ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ވަގުތުން ބަންދުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގައުމުގެ ކަނޑުގެ ސިފައިންނަށް އަމުރުކުރައްވައިފިއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި މަޝްވަރާތައް ރަނގަޅަށް ކުރިއަށްދިޔަ ނަމަވެސް އީރާނުގެ ނިއުކްލިއާ މަޝްރޫއު ހުއްޓާލުމަށް އެ ގައުމުން ވަނީ ދެކޮޅު ހަދާފައެވެ. އެހެންކަމުން ދުނިޔޭގެ ތެލުގެ ބާޒާރަށް ނުހަނު މުހިންމު މި ކަނޑުއޮޅިއަށް ވަންނަން ނުވަތަ ނުކުންނަން މަސައްކަތްކުރާ ކޮންމެ އުޅަނދެއް ހުއްޓުވުމުގެ މަސައްކަތް އެމެރިކާ ސިފައިން ފަށާނެކަން ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށުނު މި ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު ދެ ހަފްތާގެ މުއްދަތަކަށް އިއުލާނުކުރި ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުން ދާއިމީ ސުލްހައަކަށް ބަދަލުކުރުމަށް ކުރެވުނު މަސައްކަތް މިވަނީ ނާކާމިޔާބުވެފައެވެ.
އިސްލާމްއާބާދުގައި 21 ގަޑިއިރަށްވުރެ ދިގުދެމިގެންދިޔަ މި މުހިންމު މަޝްވަރާތަކުގައި އެމެރިކާގެ ވަފުދުގެ އިސްކޮށް ހުންނެވީ ނައިބު ރައީސް ޖޭޑީ ވެންސްއެވެ. އޭނާގެ އަރިހުގައި ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އަދި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ ބައިވެރިވެ ވަޑައިގަތެވެ. އީރާނުގެ ފަރާތުން އިސްކޮށް ހުންނެވީ އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގަލީބާފްއެވެ.
މީގެ އިތުރުން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހިމެނިވަޑައިގަންނަވާ ގޮތަށް 70 މެމްބަރުންގެ ބޮޑު ވަފުދެއް އީރާނުން ޕާކިސްތާނަށް ވަޑައިގަތެވެ. މިއީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށްފަހު ދެ ގައުމުގެ ދެމެދުގައި ބޭއްވުނު އެންމެ މަތީ ފަންތީގެ ބައްދަލުވުމެވެ.
އީރާނުން ނިއުކްލިއާ ހަތިޔާރު ނުހަދާނެ ކަމުގެ ޔަގީންކަން ދިނުމަށް ދެކޮޅު ހެދުމަކީ އެއްބަސްވުމަކަށް ނާދެވުނު މައިގަނޑު ސަބަބު ކަމަށް އެމެރިކާއިން ބުނެއެވެ.
ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރާ މުހިންމު މަގެކެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމައިގައި އީރާނުން ވަނީ މި ކަނޑުއޮޅި ބަންދުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި އިގުތިސާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީގެ ވެރިޔާ ސުލްތާން އަހުމަދު އަލް ޖާބިރު ވިދާޅުވެފައިވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ހައްގު އީރާނަށް ލިބިގެން ނުވާ ކަމަށާއި އެއީ މުޅި ދުނިޔޭގެ އިގުތިސާދަށް އޮތް ނުރައްކަލެއް ކަމަށެވެ.
