ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުން ފަށައިފިއެވެ.

ދެވަނަ ބުުރުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 ޖެހުމާހަމަ އަށެވެ. އިލެކްޝަން ކޮމިޝަނުން ބުނީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން 5 ދާއިރާއެއްގައި ކުރިއަށްދާނެ ކަމަށެވެ. ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ.

‎އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ.ކެލާ ކޮމިޓީގެ ރައީސްގެ މަގާމާއި ހދ.ނޭކުރެންދޫ އަދި ލ.މާވަށު ކޮމިޓީގެ މެންބަރުގެ މަގާމަށް މެންބަރުން އިންތިހާބު ކުރުމަށެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓާފައިވާ އިރު ކެލާ އާއި މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި 2 ފޮށި، ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އަދި މި ދާއިރާތަކުގެ ވޯޓު ފޮށިތައް މާލޭގައިވެސް ވަނީ ބަހައްޓާފައެވެ.

މީގެ ތެރޭގައި ކެލާ އަދި ދޮންފަނުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކޮށްފައިވާ ފޮށިތައް ތާޖުދިއްދީން ސްކޫލުގައި ބަހައްޓާއިރު، ނޭކުރެންދޫ އާއި މާވަށުގެ ވޯޓުފޮށިތައް ހިރިޔާ ސްކޫލުގައި އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ ވޯޓުފޮށި ދަރުމަވަންތަ ސްކޫލުގައި ވަނީ ބަހައްޓާފައެވެ.