މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 689,905 އަށް އަރާފައިވާ އިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓަރީން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 704،711 މީހުން ޒިޔާރަތްކޮށްފައިވާ އިރު ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް އައިސްފައި ވަނީ 689,905 ފަތުރުވެރިންނެވެ. ވިޔަފާރި ބޭނުންތަކުގައި 4455 މީހުން އައިސްފައިވާ އިރު ކްރޫޒް ލައިނާތަކުގައި 10،351 މީހުން ވަނީ އައިސްފައެވެ.

އިއްޔެގެ ނިޔަލަށް 6.8 ލައްކަ އަށްވުރެ ގަިނަ ފަތުރުވެރިން އައިސްފައިވާ އިރު އެއީ ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 6,831 ފަތުރުވެރިން ކަމަށް ޓޫރިޒަމް ތަފާސްހިސާބުން ދައްކަައެވެ. ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 685،281 ފަތުރުވެރިން އައިސްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށެވެ. މިއީ ޖުމްލަ އައި މީހުންގެ 97.2 ޕަސެންޓް މީހުންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، ފާއިތުވި 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު ވަނީ ކުޑަ ދަށްވުމެއް އައިސްފައެވެ. 2025 ވަނަ އަހަރުގެ އޭޕްރީލް 11 ގެ ނިޔަލަށް 706,438 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރު އެ އަދަދު އުޅެނީ 689,905 ގައެވެ. މިއީ ގާތްގަނޑަކަށް 1.4 ޕަސެންޓްގެ ދަށްވުމެކެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 669,909 ފަތުރުވެރިން ކަމަށްވުމުން، 2024 ވަނަ އަހަރާ އަޅާބަލާއިރު މިއީ ކުރި އެރުމެކެވެ.

ގްރޭޓާ ބޭ އެއާލައިންގެ ފުރަތަމަ ފްލައިޓުން ރާއްޖެއަށް އައި ފަތުރުވެރިން / ފޮޓޯ: އެމްއޭސީއެލް

މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ފަތުރުވެރިން އައި މިންވަރު ވަނީ ކުރީ އަހަރަށްވުރެ އިތުރުވެފައެވެ. އެގޮތުން ޖަނަވަރީ މަހު 224,788 ފަތުރުވެރިން އައިސްފައިވާއިރު، މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 5 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި ފެބްރުއަރީ މަހު 247,722 ފަތުރުވެރިން އައިސްފައިވާއިރު، މިއީ 15.7 ޕަސެންޓްގެ ބޮޑު ކުރިއެރުމެކެވެ. ނަމަވެސް މާޗް މަހު 161,259 ފަތުރުވެރިން އައިސްފައިވާއިރު، މިއީ 20.7 ޕަސެންޓްގެ ދަށްވުމެކެވެ. އަދި އޭޕްރީލް މަހުގެ ފުރަތަމަ 11 ދުވަހު އައިސްފައިވާ 56,136 ފަތުރުވެރިންނަކީ 24.2 ޕަސެންޓްފެ ދަށްވުމެކެވެ. މި ބަދަލުތަކަކީ ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާއި، ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ނިޒާމަށް އަންނަ ބަދަލުތަކާ ގުޅިފައިވާ ކަންކަމާ ގުޅިގެން އަންނަ ބަދަލުތަކެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގް ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 103,212 ފަތުރުވެރިން އައިސްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 15 ޕަސެންޓެވެ. ޗައިނާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އަބަދުވެސް މުހިންމު ދައުރެއް އަދާކުރާ މާކެޓެކެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެއީ 87,340 ފަތުރުވެރިންނެވެ. ތިންވަނައިގައި 67,012 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތް އޮތްއިރު، ހަތަރުވަނައިގައި އޮތީ 60,204 ފަތުރުވެރިންނާއެކު އިޓަލީއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް މިހާރު 1,301 ތަނެއް އޮޕަރޭޝަނުގައި އެބައޮތެވެ. މީގެ ތެރޭގައި ހިމެނެނީ 180 ރިސޯޓާއި، 933 ގެސްޓްހައުސްއާއި، 16 ހޮޓަލުގެ އިތުރުން 172 ސަފާރީ އުޅަނދެވެ. މި ތަންތަނުގައި ޖުމްލަ 67,689 އެނދު އޮޕަރޭޓް ކުރަމުން ދެއެވެ. އެންމެ ގިނަ އެނދު ހުރީ ރިސޯޓުތަކުގައެވެ. އެއީ 45,035 އެނދެވެ. ގެސްޓްހައުސްތަކުގައި 16,535 އެނދު ހުރިއިރު، ސަފާރީތަކުގައި 3,507 އެނދު އަދި ހޮޓާތަކުގައި 2,612 އެނދު ހުރިކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން 69 ޕަސެންޓް މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. އެއީ 476,187 ފަތުރުވެރިންނެވެ. އަދި 25.9 ޕަސެންޓް (178,488 ފަތުރުވެރިން) މީހުން ގެސްޓްހައުސްތައް ހިޔާރުކުރާއިރު، 2.8 ޕަސެންތް (19,263 ފަތުރުވެރިން) މީހުން ހޮޓާތަކުގައި އަދި 2.2 ޕަސެންޓް (15,067 ފަތުރުވެރިން) މީހުން ސަފާރީތަކުގައި ޗުއްޓީ ހޭދަކުރެއެވެ.