ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ ތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މި މަހުގެ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގެ ދެވަނަ ބުރު ބާއްވަނީ، ފުރަތަމަ ބުރުގައި ވޯޓު އެއްވަރުވި ފަސް ދާއިރާއެއްގެ ނަތީޖާ ކަނޑައެޅުމަށެވެ.
ޕީއެސްއެމް އަށް ދިން އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ޕްލޭނިން އެންޑް ރަޖިސްޓްރޭޝަން ޑިވިޝަންގެ ޑިރެކްޓާ އާމިނަތު އަޒީފާ ވިދާޅުވީ، ވޯޓުލާ ތަން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ހޯމަ ދުވަހުން ފެށިގެން އެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ފުރަތަމަ ބުރުގައި ވޯޓުލީ ފަރާތްތައް، އިތުރު ބަދަލެއް ނުގެންނަ ނަމަ، ރަޖިސްޓްރީވެފައި އޮންނާނީ ކުރިންވެސް ވޯޓުލީ ސަރަހައްދުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ދެވަނަ ބުރުގެ ވޯޓާސް ލިސްޓާ ގުޅޭގޮތުން އަޒީފާ އިތުރަށް ވިދާޅުވީ، އޭޕްރީލް 18 ގެ ނިޔަލަށް ލިސްޓަށް އިތުރުވާ މީހުންގެ މައުލޫމާތު މިހާރު އާންމުކޮށްފައިވާ ކަމަށެވެ. މިގޮތުން އަލަށް 18 އަހަރު ފުރުމުގެ ސަބަބުން މި ފަސް ދާއިރާއަށް އިތުރު 7 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަލަށް ވޯޓުލުމުގެ ހައްގު ލިބޭ ފަރާތްތައް ރަޖިސްޓްރީކުރެވިފައިވާނީ އެ މީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށެއްގައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރު ބުރުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އަށް އިތުރުވި ފަރާތްތަކުގެ ލިސްޓު އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައެވެ. ޝަކުވާ އަށް ހުޅުވާލުމުން 4 ޝަކުވާއެއް ލިބިފައިވާކަމަށް ދަ ޕްރެސް އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ވިދާޅުވިއެވެ.
