޓު ކެނޑިފައި ވަނީ މެންދުރުފަހު 3:15 އެހާކަށްހާއިރުއެވެ. އަދި އެފަހަރު ކަރަންޓު ނުލިބި 3 ގަޑިއިރަށްވުރެ ގިނަ ވަގުތު ނެގިއެވެ.