ނިމިދިޔަ އިންތިހާބުގެ ނަތީޖާ އައި ގޮތުން، ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ ތެރެއިން ގިނަ ބަޔަކު ވަކިކުރާ ކަމަށް ފެތުރެމުންދާ ހަބަރުތަކަށް ސަރުކާރުގެ އިސް ތަރުޖަމާން ރައްދު ދެއްވައިފިއެވެ.

ރޭ ޕީއެސްއެމް އިން ލައިވް ކުރި ޕްރްގްރާމެއްގައި ވާހަކަ ދައްކަވަމުން އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ ހާޒިރީއާއި، މަސައްކަތާއި، ނަތީޖާ ހާސިލު ކުރެވޭ މިންވަރު ނުވަތަ އެޕްރެއިޒަލް ހަދަމުން ގެންދާ ކަމަށެވެ.

އެގޮތުން ފާއިތުވި އަހަރުވެސް އެޕްރެއިޒަލް ހަދާފައި ވާ ކަމަށާއި މިއަހަރުވެސް އެޕްރައިޒަލް ހަދަމުން ދާ ކަމަށެވެ.

އެއާއެކު އޭނާ ވިދާޅުވީ، އެޕްރެއިޒަލް އިން ލިބޭނީ 3 ނަތީޖާއެއް ކަމަށާއި ފުރަތަމަ ނަތީޖާ އަކީ، އެޕްރެއިޒަލްގައި ވަޒަން ކުރާ ހުރިހާ ކެޓަގަރީ ނުވަތަ ދާއިރާއަކުން ފުރިހަމަ މާކްސް ލިބި ވަޒީފާގައި ދެމިތިބުން ކަމަށެވެ. ދެވަނަ ނަތީޖާއަކީ، ވަޒަން ކުރާ ދާއިރާތަކުން އެކަށީގެންވާ ވަރަށް މާކްސް ނުލިބުމުގެ ސަބަބުން ވަކިވާން ޖެހުން ކަމަށެވެ. ތިން ވަނަ ނަތީޖާ އަކަށް ވާނީ، އެމީހަކު ހުރި ތަން ނުވަތަ އޮފީސް ނޫން އެހެން ތަނަކަށް ބަދަލުވުން ކަމަށެވެ. އެއީ އެމީހަކަށް މާ ރަނގަޅަށް ޕާފޯމް ކުރެވިދާނެ ނުވަތަ ނަތީޖާ ނެރެވިދާނެ ކަމަކަށް ވެދާނެ ކަމަށެވެ.

ނިމިދިޔަ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ކައުންސިލްތަކުގެ 581 ގޮނޑި ލިބިފައި ވެއެވެ. އެއީ، ސިޓީ ކައުންސިލްތަކުން 5 ގޮނޑި އާއި، ކައުންސިލްތަކުގެ ރައީސުންގެ ގޮތުގައި 75 ގޮނޑިއާއި، ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަ ކުރި ގޮނޑީގެ ތެރެއިން 101 ގޮނޑިއާއި ކައުންސިލް މެންބަރުންގެ 99 ގޮނޑިއާއި، ޑަބްލިއުޑީސީ ރައީސާގެ 83 ގޮނޑިއައި ޑަބްޑިއުޑީސީ މެންބަރުންގެ ގޮތުގައި 214 ގޮނޑިއެވެ.

އިދިކޮޅު އެމްޑީޕީންވެސް ވަނީ ޕީއެންސީއާ ދާދި ގާތުން ގޮނޑި ކާމިޔާބުކޮށް ޖުމްލަ 562 ގޮނޑި ހޯދާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ 5 ސިޓީގެ މޭޔަރު ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީންނެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް ލިބުނު ނަތީޖާއަކީ، ވެރިކަމުގައި ތިބެ އަދި ސިޔާސީ މުވައްޒަފުންގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ވަޒީފާ ތިބެ ލިބުނު ދަށް ނަތިޖާއެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި އެއީ ސަރުކާރުގެ ސިޔާސަތުތަކަށް ވަގުތުން ބަދަލުތައް ގެންނަން ޖެހޭ ނަތީޖާއެއް ކަމަށް ވެސް ބުނެއެވެ.

އިންތިހާބުގެ ނަތީޖާއާއެކު ސަރުކާރުން އިސްލާހީ ފިޔަވަޅު އަޅަން ފަށާފައި ވާއިރު، ކެބިނެޓުގެ 10 ވަޒީރަކު ވަކިކުރުމާއި، ކުރިން އޮތް 20 ވުޒާރާގެ ބަދަލުގައި 15 ވުޒާރާއަކަށް ކެބިނެޓް ވަނީ ބަދަލު ކޮށްފައެވެ. އަދި ސަރުކާ ހިއްސާވާ ބައެއް ކުންފުނިތަކުގެ އެމްޑީން ވަކިކޮށް އާ އެމްޑީން އައްޔަން ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެވެ.

މި ބަދަލުތަކާއެކު ރައީސް އޮފީހުން ބުނެފައި ވަނީ، ރައްޔިތުންގެ އަޑުއަހައި ސަރުކާރުން އިސްލާހީ ފިޔަވަޅު އަޅަން ފެށީކަމަށެވެ.