ރާއްޖޭގައި ދުއްވާ ހުރިހާ އެއްގަމު އުޅަނދުތަކަކުން ކޮމްޕްރިހެންސިވް އިންޝުއަރެންސް ނެގުން ލާޒިމުކުރުމަށް، އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 5/2009) އަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އިދިކޮޅު އެމްޑީޕީގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މެންބަރު މުހައްމަދު އިބްރާހީމްއެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނުގެ ދަށުން ލާޒިމުކުރަނީ ހަމައެކަނި ތާޑް-ޕާޓީ އިންޝުއަރެންސް ނެގުމަށެވެ. ނަމަވެސް، މި އިސްލާހުގެ މައިގަނޑު މަގުސަދަކީ އެކްސިޑެންޓުތަކާއި އެހެނިހެން ހާދިސާތަކުގައި އުޅަނދަށާއި ދުއްވާ މީހާއަށް ލިބޭ ގެއްލުމަށް ބަދަލު ނުލިބޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.
ގާނޫނަށް ގެނެވޭ މުހިންމު ބަދަލުތަކަކީ:
- ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވަންވާނީ އެ އުޅަނދަކަށް ނުވަތަ އުޅަނދު ދުއްވާ މީހާއަށް، ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދޭނެ ފަދަ ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ޕޮލިސީއެއް އޮވެގެން ކަަމަށް ބަޔާންކޮށްފައިވޭ
- އިންޝުއަރެންސްގެ ދަށުން އެކްސިޑެންޓެއްގެ ސަބަބުން ތިންވަނަ ފަރާތަކަށް ލިބޭ ގެއްލުމުގެ އިތުރުން، އަމިއްލަ އުޅަނދަށް ލިބޭ ސީދާ ގެއްލުމާއި، އުޅަނދު ފުރޮޅާލުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކަވަރުކުރަން ޖެހޭ
- އަލިފާނުގެ ހާދިސާތަކާއި، ވައްކަމާއި، ގަސްތުގައި ބަޔަކު ދޭ ގެއްލުމާއި، އަދި ފެންބޮޑުވުމާއި އުދައެރުން ފަދަ ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކަށްވެސް އިންޝުއަރެންސް ކުންފުނިތަކުން ޒިންމާވާންޖެހޭ
ނަމަވެސް، މި ގާނޫނުން އިސްތިސްނާވާ ބައެއް ހާލަތްތައް ބިލުގައި ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި ވިޔަފާރި އުސޫލުން ބޭނުންނުކުރާ ދައުލަތުގެ އުޅަނދުތަކާއި، ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އުޅަނދުތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ އުޅަނދުތައް ހިމެނެއެވެ. އަދި ވަކި މުއްދަތަކަށް ރާއްޖެއަށް އެތެރެކުރާ އުޅަނދުތައްވެސް މި ލާޒިމުކުރުމުން އިސްތިސްނާވާނެއެވެ. މީގެ އިތުރުން، ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުން އިސްތިސްނާކުރާ އެހެނިހެން އުޅަނދުތަކަށްވެސް މި އުސޫލު ނުހިނގާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.
މި ބިލު ހުށަހެޅި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، މިހާރު އޮންނަ ތާޑް ޕާޓީ އިންޝުއަރެންސް ނިޒާމުގެ ސަބަބުން އުޅަނދުގެ ވެރިފަރާތަށް އެކަށީގެންވާ ރައްކާތެރިކަމެއް ނުލިބުމެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަގުމަތީގެ އެކްސިޑެންޓުތައް ދަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންނެވެ. ފާއިތުވި އަހަރުގެ ފަހުކޮޅާ ހަމައަށް 2،797 އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އެގޮތުން ހަމައެކަނި ނޮވެމްބަރު މަހު 294 އެކްސިޑެންޓުގެ މައްސަލަ، އަދި އޮކްޓޯބަރު މަހު 251 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރެއިން ގިނަ ހާދިސާތަކުގައި އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެކަށީގެންވާ އިންޝުއަރެންސް ކަވަރޭޖެއް ނެތުމުގެ ސަބަބުން މާލީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހެއެވެ.
މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ގިނަވެ، އުޅަނދުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ދަނޑިވަޅެއްގައި މިފަދަ ބިލެއް ހުށަހެޅުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމަކަށް ހައްލެއް ލިބިގެންދާނެއެވެ.
