ޖަރުމަނުގެ "ހިޕް" ބްރޭންޑުގެ ކުޑަކުދިންގެ ކާނާގެ ފުޅިއަކުން މީދާ މަރާ ވިހަ ފެނުނު މައްސަލައެއް އޮސްޓްރިއާގައި ތަހުގީގުކުރަމުންދާތީ އެ ބްރޭންޑުގެ ކާނާ ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސްކޮށްފި އެވެ.
އެމްއެފްޑީއޭ މިއަދު ނެރުނު ބަޔާނެއްގައި ބުނީ، "ހިޕް" ބްރޭންޑުގެ ކުޑަކުދިންގެ ކާނާގެ ފުޅިއަކުން ރޮޑެންޓްސައިޑް ނުވަތަ މީދާ މަރާ ވިހަ ފެނުނު މައްސަލައެއް އޮސްޓްރިއާގައި ތަހުގީގުކުރަމުންދާ ކަަމަށެވެ.
އަދި މި އުފެއްދުމަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައި އުފެއްދުމަކަށް ނުވިޔަސް، އަމިއްލަ ބޭނުމަށް ރާއްޖެ އެތެރެކޮށް ބޭނުންކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބާވަތުގެ އެއްވެސް އުފެއްދުމެއް ރާއްޖެ އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ފަދަ ވިހައެއްގެ ކުޑަ މިންވަރެއް ނަމަވެސް ތުއްތު ކުދިންގެ ހަށިގަނޑަށް ހިނގައްޖެނަމަ، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. މި ނުރައްކާތެރި ވިހައިގެ އަސަރު ހުރިކަމަށް ބެލެވޭތީ، އޮސްޓްރިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ބާޒާރުން އެ އުފެއްދުންތައް އަނބުރާ ނަގަމުންނެވެ.
މީގެ އިތުރުން، މިކަން ހިނގާފައިވާ ގޮތް ދެނެގަތުމަށާއި، މިއީ ގަސްދުގައި ބަޔަކު ކޮށްފައިވާ ކަމެއްތޯ ބެލުމަށްޓަކައި އޮސްޓްރިއާގެ ފުލުހުންގެ އިދާރާއިން ވަނީ ހާއްސަ ތަހުގީގެއްވެސް ފަށާފައެވެ. ކުޑަކުދިންގެ ކާނާގައި މިފަދަ ނުރައްކާތެރި މާއްދާއެއް ހުރުމަކީ ބައިނަލްއަގްވާމީ ފެންވަރުގައި ކަންބޮޑުވުން އުފެދިފައިވާ ކަމަކަށް ވުމާއެކު، ޔޫރަޕުގެ އެހެން ގައުމުތަކުންވެސް ދަނީ މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
