ރާއްޖޭގެ އެކި ހިސާބުތަކުގައި އާރްޑީސީން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތަކަށް ބޭނުންވާ ހެވީ ވެހިކަލްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަހުގެ ކުރީކޮޅު އާރްޑީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ 230 ވެހިކަލް ރާއްޖެ ގެނެސްފައިވާއިރު އެ ކުންފުނިން ބުނީ ފުރަތަމަ ބުރުގައި 20 ރަށަކަށް އުޅަނދުތައް ފޮނުވުމަށް ހަމަޖެހިފައިވާކަމަށެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ނަޒީމް ވިދާޅުވީ މިވަގުތު އެންމެ އިސަކަމެއް ދީގެން ކުރަމުންދަނީ އުޅަނދުތައް ދުއްވުމާއި އޮޕަރޭޓް ކުރުމަށް މީހުން ތަމްރީނުކުރުން ކަމަށެވެ. އޭގޮތުން ޖުމުލަ 108 މީހުން ތަމްރީންކުރަމުންދާކަމަށް ނަޒީމް ވިދާޅުވިއެވެ.
މާލޭގެއި މަސައްކަތް ކުރާ އާރްޑީސީގެ މުވައްޒަފުންނާ، އަދި އަތޮޅުތަކުގެ ރަށްތަކުގައި އާރްޑީސީގައި މަސައްކަތްކުރާ މުވައްޒަފުންގެ ޓީމެއް، ތަމްރީންކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވަމުން ނަޒީމް ވިދާޅުވީ މި ތަމްރީންތައް އަންނަ ހަފްތާގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. މި ތަމްރީންތަކުގައި ތިއަރީ އަދި ޕްރެކްޓިކަލް ބައިތައް ހިމެނޭއިރު ޕްރެކްޓިކަލް ބައިތައް ކުރިއަށް ގެންދަނީ ތިލަފުށީގައެވެ.
މީގެ އިތުރުނަ ނަޒީމް ވިދާޅުވީ މިވަގުތު ދެން އެންމެ މުހިންމު ކަމަކަށް ކުރިއަށް ދަނީ ވެހިކަލްތައް ރެޖިސްޓްރީކުރުމުގެ މަސައްކަތްތައް ކަމަށެވެ. އެ މަސައްކަތްތައްވެސް ފަހުގެ މަރުހަލާތަކުގައި ކުރިއަށްދާކަން ފާހަގަކުރައްވަމުން ނަޒީމް ވަނީ ވަރަށް އަވަހަށް އުޅަނދުތައް ފޮނުވުމުގެ މަސައްކަތްތައް ފަށާނެކަމަށް ވިދާޅުވެފައެވެ.
އާރްޑީސީން ހެވީ ވެހިކަލްގެ ގޮތުގައި އެސްކަވޭޓަރު، ފޯކްލިފްޓް އަދި ޑަމްޕް ލޮރީވެސް ގެނެސްފައިވެއެވެ. އަދި ތާރު އަޅައިގެން މަގުތައް ތަރައްގީކުރުމަށް އަލަށް 4 ތާރު ޕްލާންޓެއް ވަނީ ގެނެސްފަވެއެވެ.
