މާލެ އާއި އަތޮޅުތަކުގައި ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުން ކުރިއަށްގެންދާ "ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް" ގެ ދަށުން މިހާތަނަށް 1 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކުރުމަށް އެޕްރޫވްކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ހާމަކުރައްވައިފިއެވެ.

މިކަމާ ގުޅޭގޮތުން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓާ އަހްމަދު ނާޒިމް މުހައްމަދު ވިދާޅުވީ، މި ސްކީމްގެ ދަށުން މިހާތަނަށް 820 މީހަކަށް ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޢަދަދު އިތުރުވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް" އަކީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ. މި ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ ދިގު މުއްދަތެއް ލިބިގެންދާއިރު، މިއީ އަމިއްލަ ބިމުގައި ގެދޮރު ބިނާކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެއްޓެވި މުހިންމު މަސައްކަތެކެވެ.

މި ޕްރޮގްރާމްގެ ދަށުން މައިގަނޑު ތިން ސްކީމެއް ކުރިއަށްދެއެވެ. އެއީ:

  • އަތޮޅުތަކުގެ ރަށްރަށަށް ހާއްސަ ސްކީމް: އެޗްޑީއެފްސީ މެދުވެރިކޮށް 1 މިލިޔަން ރުފިޔާއާ ހަމައަށް ދޫކުރާ މި ލޯނަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހެއެވެ.
  • އާބަން ސެންޓަރުތަކަށް ހާއްސަ ސްކީމް: ސަރުކާރުން ކަނޑައަޅާ އާބަން ސެންޓަރުތަކުގައި ގެދޮރު އެޅުމަށް 3 މިލިޔަން ރުފިޔާއާ ހަމައަށް މާލީ އެހީ ދޫކުރެއެވެ.
  • މާލެ ސަރަހައްދަށް ހާއްސަ ސްކީމް: ބީ.އެމް.އެލް އަދި އެމްއައިބީ މެދުވެރިކޮށް 6 މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެއެވެ. މިއީ ގެދޮރު ނުނިމި ހުރި ފަރާތްތަކަށާއި ކުދި ބިންތައް އެއްކޮށްލައިގެން އިމާރާތްކުރާ ފަރާތްތަކަށް އަމާޒުކުރި ސްކީމެކެވެ.

ސްޓޭޓް މިނިސްޓާ ނާޒިމް އިތުރަށް ވިދާޅުވީ، ލޯނު ސްކީމްގެ އިތުރުން ރަށްރަށުގައި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައްވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ބީއެމްއެލްގެ ފައިނޭންސިންގްގެ ދަށުން އަތޮޅުތެރޭގައި ތަރައްގީކުރާ 800 ހައުސިން ޔުނިޓްގެ މަސައްކަތް ހިމެނޭހެން، ހުރިހާ މަޝްރޫއުތަކެއް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމައި ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިދޭންޖެހޭ އަސާސީ ހައްގަކަށްވާއިރު، ރައްޔިތުންނަށް އެކަށޭނަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ އެންމެ އިސް ސިޔާސަތެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ހުޅުވާލި މި ފުރުސަތުގައި، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އަންނަނީ ލޯނު އެޕްރޫވްވި ފަރާތްތަކަށް ފައިސާ ދޫކުރަމުންނެވެ.