ހުޅުމާލޭ ފޭސް 2ގެ ދޯދި ފުލެޓް 11 ކައިރީގައި ހުރި ކުނިތަކެއްގައި ރޭ ދަންވަރު ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ މިއަދު ހެނދުނު ނިއްވާލައިފިއެވެ.

އެމްއެން ޑީއެފް އިން ބުނީ، މި ހާދިސާގެ މައުލޫމާތު ރޭ 02:21 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ. ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު ހެނދުނު 08:18 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.

އަމާން ދޯދި ކައިރީ ރޭ ދަންވަރު ރޯވި އަލިފާން

މި ހާދިސާއާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ބުނީ "ދޯދި" ޓަވަރު 11 ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފްއާ އެކު އެ ކޯޕަރޭޝަންގެ ޓީމެއް ވެސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، އަދި އެއްވެސް އިމާރާތަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް އެފްޑީސީ އިން ހާމަކުރެއެވެ. ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން މި ހާދިސާގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އެފްޑީސީން ބުނެއެވެ.

މި ފްލެޓްތަކަށް އަންމުން ބަދަލުވީ ފަހަުން އެ ސަރަހއްދުގައި ކުނި އަޅާފައި ހުންނަ ކަމުގެ ޝަކުވާ އައީ ލިބެމުންނެވެ. އިމާރާތަށް އަލަށް ބަދަލުވާ ފަރާތްތަކުން ހުސް ފޮށީގަނޑުތަކާއި ކަރުދާހާއި ކުނި ބުނި އެ އިމްރާތްތަކުގެ ކައިރިއަށް އެއްކޮށްފައި ހުންނަ ކަމުގެ ޝަކުވާ އެތައް ބަޔަކު ހިއްސާ ކޮށްފައި ވެއެވެ. މިކަމާ ގުޅިގެން އެފްޑީސީން ވަނީ ކުނި އަޅާ މައްސަލަ ބަލައި މޮނިތާ ކުރަމުން އަންނަ ކަމަށާއި އެފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ނަމަވެސް އެ ސަރަހއްދުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި އެތަނުގައި ސީސީޓީވީ ނެތުމުން ކުނި އަޅަނީ ސީދާ ކޮން ބައެއް ކަން ނޭނގޭނެ ކަމަށެވެ. އަދި ސެކިއުރިޓީ ބަލަހައްޓަން ވެސް އަބަދު މީހަކު ނުހުންނަ އިރު މި ކަން ކޮންޓްރޯލް ކުރެވޭނީ ހަރުދަނާ ނިޒާމަކުން ކަންކަން ބަދަލުކޮށްގެން ކަމަށް އާންމުން ބުނެއެވެ.