މިނިސްޓަރު އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލު މަގާމުން ވަކިކުރިކަމަށް ދެކެވޭ ވާހަކަ އަކީ ދޮގު ހަބަރެއްކަމަށް ހަލީލު ވިދާޅުވެއްޖެއެވެ.
ދަ ޕްރެސް އަށް މައުލޫމާތު ދެއްވަމުން ހަލީލް ވިދާޅުވީ މަގާމުން ވަކިކުރިކަމަށް ބުނާ ވާހަކަ އަކީ "ފޭކް ނިއުސް" އެއްކަމަށެވެ.
ހަލީލު މަގާމުން ވަކި ކުރިކަމަށް ހަބަރު ފެތުރިފައިވާއިރު، މިއަދު ސަރުކާރުގެ ކެބިނެޓްއަށްވެސް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. މިކަމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެގޮތުން، ކެބިނެޓްގެ 10 މިނިސްޓަރަކު މިއަދު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅުކުރައްވައިފިކަމަށެވެ.
މިނިސްޓަރުންގެ އިސްތިއުފާއާ ގުޅިގެން ހުސްވި މަގާމުތަކަށް ބޭފުޅުން އައްޔަނުކުރައްވާނެ ވަގުތެއް އަދި ސާފެއް ނުވެއެވެ.
