މަސްވެރިންނަށް ތެޔޮ ލިބުމުގައި ދަތިތަކެއް އުޅޭކަމަށް
ބުނެ ފެތުރެމުންދާ ހަބަރުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ތެޔޮ ނުލިބި މަސް ދޯނިތައް ހުއްޓިއްޖެކަމަށް ބުނެ ފަތުރަމުންދާ ހަބަރާއި ގުޅިގެން ޝިޔާމް ވިދާޅުވީ މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަގީންކުރާ އެއްކަމަކީ ދިވެހި މަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުން ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެހާމައްޗަށް އަރައިގެން ދިޔަ ނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސާ ސަރުކާރުން މިއަދާ ހަމައަށްވެސް ތެލުގެ ކަންކަން ވީ އެންމެ ރަނގަޅަށް މަނޭޖުކުރަމުން ގެންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ އެކަން މަސްވެރިންވެސް ޝުކުރުވެރިކަމާއިއެކު ބަލައިގަންނަކަމަށެވެ. "ނޫހުގައި ތިފަދަ ހެޑްލައިންއެއް ހައްދަވާއިރު ކަންއޮތްގޮތް ރަނގަޅަށް ބައްލަވާލެއްވިނަމަ ހާދަރަނގަޅުވީހޭ ހިތަށްއަރާ. ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަޖު މުޅިރާއްޖެއަށްވެސް އެންވެެރިކަން ރަނގަޅުވާންފެށުމާއި އެކު މަސްވެެރިކަންވެސް އަންނަނީ الله ގެ އިރާދަފުޅުން ވަރަށް ރަނގަޅުވަމުން." ޝިޔާމް ވިދާޅުވިއެވެ.
އެހެންކަމުން މަސްވެެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފޮނުވުމުގެ މަސައްކަތްތައްވެސް ކުރެވޭނެކަމަށް ޝީޔާމް ވިދާޅުވިއެވެ. އަދި ސަރުކާރުން މަސްވެެރިންގެ ކަންކަން ގާތުން ބަލާ މަސްވެެރިންނަށް އެންމެ ރަގަޅު ގޮތްތަކަށް މަސައްކަތް ކޮށްދެމުން އަންނަކަމަށް ޝިޔާމް ވިދާޅުވިއެވެ. "މަސްވެެރި އިންޑަސްޓްރީގައި ހަރަކާތްތެެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށްވެސް އިންޑަސްޓްރީގެ މަޝްވަރާއާއެކު ވަރަށްގިނަ މަސައްކަތްތަކެއް ސަރުކާރުންދަނީ ކުރަމުން." ޝިޔާމް ވިދާޅުވިއެވެ
މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް 16.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭއިރު ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، 16.04 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބެއެވެ.
