ސިޔާސީ ގޮތުން މީހުންނަށް ވަޒީފާ ދިނުން ނިމުމަކަށް ގެނެސް، ތައުލިމީ ފެންވަރާ ތަޖުރިބާއަށް ބެލުމަށް ފަހު މީހުން ވަޒީފާއަށް ނެގުމަށް ސަރުކާރު ކުންފުނިތަކަށް އަންގާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އެއްވެސް މަގާމަކަށް ކުރިއަށް އޮތް ތަނުގައި މުވައްޒަފުން ނަގާނީ ހަމައެކަނި ތައުލީމާއި ތަޖުރިބާއަށް ބިނާކޮށް ކަމަށެވެ. ސަރުކާރު ހިންގުމުގެ ނިޒާމަށް ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ބަދަލުތަކުގެ އެންމެ ބޮޑު ބޭނުމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމާއެކު، ރައްޔިތުން އެދޭ ފަދަ ސައިޒުން ކުޑަ، ހަރުދަނާ ސަރުކާރެއް އެކުލަވާލުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކަށް މުވައްޒަފުން ނެގުމުގައި މީގެ ފަހުން އަމަލުކުރާނީ މެރިޓް އުސޫލުންކަން ރައީސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސިޔާސީ ފަރާތްތަކާ ގުޅިގެން ނުވަތަ ކެމްޕެއިނަށް ބަލައި ވަޒީފާ ދިނުމުގެ ސަގާފަތް މިހާރު ވަނީ ނިމުމަކަށް އަންނަން ޖެހިފައެވެ. ދެން އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ނުވަތަ ސިޔާސީ ފަރާތަކާއި ގުޅިގެން ވަޒީފާ ދިނުން މިހާރު މި ގައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮނިގަނޑު ހަރުދަނާކޮށް، މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރުމަށް ފިނޭންސް މިނިސްޓްރީއާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް މިހާރު ވަނީ އަންގާފައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ކުންފުނިތަކުގެ ހިންގުމަށް އެއްވެސް ބުރޫއެއް ނާރާނެ ފަދަ ގޮތަކަށް، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކަމަށާއި އިއުލާން ކުރުމަކާ ނުލައި އެއްވެސް ކުންފުންޏަކަށް މުވައްޒަފުން ނުނެގުމަށްވެސް އަންގާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އިދާރާތަކަށް އާންމު މުވައްޒަފުން ނެގުމުގެ އިތުރުން، ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކުގެ ފެންވަރު ކަށަވަރު ކުރުމަށް ވެސް އާ މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ. ރައީސް ވިދާޅުވީ، ސިޔާސީ މުވައްޒަފުން އައްޔަންކުރުމުގެ ބާރު ގާނޫނުން އެމަނިކުފާނަށް ލިބިވަޑައިގެންފައި އޮތް ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވާނީ ތައުލީމީ ފެންވަރަށް ވަރަށް ބޮޑަށް ބައްލަވައިގެން ކަމަށެވެ. އަދި މިހާރުވެސް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަސައްކަތް ވަޒަންކޮށް، އެ އަދަދު މަދުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ސީދާ ރައްޔިތުންގެ ވިންދާ އެއްގޮތަށް ނިންމަވާ ނިންމެވުންތަކެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި ސިޔާސަތުގެ ދަށުން އެންމެ ފުރަތަމަ އެޅުއްވި އެއް ފިޔަވަޅަކީ ވަޒީރުންގެ މަޖިލީހުގެ ސައިޒު ކުޑަކުރުމެވެ. އެގޮތުން، ކުރިން 20 ވަޒީރުން ތިއްބެވި ކެބިނެޓް މިހާރު ވަނީ 15 ވަޒީރުންނަށް މަދުކޮށްފައެވެ.

މީގެ އިތުރުން ދައުލަތުގެ ބަޖެޓުން ކުރާ ހޭދަތައް ކުޑަކުރުމަށްޓަކައި އިތުރު ފިޔަވަޅުތައް ވެސް ދަނީ އަޅަމުންނެވެ. ސަރުކާރުގެ އަމާޒަކީ ދައުލަތުގެ އާމްދަނީއާ އެކަށީގެންވާ މިންވަރަކަށް ސަރުކާރުގެ އޮނިގަނޑު ބައްޓަންކޮށް، އިސްރާފު ކުޑަކުރުމެވެ. މި ސިޔާސަތުގެ ދަށުން، ކުންފުނިތަކުގެ އޮނިގަނޑު މުރާޖައާކޮށް މުވައްޒަފުން މަދުކުރުމުގެ އަމަލީ މަސައްކަތް ޕީސީބީން މިހާރު ވަނީ ފަށާފައެވެ.