ދިވެހި މުޖުތަމައުގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ހޯމް ލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ފުލުހުންގެ ހިދުމަތަށް ރިޕޯޓުކުރާ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް އަނިޔާ ލިބޭ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި، އެކަމުގެ ނުހަނު ބޮޑު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި ނާޒުކު ދަނޑިވަޅުގައި، ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބެލެނިވެރިން މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިވެ، ސަމާލުވުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ. އިހުސާން ވިދާޅުވި ގޮތުގައި މިއީ މުޅި މުޖުތަމައު ގުޅިގެން ހައްލުކުރަންޖެހިފައިވާ ބޮޑު މައްސަލައެކެވެ. “މިފަހަކަށް އައިއްސަ ކުޑަކުދިންނާ ގުޅޭ މައްސަލަތައް ފުލުހުންގެ މުއައްސަސާއަށް ހުށަހަޅަމުންދާ އަދަދު ވަނީ އިތުރުވެފައި. މިކަމަކީ ބެލެނިވެރިން އިތުރަށް ސަމާލުވާން ޖެހޭ ކަމެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ،” ނޫސްވެރިންނާ ވާހަކަދައްކަވަމުން އިހުސާން ވިދާޅުވިއެވެ.
ކުޑަކުދިންނާ ގުޅޭގޮތުން ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް މައިގަނޑު ދެ ބަޔަކަށް ބެހިގެންދެއެވެ. އެއީ ކުށުގެ ވެށީގައި ކުޑަކުދިން އުޅޭ މައްސަލަތަކާއި، ބޮޑެތި މީހުންގެ ފަރާތުން ކުޑަކުދިންނަށް ލިބޭ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. އިހުސާން ފާހަގަކުރެއްވި ގޮތުގައި، މިހާރު އެންމެ ބޮޑަށް އިތުރުވަމުންދަނީ ކުށުގެ ވެށީގައި ކުދިން އުޅޭ މައްސަލަތަކަށް ވުރެ، ކުޑަކުދިންނަށް ކުރަމުންދާ އެކި އަނިޔާތަކުގެ މައްސަލަތަކެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ޖިސްމާނީ ގޮތުން ގޯނާކުރުމާއި، ނަފްސާނީ އަނިޔާ ދިނުމާއި، އަދި ޖިންސީ ފުރައްސާރަކުރުން ފަދަ ސީރިއަސް މައްސަލަތައް ހިމެނެއެވެ. މިއީ ކުއްޖާގެ މުސްތަގުބަލަށާއި ނަފްސާނީ ދުޅަހެޔޮކަމަށް އޭގެ ނޭދެވޭ އަސަރު އުމުރު ދުވަހަށް ފޯރާނެ ފަދަ ބޮޑެތި ކުށްތަކެކެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 92 މައްސަލައެއް މާޗް މަހު ރިޕޯޓްކުރި!
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 13 މައްސަލަ
- ގެވެށި އަނިޔާކުރާތަން ފެނުން ނުވަތަ ދެއްކުމުގެ 19 މައްސަލަ
- އިހުމާލުވުމުގެ 24 މައްސަލަނަފްސާނީ އަނިޔާގެ 6 މައްސަލަ
- ޖިސްމާނީ އަނިޔާގެ 18 މައްސަލަ
- ސައިބާ ގްރޫމިންގެ 1 މައްސަލަ
- ކުޑަކުދިންގެ ބަރަހާނާ ވީޑިއޯގެ 1 މައްސަލަ
- ގަނާކުރުމުގެ 2 މައްސަލަ
- ޖިންސީ ފުރައްސާރައިގެ 5 މައްސަލަ
- ކުޑަކުދިންގެ އަހްލާގާ ގުޅޭ 17 މައްސަލަ
- ގެއިން ފިލައިގެން ދިއުމުގެ 3 މައްސަލަ
- ސްކޫލަށް ހާޒިރުނުވުމުގެ 4 މައްސަލަ
މި މައްސަލަތަކުގެ އިތުރުން ކުދިން ބެލުމުގައި ދިމާވާ 33 މައްސަލަ އެއް ރިޕޯޓްކޮށްފައި ވެއެވެ. މީގެ އިތުރުން ކުދިންގެ ބެލެނެވެރިކަމާއި ގުޅޭ 14 މައްސަލައަކާއި ކުދިންނާ ބައްދަލުނުކުރެވުމުގެ 14 މައްސަލައެއް އަދި ކުއްޖާގެ ބެލެނެވެރިކަން ހޯދުމުގެ 4 މައްސަލައެއް ވެސް ރިޕޯޓްކޮށްފައި ވެއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ކުށުގެ ވެށީގައި އުޅޭ ކުދިންނަކީ ގިނަ ފަހަރަށް މުޖުތަމައުގެ ތެރެއިން އެކަށީގެންވާ އަޅާލުން ނުލިބުމުގެ ސަބަބުން މަގުއޮޅިފައިވާ ކުދިންނެވެ. ނަމަވެސް، ގޭތެރޭގެ މާހައުލުންނާއި، އިތުބާރުކުރެވޭ މީހުންގެ ފަރާތުން ކުދިންނަށް ލިބޭ އަނިޔާތަކަކީ މުޅިން ތަފާތު، އަދި އެހާމެ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. މިފަދަ މައްސަލަތައް އިތުރުވަމުންދާ ސަބަބުތަކުގެ ތެރޭގައި އާއިލީ މާހައުލުގައި ހުންނަ މައްސަލަތަކާއި، މުޖުތަމައުގެ ތެރޭގައި ހޭލުންތެރިކަން ކުޑަވުން ހިމެނެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ގިނަ ފަހަރަށް ތުހުމަތުކުރެވެނީ ކުއްޖާއަށް އިތުބާރުކުރެވޭ، އާއިލާގެ ނުވަތަ ގާތް މީހުންނަށެވެ. އެހެންކަމުން، މިކަމުގައި ކުދިންގެ ބެލެނިވެރިންނާއި އާއިލާއިން ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ކުދިން ރައްކާތެރިކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވަޒީރު ވަނީ އިލްތިމާސް ކުރައްވާފައެވެ. ކުދިންގެ އުޅުމަށް އަންނަ ބަދަލުތައް ގާތުން މޮނިޓާ ކުރުމާއި، ކުދިންނާ ގާތް ގުޅުމެއް ބޭއްވުމަކީ މިފަދަ އަނިޔާތަކުން ކުދިން ސަލާމަތްކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.
ކުޑަކުދިންނަށް ލިބޭ އަނިޔާތަކުން އެކުދިން ސަލާމަތްކުރުމުގެ އިތުރުން، ކުށުގެ ވެށީގައި އުޅެމުންދާ ކުދިން ރައްކާތެރިކޮށް، އަނބުރާ މުޖުތަމައުއަށް ނެރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. އެގޮތުން، ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހު ކުރުމަށްޓަކައި "ހޯޕް އައިލެންޑް" ގެ ނަމުގައި ހާއްސަ މަރުކަޒެއް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އިހުސާން ވިދާޅުވީ، ހޯޕް އައިލެންޑްގެ މަސައްކަތް ހަވާލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.
ހޯޕް އައިލެންޑް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އުތުރުތިލަފަޅުގައެވެ. މި މަޝްރޫއުގެ ދަށުން އުތުރުތިލަފަޅުން 15 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީ ކުރާ މި މަރުކަޒަކީ ގާތްގަނޑަކަށް 700 ކުދިންނަށް އެއްފަހަރާ ހިދުމަތް ދެވޭނެހެން ފަރުމާކުރެވޭ ތަނެކެވެ. މި މަރުކަޒުގައި، ކުދިންނަށް ބޭނުންވާ ނަފްސާނީ ފަރުވާއާއި، ތައުލީމާއި، އަދި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގާނީ ސިފައިންނާއި ފުލުހުން އަދި ކަމާބެހޭ ވުޒާރާތައް ގުޅިގެންނެވެ. މި މަޝްރޫއު ތަރައްގީ ކުރުމަށް ހަތަރު އިންވެސްޓަރަކު ކުރިމަތިލާފައިވާކަން މީގެ ކުރިން ވަޒީރު ވަނީ ހާމަކުރައްވާފައެވެ. މި މަޝްރޫއުގެ ސަބަބުން، ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުދިންނަށް އާ އުންމީދެއް ލިބި، ދައުލަތުގެ ބެލުމުގެ ދަށުން އެކުދިންނަށް ބޭނުންވާ ފުރިހަމަ ރިހެބިލިޓޭޝަން ފޯރުކޮށްދެވޭނެއެވެ.
ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ސަރުކާރުގެ ނުވަތަ ފުލުހުންގެ ޒިންމާއެއް ނޫނެވެ. އެއީ މުޅި މުޖުތަމައުގެ ގުޅިފައިވާ ޒިންމާއެކެވެ. ބެލެނިވެރިންގެ ހޭލުންތެރިކަމާއި، އާއިލާގެ އަޅާލުމަކީ ކުދިންނަށް ލިބޭ އަނިޔާތައް ހުއްޓުވުމުގެ އެންމެ ފުރަތަމަ ދިފާއީ ފިޔަވަޅެވެ. އަނިޔާ ލިބޭ ކުދިންގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަށް ފަސްނުޖެހުމަށް ފުލުހުން އަބަދުވެސް އިލްތިމާސްކުރެއެވެ.
ކުށުގެ ވެށިން ކުދިން ސަލާމަތްކުރުމަށް ދައުލަތުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާ އިރު، ގޭތެރޭގެ މާހައުލަކީ ކުދިންނަށް އެންމެ އަމާން ތަން ކަމުގައި ހެދުމަކީ ބެލެނިވެރިންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. ހޯޕް އައިލެންޑްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، ކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް އާއިލާތަކުން މިހާރުން މިހާރަށް ފިޔަވަޅުތައް އަޅަންޖެހެއެވެ.
