ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިއްޔެ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއޭސީއެލް އިން ބުނީ ވީއައިއޭގެ އަހަރީ ދުވަހުގެ ހަރަކާތްތައް އިއްޔެ ހެނދުނު 6:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަކުން ފަށާފައިވާކަމަށާއި، ދިދަ ނަންގަވައިދެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފްކަމަށެވެ.

މި ރަސްމިއްޔާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

ވެލާނާ އެއާޕޯޓަށް 60 އަހަރު ފުރުމާ ގުޅިގެން ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ދިދަ ވެރިން / ފޮޓޯ: އެމްއޭސީއެލް

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދުވަހާ ގުޅޭ ހާއްސަ ކޭކެއް ފަޅާފައިވާކަން ފާހަގަކޮށް އެމްއޭސީއެލް އިން ބުނީ ރަސްމިއްޔާތަށްފަހު ކުންފުނީގެ މެނޭޖުމަންޓާއި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ވަނީ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓަކަށް ޒިޔާރަތް ކޮށް މުވައްޒަފުންނަށް ހިތްވަރު ދީ އެމީހުން ކުރާ ބުރަ މަސައްކަތައް ޝުކުރު އަދާކޮށްފައި ކަމަށެވެ.

ވީއައިއޭގެ އަހަރީ ދުވަހުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން އިއްޔެ ހަވީރު ހާއްސަ ރަސްމިއްޔާތަކާއެކު ހަވީރުގެ ސައެއް ބާއްވައިފަވާކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. މި ރަސްމިއްޔާތުގައި އަހަރީ ދުވަހުގެ ލޯގޯ ޑިޒައިން ކުރުމަށް ހުޅުވާލި މުބާރާތުން އެއްވަނަ ހޯދި މުވައްޒަފަށާއި އަހަރީ ދުވަހާ ގުޅުވައިގެން ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން ބޭއްވި ޒީނަތްތެރިކުރުމުގެ މުބާރާތުން އެއްވަނައަށް ދިޔަ ޑިޕާޓްމަންޓަށް އިނާމު ދީފައިވާކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

1960 ވަނަ އަހަރު ދަގަނޑު ފިލާ އަޅައިގެން ހެދި ރަންވޭއަކުން ފެށި މި އެއާޕޯޓު، 12 އޭޕްރިލް 1966 ގައި "ހުޅުލެ އެއާޕޯޓް" ގެ ނަމުގައި ރަސްމީކޮށް ހުޅުވައިދެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ. އޭގެ ފަހުން 1981 ވަނަ އަހަރު "މާލެ އިންޓަނޭޝަނަލް އެއާޕޯޓް" ގެ ނަމުގައި ތަރައްގީކޮށް ހުޅުވުނެވެ. ފާއިތުވި 60 އަހަރުގެ ތެރޭގައި މި އެއާޕޯޓު ވަނީ ބޮޑެތި ބަދަލުތަކެއް ދެކެފައެވެ. އޭގެ ތެރޭގައި އާ ރަންވޭއެއް ހެދުމާއި، ސީޕްލޭން ޓާމިނަލް ތަރައްގީކުރުން ހިމެނެއެވެ.

މިހާރު ވީއައިއޭގައި ވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އާ ޕެސެންޖާ ޓާމިނަލެއް ގާއިމުކޮށްފައެވެ.