ނައުރީންގެ ކަންފަތް ދަށަށް އޭނާ ގާތްވެލަމުން އިތުރަށް އިސްތަށިގަނޑުގައި ހިފާ ފަހަތަށް ދަމާލިއެވެ. ވައިއަޑުން އެ މާރިދުގެ ދުލުން ބޭރުކުރި ބަސްތައް އިވިގެން ދިޔައިރު އަނގައިން ނުކުތް ހޫނު ނޭވާ ކަންފަތުގައި ޖެހުމުން ނައުރީން ކޮނޑު އަރުވާލިއެވެ.
"ތީ އަހަރެންގެ ހައްގެއް...."
*** *** *** *** *** ***
އެ އަޑު ޖެހުމާ އެކީ މަންޝާގެ ދެލޯ ހުޅުވާލަމުން ވަށައިގެން ކަޅި ހިންގާލެވުނީ އޭނާގެ ހިތުގައި އަށަގަންނަން ފެށި ބިރެއްގެ ސަބަބުންނެވެ. ހަސަންބެގެ ހަނދާންތައް މަންޝާއަށް އުނދަގޫ ކުރަނީއެވެ. އޭނާގެ ފިރުމުންތަކާއި އެ ބީހުމާއި އޭނާގެ އަނގައިން ބޭރުކުރާ ވިހަގަދަ ބަސްތަކަކީ ނިދިއްޖެ ނަމަ މަންޝާއަށް އިހްސާސްކުރެވޭ ކަންތައްތަކެވެ. ހުވަފެނުގައި ފެންނަ ކަންތައްތަކަކީ ދެންމެ ވީކަމެއް ފަދައިން އޭނާގެ ހަށިގަނޑުގައި އެ ވޭންތައް ހަރުލާހުރެއެވެ.
ބޮލުގައި ރިހުމެއް ހުރިނަމަވެސް އިތުރަށް އެނދުގައި އޮންނަން އޭނާ ބޭނުމެއް ނުވިއެވެ. އެއްއަރިއަކަށް އޮވެއްޖެނަމަ ފަހަތުގައި ހަސަންބެ އޮވެ އޭނާގެ ބުރަކަށީގައި ބީހޭހެން ހީވަނީއެވެ. ފާހާނާއަށް ވަދެ ތާޒާ ވެލައިގެން ގޭތެރޭ މަސައްކަތްތައް ކޮށްލަން އޭނާ ބޭނުންވީ އެ ފެނުނު ހުވަފެންމަތިން ހަނދާން ނައްތާލަން ބޭނުންވެފައި ހުރުމުންނެވެ.
ކޮޓަރިން ނުކުންނަމުން އޭނާގެ ތުނި އިސްތަށިގަނޑު އެއްކޮށްލާ ހުޅިއެއް ޖަހާލިއެވެ. ނައުރީންމެން ހޭލަންވާއިރަށް ސައި ތައްޔާރުކުރަން އޭނާ ބޭނުންވިއެވެ. ބަދިގެ ދޮރާ ހަމައަށް ދިޔަ މަންޝާއަށް ފެނުނު މަންޒަރުން އޭނާގެ ފިޔަވަޅު ހުއްޓުނެވެ. މޭޒުމަތީ ސައި ތައްޔާރުކުރަން އަތްމަތި އަވަސްކޮށްލައިގެން ނައުރީން އުޅޭތަން ފެނުމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ފަހަކަށް އައިސް ކޮޓަރިން ނުނިކުމެ އުޅޭ ނައުރީން ގޭތެރޭ މަސައްކަތެއް ނުކުރާތާވެސް ދުވަސްކޮޅެއް ވެއްޖެއެވެ. އަބަދު ބޮލެއްގައި ރިހޭ ވާހަކަ ދައްކާތީ އެކަމާ މަންޝާވެސް ހުންނަނީ ކަންބޮޑުވެފައެވެ.
މަންޝާ ފެނުމާ އެކީ ނައުރީން ހިނިތުންވާން މަސައްކަތް ކުރިއެވެ. "ހޭލީތަ... އާދޭ ސައިބޯން..." ތައްޓަކަށް ހަކުރު ސަމްސަލެއް ލަމުން ނައުރީން ވާހަކަދެއްކީ ހަމަޖެހެން މަސައްކަތް ކުރަމުންނެވެ. ނައުރީންގެ ވަޅުވަދެފައިވާ ދެލޮލުން އޭނާ ރަނގަޅު ނޫންކަން ދޭހަކޮށްދެއެވެ.
"ކޮބާ ޝާޔާ... ޝީން ހޭލައިފިތަ؟.." ގޮނޑި ދަމާލާފަ އިށީންނަމުން މަންޝާ ވާހަކަ ދެއްކީ މޭޒުމަތީ ހާދާފައިވާ ބާވަތްތަކަށް ބަލާލަމުންނެވެ.
"ޝާޔާ ވެއްޖެ ގޯތިތެރޭގަ... ޝީން އަދި ނުހޭލާ..." މަންޝާގެ ސައިތަށި ގިރާލުމަށްފަހު ސިންކުތެރެއަށް ސަމްސާލާން ދިޔަ ވަގުތު ފޯނު ރިންގްވާން ފެށުމުން ފޯނަށް ނައުރީން ބަލާލިއެވެ. ޑިސްޕްލޭއަށް ޟިރާރުގެ ނަން އަރާފައި އޮތުމުން އެ ފޯނު ހިފައިގެން ނައުރީން އަވަސްވެގަތީ ބަދިގެއިން ބޭރަށް ނުކުންނާށެވެ. ސައިބޯން އިން މަންޝާގެ މޫނަށް ބަލާލަމުން ނައުރީން ނުކުމެގެން ދިޔައީ ކަންފަތުގައި ފޯނު ޖައްސާލުމަށްފަހު އެ ކޯލަށް ވާހަކަ ދައްކަމުންނެވެ.
"މަ ވަރަށް ބޮޑު ކަމަކު އޭ ގުޅީ.. މި ގަޑީ ވާހަކަ ދެއްކޭނެތަ؟..."
*** *** *** *** *** ***
އެނދުގައި އޮތް ޟިރާރު ކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުން ގައިމަތީ އަޅާފައި އޮތް ރަޖާގަނޑު ނެގިއެވެ. އެއް އަތުން ކަންފަތުގައި ޖައްސައިގެން ހުރެ ފޯނަށް ވާހަކަ ދައްކަމުންނެވެ. "ހޫން.. ކިޔާބަލަ... މަ އަދި މިހޭލީ.. މިސް ކޯލެއް އިނީމަ މި ގުޅީ..."
އެނދުމަތިން ހިއްލާލި ޟިރާރު ގޮސް ކޮޓަރީ ދޮރު ރަނގަޅަށް ލައްޕާލީ މޭގައި ފިރުމާލަމުންނެވެ. އޭރު އެކޮޅުން ނައުރީން ވާހަކަ ދައްކަމުން ދިޔައެވެ. "ފޯނަކުން މިކަހަލަ ވާހަކައެއް ނުދެއްކޭނެ... ނިކަން މިގެއަށް އައިސްބަލަ... އަހަރެން ގައިގަ ތިހިސާބަށް ދާހާ ވަރެއް ނެތް... އާދެވޭނެތަ... ވަރަށް ބޮޑު ކަމަކު.."
ނައުރީން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ހުރި ޟިރާރުގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ. އެއް ބުމަ އަރުވާލަމުން އިރުކޮޅަކުން މިދަނީ ކަމަށް ބުނެ ފޯނު ކަނޑާލުމަށްފަހު އެނދު މައްޗަށް އޭނާ ފޯނު ހޫރާލިއެވެ. އަލަމާރި ހުޅުވާލަމުން ގަމީހަކާއި ފަޓުލޫނެއް ނަގާ އާމިނައަށް ހަރުއަޑުން ގޮވާލިއެވެ.
ބުރުގާ ރަނގަޅު ކުރަމުން އައިސް ކޮޓަރީގެ ދޮރު ހުޅުވާލަމުން އާމިނަ ސުވާލުކޮށްލީ ހައިރާންވެފަ ހުރެއެވެ. "ކިހިނެއްވީތަ؟ މިއަދު މާ ހެނދުނަކާ އިރުއަރައިގެން ތި އުޅެނީޔޯ... ކޮން އިރަކުތަ ރޭގަ ނިދަން އައީ؟... ދަންވަރު މަށަށް ހޭލެވުނު... އޭރުވެސް ޟިރާރު ގެއަކަށް ނާދޭ..."
އާމިނައާ ދިމާއަށް އެ ފަޓްލޫނާ ގަމީސް ހޫރާލަމުން ޟިރާރު މޫނު ކުނިކޮށްލިއެވެ. "މިހާރު މަށަށް ފާރަލާންވެސް ފެށީތަ؟.. މާ ސުވާލު ގިނަ ނުކޮށް މި އިސްތިރިކޮށްބަލަ... ބޭރަށް ދާން ވެއްޖެ... މަ ކުރާހާ ކަމަކާ ބެހޭކަށް ނުޖެހޭނެ..."
ގަމީހާއި ފަޓުލޫނު ހިފައިގެން އާމިނަ ކޮޓަރިން ނުކުމެގެން ދިޔައިރު އޭނާއަށް ރޮވެނީއެވެ. ފަހަކަށް އައިސް ޟިރާރުގެ މިޒާޖާއި އުޅުމާއި ވާހަކަ ދެއްކުމުގެ ވައްޓަފާޅިއަށް އަންނަމުން ދިޔަ ބަދަލުތަކާއި ހެދި ވިސްނާ ވިސްނާ އާމިނަގެ ސިކުނޑި ފަޅައިގެން ދާން ކައިރިވެއްޖެއެވެ. ކެތްކޮށްގެން ހުއްޓަސް އެނާގެ ކެތްތެރިކަން ކޮޅުން ލަނީއެވެ. ޟިރާރު ކޮންމެވެސް ނުބައިކަމެއް ކުރަނީބާއެވެ. އާމިނައަށް ޝައްކުވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ރޭގަނޑު ގެއަށް ނިދަން ނައިސް ބޭރުގަ ގިނަ ވަގުތު ހޭދަކުރާ އިރު އާމިނަގެ އެކަނިވެރި ހަޔާތާމެދު ޟިރާރުގެ ފިކުރެއް ނެތީ ހެއްޔެވެ.
*** *** *** *** *** ***
މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ގޯތިތެރޭ ހުރި ކުނިތައް ވަރަށްވެސް ގިނައެވެ. މިއިން ދުވަހަކު ކުނި ނުކަހާ އޮތްތަނެކޭ އެއްވަރެވެ. އިލޮށިފަތި ހިފައިގެން އައިސް ގޭގެ ބިތްދަށް ފަރާތުން މަންޝާ ކުނިކަހަން ފެށީ ކުރަހާ ފޮތަކާއި ފަންސޫރެއް ޝާޔާއަށް ހަވާލުކުރުމަށް ފަހުއެވެ.
ފޮތުގައި ކުރަހަން އިން ޝާޔާ ދޭތެރެއަކުން މަންޝާ ކައިރިއަށް ދުވެފައި އައިސް އޭނާގެ ކުރެހުން ދައްކާ ކަމުދޭތޯ އަހާލައެވެ. "ދަރިފުޅު ހާދަ މޮޅޭ... ތީ ހާދަ ބޮޑު ގަހެކޭ... ވަރަށް ރީތި... ކުރަހާ ނިންމާފަ ކުލަޖައްސާފަ ދައްކާލައްޗޭ..." އެއް ފަރާތަކަށް އެއްކޮށްފައި ހުރި ކުނިތަކުގެ މަތިން ދުވެފައި ޖޯލިފައްޗާ ދިމާއަށް ޝާޔާ ދުއްވައިގަތީ އުފަލުން ހުރެއެވެ. އޭނާގެ ކުރެހުމަށް މަންޝާ ތައުރީފް ކުރުމުން އެ ކުރެހުން ނިންމާލަން އަޒުމް ކަނޑައަޅާއިގެން ހުރެއެވެ.
ކަންފަތުން ފޯނު ދުރުކޮށްލަމުން ގޯތިތެރެއަށް ވަދެގެންއައި ޟިރާރުގެ ފިޔަވަޅު މަޑުޖެހުނެވެ. ޖޯލިފަތީގައި އިން ޝާޔާ ފެނުމުން އެ މަންޖެއަށް ޟިރާރު ގޮވާލީ ނުހަނު ލޯބިންނެވެ. ކުރެހުމަށް ގެއްލިފައި އިން ޝާޔާގެ މަގަތުގައި ޟިރާރު އިށީނދެ އެ ތަސްވީރަށް އޭނާ ބަލާލީ ހިނިތުންވަމުންނެވެ. "ތީ ހާދަ ރީތި ގަހެކޭ..." ތައުރީފްގެ ބަސްތަކުން ޝާޔާގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. ޖޯލިފަތިން ތެދުވެ ޟިރާރު ކުރިމައްޗަށް ޝާޔާ ހުއްޓެމުން އެ ކުރަހާފޮތުގެ އެހެން ގަނޑުތައް ދައްކާލަން ގަނޑުތައް އުކާލިއެވެ.
ޝާޔާ ވާހަކަ ދައްކާ އަޑު އިވުމުން ކުނިކަހަން އޮތް މަންޝާ ހިންދެމިލަމުން ޖޯލިފައްޗާ ދިމާއަށް ބަލާލީ އަތަށް އިލޮށިފަތި ހެޔޮވަރު ކޮށްލަމުންނެވެ. ޟިރާރު އިންތަން ފެނުމުން މަންޝާ ބޯ ހޫރުވާލަމުން އޭނާ ކުރަންހުރި މަސައްކަތައް ރުޖޫއު ވިއެވެ.
ޟިރާރު ކުރިމަތީ ހުރެ ކުރަހާ ފޮތަށް އިޝާރާތްކުރަމުން ޝާޔާ ވާހަކަ ދައްކަމުން ދިޔައީ އެ ގަނޑުތަކުގައި އޭނާ ކުރަހާފައިވާ ކުރެހުންތައް ސިފަކޮށްދެމުންނެވެ. "ބޭބެއަށް އިނގޭތަ މީ ކޯއްޗެއްކަން... މީ ..."
ޝާޔާގެ ދެކިހިލިފަތް ދަށަށް އަތް ލައްވާލަމުން ޟިރާރު އެމަންޖެ އުފުލާލިއެވެ. އަދި އުނގުމަތީ ޝާޔާ ބޭނދުމަށްފަހު ކުރަހާ ފޮތަށް އިޝާރާތްކުރަމުން އޭނާ ވާހަކަ ދެއްކިއެވެ. "މީ ކޮކާލެއްނު.."
"ނޫން.. އެއީ ބަޓަރ ފްލައި އެއް..." ތުންކޮޅު އޫކޮށްލަމުން ތުއްތު ޝާޔާ ވާހަކަ ދެއްކީ ޟިރާރު ދިން ޖަވާބާ ދެކޮޅު ހަދަމުންނެވެ. ސަމާސާކުރަން ޟިރާރު އެއީ ކޮކާލެއްކަމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. ޝާޔާ ކުސްތަޅުވާ ބޮޑާ ހާކަމުން ދިޔައެވެ. އެ އަޑަށް މަންޝާ ބޯ އަރިކޮށްލަމުން ޖޯލިފައްޗާ ދިމާއަށް ބަލާލީއެވެ. އިލޮށިފަތީގެ އެހީގައި ހިކިފަތްތައް އެއްފަރާތަކަށް ޖައްސާލަމުންނެވެ.
ފެނުނު މަންޒަރުން މަންޝާގެ ހަރަކާތް ހުއްޓުނެވެ. އެ ހުރިތަނަށް މީހާ ގަނޑުވިއެވެ. ޖޯލިފައްޗާ ދިމާއަށް ބަލަންހުރި މަންޝާގެ ހަރަކާތުން އޭނާއަށް ބިރެއް ފެނުން ކަހަލައެވެ.
*** *** *** *** *** ***
ޖޯލިފަތީގައި އޮށޯވެގެން އޮތް މަންޝާ ލައިގެން ހުރީ ކަކުލާ ހަމައަށް ނިވައިވާ ވަރުގެ ކުރު ހެދުމެކެވެ. އަދިވެސް އިސްތަށިގަނޑު ހުރީ ސްކޫލުން ގެއަށް އައި އިރު ހުރިގޮތަށެވެ. ދެފަށަށް އައްސާ ގަތާފައެވެ. ބޮލުގައި އައްސާފައިވާ ރިބަންކޮޅުގެ ތެރެއިން ރިބަންކޮޅެއް މޮހެވިގަން ޖޯލިފަތި ދަށަށް ވެއްޓިފައި އޮތެވެ. ފަސް އަހަރުގެ މަންޝާ އިނީ އޭނާގެ މަންމަ ކުނިކަހަން ދިއުމުން ގެއަށް އެނބުރި އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ހަސަންބެއާ އެކީ ގެއަށް އައިސް އޭނާ އޮތީ ޖޯލީގައި އޮށޯވެގެން ބަނޑުހައިވެފައި ހުރިލެއް ބޮޑު ކަމުންނެވެ.
އިރުއޮއްސެމުން ދިޔަވަގުތުކަމުން ގޯތިތެރޭ އުޅޭ މަދިރީގެ ގޯނާތަކުން އުނދަގޫވާތީ ފައި އުފުލާލަމުން މަންޝާ ކަށިމަތި ކަހާލައެވެ. މަދީހާ ގެއަށް ނާންނާތީ ދާން ނުކެރިފައި ހުރި ހަސަނަށް އެވަގުތު މަންޝާއާ ދިމާއަށް ބަލާލެވުނީ ކުސްތަޅުވާލަމުންނެވެ. ދެފައި މައްޗަށް ނަގައިގެން އޮތް މަންޝާގެ ހެދުންވަނީ މައްޗަށް އަރާފައެވެ. މަންޝާ ލައިގެން ހުރި ހުދު ޖަންގިޔާ އާ ދިމާއަށް ހަސަނު ބަލަން ހުރެ ކުރިއަށް ޖެހިލީ އެތަން މީހަކަށް ފެނިދާނެތީއެއް ނޫނެވެ. އޭނާގެ ހުރި އެދުންވެރިކަމެއްގެ ބޮޑުކަމުންނެވެ.
“ކޮބާ މަންމަ… އަދިވެސް ނާދެ… ވަރަށް ބަނޑުހައި…” މަންޝާ ބޮޑާހާކަން ފެށިއެވެ.
އިރުކޮޅަކުން މަންމަ އަންނާނޭ ކަމަށްބުނެ ޖެހިގެން ހުރި ޖޯލީގައި ހަސަނު ޖައްސާލީ އޭނާ ލައިގެންހުރި ފަޓުލޫނުގެ ޒިބު މަތިން އަތް ހާކާލަމުންނެވެ. މަންޝާއަށް މަދިރި ހަފާތީ އެތާ އިންނަން އުނދަގޫވިއެވެ. ޖޯލިން ފޭބުމަށްފަހު ހަސަނު ކުރިމަތީ ހުއްޓިގެން ހުރި އިރު ދޭތެރެއަކުން ގުދުވެ ކަށިމަތި ކަހާލައެވެ. މަންޝާގެ ކިހިލިފަތް ދަށަށް އަތް ލައްވާލަމުން ހަސަނު އެކުއްޖާ އުފުލާލިއެވެ. އުނގުމަތީ މަންޝާ ބޭނދުމަށްފަހު އެ ކުއްޖާގެ ކަހަމުން ދިޔަތަން ބަލާލަންށޭ ކިޔާފައި ދެފައި ކުރުކޮށް މައްޗަށް ނެގިއެވެ. ފައިގައި ފިރުމަމުން ހަސަނުގެ އަތް މަންޝާގެ ފަލަމަސްގަނޑާ ހަމައަށް ގެންދިޔައެވެ. ޖަންގިޔާ މަތިން އަތްކާއްތާލަމުން ހަސަނު ސުވާލެއް ކޮށްލީ މަންޝާ ހަދާނެ ގޮތަކަށް ވިސްނާލަމުންނެވެ.
“މަދިރި ހަފާފާނެ ކޮންމެ ތާކުވެސް… އިރުކޮޅަކުން ހިނގާ ފިހާރައަށް ދާން.. ހަސަންބެއާ އެކީ ޗޮކްލެޓާ މެޓާއާ… މަންޝާ ބޭނުން އެއްޗެއް ގަންނަން…” ހަސަންބެ ބުނި އެއްޗަކުން އެތާ އިރުކޮޅަކު މަޑުކުރަން މަންޝާ އެއްބަސްވިއެވެ. ނަމަވެސް އެ ތުއްތު ކުއްޖާގެ ދިރިއުޅުމުގައި ވަކި ހިއްޕާލާނެކަމަކަށް އެއްފަހަރުވެސް ހިއެއް ނުކުރެއެވެ.
*** *** *** *** *** ***
ކުނި ކަހަން ގެންގުޅުނު އިލޮށިފަތި ބިންމައްޗަށް ވައްޓާލި ވަގުތު އެދިމާއަށް އެއްކޮށްފައިވާ ކުނިބުންޏާ ހިކި ފަތްތައް ވިއްސައިގެން ދިޔައެވެ. ދެލޯ ބޮޑުކޮށްގެން ހުރެ މަންޝާ ކުރިއަށް ފިޔަވަޅެއް އެޅީ އޭނާއަށް އެ ފެނުނު މަންޒަރުން މާޒީ ހަނދާންވެ ޝާޔާއަށް ދެރަގޮތެއްވާން ނޭދޭތީއެވެ.
ޝާޔާގެ އަތުގައި އޮތް ކުރަހާ ފޮތުގައިވާ ގަނޑަށް އިޝާރާތްކުރަމުން ވާހަކަ ދައްކަމުން ދިޔައެވެ. އެއިން ކޮންމެ ގަނޑަކަށް ބަލަމުން ޟިރާރު ތައުރީފް ކުރަމުން ދިޔައީ އެ ތުއްތު ކުއްޖާ އުފާކޮށްދިނުމަށެވެ. ބޮޑު ފިޔަވަޅުތަކެއްގައި ހިނގަމުން ޖޯލިފައްޗާ ހަމައަށް އެރި މަންޝާގެ މޫނަށް ޟިރާރު ބަލާލީ ހިނިތުންވަމުންނެވެ. މަންޝާގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ. ޟިރާރުގެ އުނގުގައި އިން ޝާޔާ އުރާލުމަށްފަހު ގޭތެރެއަށް ވަންނަން ދިޔައިރުވެސް މަންޝާ އަނގަޔަކުން ނުބުނެއެވެ.
ގޭތެރެއަށް ވަދެވަދެހުރި މަންޝާއާ ދިމާއަށް ޟިރާރު ބަލަންއި އޮތީ ހައިރާންވެފައެވެ. ނަމަވެސް ބަސްމަޑުކަމަކީ މަންޝާގެ ފަތާރުން އަބަދުވެސް ފެންނަ ސިފައެއްކަން ޟިރާރަށް އެނގެއެވެ. ނައުރީން ނުކުންނާނެ ވަގުތެއްގެ އިންތިޒާރުގައި މަޑުކޮށްލަން ނިންމަމުން، ޟިރާރު ޖޯލީގައި ހަމަޖެހިލީ ބޯމަތިން ފެންނަން ހުރި ގަހުގެ ގޮފިތަކާ ދިމާއަށް ބަލަމުންނެވެ.
ނިދާފައި އޮތް ޝީންއަށް ހޭލެވުނީ މީހަކު އެއްޗެހި ކިޔާ އަޑަށެވެ. ދެލޯ ހުޅުވާލަމުން ހައިރާންވެފައި ކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނީ އެއީ މަންޝާގެ އަޑުކަން ޔަގީން ވުމުންނެވެ. އަލަމާރި ކައިރީ ޝާޔާ ހުރީ ކަޅި ޖަހާނުލާ މަންޝާއާ ދިމާއަށް ބަލާށެވެ. ދޮރު މަތީ ހުރެ މަންޝާ ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އިސްތަށިގަނޑުގައި ހިފަމުންނެވެ.
“މަށަށް އިނގޭ އެ މީހާގެ ނިޔަތް ރަނގަޅެއް ނުވާނެކަން… ރަނގަޅު ނަމަކަ މިވަރު ކުދިން ނަގާ އުނގަށް ލާކަށް ނުޖެހޭނެ… ކޮންމެ މީހަކުވެސް ބަލާނީ ކިތަންމެ ހަނި ދޭތެރެއެއް ފެންނަ އިރަށް އަތް ފޯރުވަން…”
ފުން ނޭވާއެއް އެތެރެކޮށްލުމަށްފަހު މަންޝާ ހަމަޖެހެން މަސައްކަތް ކުރީ އުނަގަނޑުގައި ދެއަތް ވިއްދާލަމުންނެވެ. އަލަމާރި ކައިރީ ހުރި ޝާޔާއާ ދިމާއަށް ބަލާލި އިރު އެ ކުއްޖާގެ މޫނުމަތިން ޖެހިލުންވެފައި ހުރިކަން ފާހަގަވިއެވެ. ކަކޫ ޖަހާ އެކުއްޖާ ކައިރިއަށް ތިރިވަމުން މަންޝާ ވާހަކަ ދެއްކީ ލޯތްބާއެކީގައެވެ. “ދަރިފުޅު… ދޮގު ނުހަދާ ބުނެބަލަ.. ބޭބެ އެއްވެސް ވަރަކަށް ގައިގަ އަތްލިތަ…”
ޝާޔާ ދެއަތަށް ބޯ ހޫރުވާލީ ނޫނެކޭ ބުނާށެވެ. ބިރުގެންފައި ހުރުމުން އެ ކުއްޖާއަށް އަނގައިން ބުނެވޭ ގޮތެއް ނުވިއެވެ. އެހަމަހިމޭންކަމުގެ އަޑީގައި ފޮރުވިފައިވާ ސަބަބު މަންޝާއަށް ދޭހަވީ މުޅިން ރަނގަޅަކަށް ނޫނެވެ. ޝާޔާ އަނގައިން ނުބުނެ ބޮލުގެ އިޝާރާތުން ވާހަކަ ދައްކާތީ މަންޝާއަށް ހީކުރެވުނީ އެ ކުއްޖާ ކޮންމެވެސް ކަމެއް ސިއްރު ކުރަނީ ކަމަށެވެ.
“ދޮގު ނުހަދާ ބުނެބަލަ… އަތްލާން ނުޖެހޭ ތާކު އެ ބޭބެ އަތްލިތަ… މިތާ މިތާ…” މަންޝާއަށް ޝައްކު ކުރެވިގެން އުޅޭ ކަންތަކުގެ ވާހަކަ ކިޔައިދޭން ޝާޔާއަށް ނުކެރެނީއޭ ހީވުމުން މަންޝާ ވާހަކަ ދައްކަމުން ދިޔައީ ޝާޔާގެ މޭމައްޗަށާ ކުރިމަތި ފަރާތާ ދިމާއަށް އިޝާރާތްކުރަމުންނެވެ.
“މަންޝޫ… ކިހިނެއްވީ؟!!!…”
މަންޝާ ދައްކަމުން ދިޔަ ވާހަކަ އަޑުއިވުމުން ޝީންއަށް ހިމޭނަކުން ނޯވެވުނެވެ. އެނދުން ތެދުވެ އޭނާ ލައިގެންހުރި ޓޮޕްކޮޅު ރަނގަޅުކޮށްލިއެވެ. ދުވެފައި އައިސް ޝީންގެ ގައިގާ ޝާޔާ ބައްދައިގަތީ އޭނާއަށް ސަލާމަތްވެވެން އޮތް ގޮތަކީ އެއީކަން ވިސްނުނީމައެވެ.
*** *** *** *** *** ***
ގެއިން ބޭރަށް ނައުރީން ނުކުތީ އިބްޒީމާމެން ގެއިން އޭނާ ސިއްރުން ނެގި ފޮތް ހިފައިގެންނެވެ. ޖޯލިފަތީގައި އޮތް ޟިރާރު ފެނުމުން ފަސްއެނބުރި ގޭތެރެއަށް ބަލާލީ އެތަނަށް މީހަކު އައިސް ދާނެތީ ބިރުން ހުރެއެވެ. މީހަކު ފެންނަން ނެތުމުން ޖޯލިފައްޗާ ދިމާއަށް ނައުރީންގެ ފިޔަވަޅު އަވަސްކޮށްލީ އަޒީމް ނެތް ވަގުތެއްގެ ބޭނުން ހިފާށެވެ.
“އޭ ޟިރާރޫ… ނިދީތަ؟..”
ޖޯލީގައި އޮވެ ނިދިޖެހިފައިވާ ޟިރާރު ލޯ ހުޅުވާލީ ނިތައް ރޫގިނަ ކޮށްލަމުންނެވެ. ކައިރީ ހުރި ނައުރީންއާ ދިމާއަށް ބަލާލީ ވައިއަޑުން އޭނާ ވާހަކަ ދައްކާކަން އެނގުމުންނެވެ. ލޯ ހުޅުވާލަމުން ޟިރާރުވެސް ވާހަކަ ދެއްކީ ނައުރީން ވާހަކަ ދެއްކިހެން ވައި އަޑުންނެވެ. “ކިހިނެއްތަ ވީ؟… ކޮން ކަމެއްތަ ކޮށްދޭންވީ؟…”
ނައުރީން އަތުގައި އޮތް ފޮތް ޟިރާރުގެ އަތަށް ދެމުން އޭނާ އެނބުރި ފަހަތަށް ބަލާލިއެވެ. އެ ގޯތީގެ ވަށާފާރުގެ ބޭރަށް ނަޒަރު ހިންގާލީ ބޭރުން ދާ މީހަކަށްވެސް އެ މަންޒަރު ފެންނަން ބޭނުން ނުވީމައެވެ. ފޮތުގައި ހިފުމަށްފަހު ނައުރީންގެ އަތްތިލައިގައި ޟިރާރު މަޑުމަޑުން ހިފާލީ ނައުރީންގެ މޫނާ ދިމާއަށް ބަލާލަމުންނެވެ. ވަށައިގެން ކަޅިހިންގަމުން ދިޔަ ނައުރީނަށް ސިހުމެއްވުމުން ޟިރާރާ ދިމާއަށް ބަލާލީ ހައިރާންވެފައިވާ ހާލުގައެވެ. އަތާ ދިމާއަށް ބަލާލަމުން ނައުރީން ވާހަކަ ދެއްކީ މަޑުމަޑުން އެ އަތްތިލަ ދަމައިގަންނަމުންނެވެ. ޟިރާރަކީ އެދުމަކާ ނުލާ ކަމެއްކޮށްދޭނެ މީހެއް ނޫންކަން ނައުރީނަށް އެނގެއެވެ. މިވަގުތު ނައުރީނަށް އެހީވާނެ އިތުރު މީހަކު ހުރި ނަމަ ޟިރާރު ގާތުގައި ދުވަހަކުވެސް އޭނާ ކަމަކު ނުބުނާނެއެވެ.
“ޟިރާރު… މި ފޮތް އިބްޒީމާމެން ގެއަށް ގެންގޮސްދީ… މި ފޮތް ގެއްލިގެން ނުހޯދާތަ؟..”
ހިނިގަނޑެއް ޖަހާލަމުން ޟިރާރު ބޮލުގައި އަތްހާކާލިއެވެ. “ތިކަންކުރަންތަ މާ އަވަހަށް އަންނާށޭ ކިޔާފަ ތިގޮވީ… ނައުރީން ހާދަ ހިކިއްޖޭ.. އަނެއްކާ ބަލީތަ؟..” ނައުރީންގެ ބޯ ނިވާކޮށްފައިވާ ބުރުގާ މަތިން ބޮލުގައި ފިރުމާލަމުން ޟިރާރު އޭނާގެ މޫނަށް ރަނގަޅަށް ބަލާލިއެވެ.
“އަސްލު… އަހަރެން ވަރަށް ބޮޑުކަމަކު ކިޔަން ބޭނުން… މީ ރޫހާނީ ކަންތައްގަނޑެއް… މަށަށް އެހީވާނަންތަ؟..” ބުނަން ނުކެރިފައި ހުރެވިޔަސް ނައުރީންގެ އެދުން ހާމަކުރީ ޟިރާރުގެ ބޭނުން ހާމަކުރާނެކަން އެނގިހުރެއެވެ.
“ނައުރީނަށް މަ ކޮންމެކަމެއްވެސް ކޮށްދޭނެކަން އިނގެއެއްނު… އެކަމަކު މަށަށްވެސް ފައިދާއެއް ވާން ޖެހޭނެ ދޯ…” ނައުރީނަށް ދުރަށްޖެހިލަމުން ޖޯލިފަތީގައި އޭނާ އޮށޯތީ ގަދަކޮށްލަމުންނެވެ.
“ބުނޭ.. ބުނި ކޮންމެކަމެއް އަހަރެން ކޮށްދޭނަން… މަ ބޭނުމީ މިބިރުވެރިކަމުން ސަލާމަތްވާން…” ޟިރާރުގެ ފަރާތުން އެހީއަކަށް އެދެން ކޮންމެ ފަދަ ކަމެއްވެސް ކުރަން ނައުރީން ހުރި ތައްޔާރަށެވެ. އެކަމުން ޟިރާރަށް ލިބުނު ހިތްހަމަޖެހުމާ އެކު ނައުރީންގެ އަތުގައި ހިފާ ގަޔާ ދިމާއަށް ދަމައިގަތެވެ. އެކަމަށް ނުވިސްނާ ހުރުމުން ޟިރާރުގައި މައްޗަށް ނައުރީން ވެއްޓުނެވެ.
ނައުރީންގެ ކަންފަތްދަށުގައި ސިއްރުސިއްރުން ޟިރާރުގެ ބޭނުން ހާމަކުރިއެވެ. އެވަގުތު ނައުރީންގެ ދެލޯ ބޮޑުވިއެވެ. “ނޫން.. ތިނޫން އެހެންކަމެއް… މަށަކަށް ތިކަމެއް ނުވާނެ…” ނައުރީން ދެކޮޅުހެދީ އޭނާއަށް އެކަން ނުވާނެޔޭ ހިތަށް އެރުމުންނެވެ. އެވަރުގެ ކަމަކު ޟިރާރު ބުނެފާނެކަމަށް ފުރަތަމަވެސް ނައުރީން އުންމީދު ނުކުރީ ކީއްވެހެއްޔެވެ.
(ނުނިމޭ)
