ކ. ހުރާގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މީހުން ދިރިއުޅޭ ގެއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ކ.ހުރާގައި މީހުން ދިރިއުޅެމުންދާ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުންއެ ގޭގައި ދިރިއުޅޭ މީހެއްގެ އެއް އަތް ފިހިފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން އެންޑީއެމްއޭ އިން ބުނީ މި އަލިފާނުގެ ސަބަބުން އެގޭގައި ދިރިއުޅުނު 15 ފަރާތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކައުންސިލާ ގުޅިގެން ކުރަމުން އަންނަކަމަށެވެ.

މި ހާދިސާގައި ލިބުނު މާލީ ގެއްލުމުގެ ތަފްސީލު ކަމާބެހޭ ފަރާތްތަކުން މިހާރު ބަލަމުން އަންނައިރު އަދި އެގޭގައި ރޯވި ސީދާ ސަބަބު ދެނެގަނެވިފައެއް ނުވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ހިނގާ އަލިފާނުގެ ހާދިސާތައް ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު، މި ފަދަ ހާދިސާތަކުގައި މީހުންގެ ފުރާނައާއި މުދަލަށްވެސް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަން ފާހަގަކުރެވެއެވެ.