މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުންފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގްނގޮސްފި ކަމަށް ބުނެފިއެވެ.
މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، މިފަދަ ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އޭޕްރީލް 16، 2026 ވަނަ ދުވަހު އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވެސް ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޖުމްލަ 38 ފިރިހެނުންނެވެ. އެމީހުން، އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ޑީޕޯޓްކުރުމަށް ޓަކައި، މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
ރާއްޖޭގައި 178،982 ބިދޭސީން އުޅޭ ކަމަށް ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ދިރިއުޅުމަށްޓަކައި ހަމަވާން ޖެހޭ ލިޔެކިޔުން ގަވައިދުން އާ ނުކޮށް އުޅޭ މީހުންގެ ސީދާ އަދަދު ސާފެއް ނުވެއެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމަށް ނިމިދިޔަ ސަރުކާރުން ބޮޑު މަޝްރޫއެއް ހިންގިއެވެ. އެ މަޝްރޫއުންވެސް ސީދާ އަދަދުތައް ސާފުވެފައި ނުވާ އިރު ހިނގަމުންދާ ސަރުކާރުގައި 'ކުރަނގި' ނަމުގައި މަަޝްރޫއެއް ދަނީ ހިންގަމުންނެވެ. މި މަޝްރޫއުންވެސް ހުރިހާ ބިދޭސީންނާ ގުޅޭ މައުލޫމާތު ސާފުވެފައި ނުވެއެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާބާދީ އަކީ ބޮޑު އާބާދީއެއް ކަމުގައި ވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ބަނގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ.
