ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު، މުހައްމަދު ސިނާންގެ ގޮނޑި ގެއްލުމާއި އެކީ އެ ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.
ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް އޮވެ، ކޯޓުގެ ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކަމުން ނުދާތީ އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ އިއްޔެއެވެ.
ގާނޫނު ބުނާގޮތުން، މެންބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅާތާ ފަސް ދުވަސް ތެރޭގައި އެ ގޮނޑިއަށް އިތުރު މެންބަރަކު ހޮވަން ބާއްވާ އިންތިހާބަށް އިއުލާން ކުރަން ޖެހޭއިރު 60 ދުވަހުގެ ތެރޭގައި އެ އިންތިހާބު ބާއްވަން ޖެހެއެވެ.
އެއާއެކު އީސީން މިރޭ ކުރި އިއުލާނެއްގައި ބުނީ، އެ ބައި އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ މީހުން މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 10:00 އިން މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 15:00 ޖެހުމާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ ހުރިހާ ފައިލެއްގެ ސައިޒް އެއްކޮށްލުމުން 10 އެމް.ބީ އަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށާއި އަދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ލިބުނުކަން އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތުން ކަށަވަރުކުރަންވާނެ ކަމަށް އިއުލާނުގައި ވެއެވެ.
ބައި-އިލެކްޝަން ބާއްވާނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު، ހެނދުނު 8:00އިން ހަވީރު 4:00އަށެވެ. އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރަން ހަމަޖެހިފައިވަނީ އޭގެ ދެ ދުވަސް ފަހުން، ޖޫން އަށް ވަނަ ދުވަހުއެވެ.
ސިނާން ގޮނޑީ ގެއްލުނު މައްސަލައިގެ ފެށުމަކީ ސިނާން އާއި އިތުރު ދެ މީހަކު (އަހުމަދު ވަހީދު އަދި މުހައްމަދު ސަލީމް) ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެކެވެ. އެ ލޯނަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރިއެވެ. އަދި ފައިސާ ނުދައްކައިފިނަމަ ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ ސިނާންގެ “ރޯދި” ނަމަކަށް ކިޔާ ދޯންޏާއި ގޯއްޗެއް ނެގުމުގެ ބާރު ބޭންކަށް ދީފައިވެއެވެ.
ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ، ބޭންކުން ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ހުށަހެޅިއެވެ. އޭގެ ފަހުން، ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ފެބްރުއަރީ 13، 2025 ގައި ޣާލިބް ސަލީމް ނަމަކަށް ކިޔާ އާންމު ފަރާތަކުންނެވެ. މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވަނީ މީގެ ނުވަ މަސް ކުރިންނެވެ.
