ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ އުސޫލުތަކަށް ބަދަލުގެނެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކިން ފުލެޓަށް އެދި ހުށަހެޅޭނެ އުސޫލަށް އިތުރު ބަދަލެއް ގެނައުމަށް މަސައްކަތް ކުރަމުްނދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިއްތަލިބް ވިދާޅުވީ، މި ބަދަލާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން، އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ވެސް އެ ކެޓަގަރީން ފޯމު ހުށަހެޅުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީއަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، މީގެ ކުރިން އާންމު ކެޓަގަރީތަކުގައި ކަނޑައަޅާފައިވާ މުއްދަތުތައް މި ފަރާތްތަކުގެ މައްޗަށް ނުހިނގާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ ނުވަތަ މާލޭގައި ދިރިއުޅޭތާ މަދުވެގެން 1 އަހަރު ދުވަސް ވެފައިވުމުގެ ޝަރުތު، މި ކެޓަގަރީން ކުރިމަތިލާ ފަރާތްތަކަށް ވަނީ މުޅިން އުވާލާފައެވެ. މި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތަކަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުން ދޫކުރާ 7،900 ފްލެޓްގެ ތެރެއިން 100 ފްލެޓް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ކަނޑައަޅާފައެވެ. މީގެ އިތުރުން މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، ޒުވާނުންނަށް 250 ފްލެޓް، އަދި އެކަނިވެރި މައިންނާއި ބަފައިންނަށް 100 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ނިމުނު މާޗު މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މި ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހެވެ.
ހުރިހާ އެޕްލިކޭޝަނެއްވެސް ހުށަހަޅަންޖެހެނީ ހައުސިން ޕޯޓަލް މެދުވެރިކޮށެވެ.
