ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ޖަހާލުމުން ނައުރީން ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތް ފޮތް ލައްޕާލުމަށްފަހު އެނދު ދަށަށް ފޮތް ކޮށްޕާލަމުން ދޮރާ ދިމާއަށް ނައުރީން ބަލާލިއެވެ. އަނެއްކާވެސް ޓަކި ޖަހައިފިއެވެ. ނައުރީން ގައިމަތީ ރަޖާގަނޑު އަޅާލަމުން އެނދުގައި އޮށޯވެ ދެލޯ މަރާލިއެވެ. ހިތުގައި ޝައްކުކަމެއް އުފެދިފައި ވިއެވެ. އެއީ އަނެއްކާ އަޒީމް ހެއްޔެވެ؟ ނޫނީ އެހެން މަޚްލޫގެއް ހެއްޔެވެ؟ދެލޯ މަރައިގެން އެހެން އޮތީ އެފަރާތުން އިތުރު ސިގްނަލެއް ދޭނެކަމުގެ އުންމީދުގައެވެ. ތިންވަނަ ފަހަރަށް ޓަކި ނުޖެހުމުން ނައުރީންގެ ބޯމަތި ރަޖާގަނޑު ނަގާ އެއްފަރާތްކޮށްލަމުން މުޅިތަނަށް ކަޅި ހިންގާލިއެވެ. ފެނުނު މަންޒަރުން ނައުރީންގެ ހިތަށް ބިރުވެރިކަމެއް ވެރިވެގެން ދިޔައީ އެތަނަކީ އޭނާގެ ކޮޓަރި ނޫންކަން އެނގުނު ހިސާބުންނެވެ.

ވަށައިގެން ފެންނަމުން ދިޔައީ ބިޔަކޮށް ހެދިފައިވާ ގަސްތަކެވެ. ކޮންމެ ރެއަކު މެންދަންވެ ދުނިޔެ މައްޗަށް ހަމަހިމޭންކަން ވެރިވެގަތުމާއެކީ ނައުރީންގެ އިޚްތިޔާރުން ބޭރުގައި އެ މަޚްލޫގު އޭނާ ހާޒިރުކުރާ ނާމާން މާހައުލުކަން އެނގުމުން އެއްވެސް ހިފެހެއްޓުމެއް ނެތި ނައުރީންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ރޭގަނޑު އިރުއޮއްސުމަށްފަހު ނައުރީން މަސައްކަތް ކުރީ އެ މުސީބާތާއި ކުރިމަތި ނުލާ ވޭތޯއެވެ. ކުރަން ބޭނުންނުވާ އެތައް ކަމަކާ ކުރިމަތިލުމަށްފަހު އިބްޒީމްގެ ސިހުރު ހެދުމަށް ގެންގުޅޭ ފޮތް އަތުޖެހޭ ވަރުވީ ދަންވަރުވީ ފަހުންނެވެ. ފޮތުގެ ބޭނުން ނުހިފެނީސް އޭނާއަށް މިޖެހުނީ އާދައިގެ މަތިން ކޮންމެ ރެއަކު ކުރިމަތިލާންޖެހޭ ކުޅިގަނޑާ ކުރިމަތިލާށެވެ.

މިރޭވެސް ވަގުތު ޖެހުމާއެކީ އެ މަންޒިލަށް އޭނާގެ ދިރިއުޅުންގޮސް ހުއްޓުނީ އޭނާގެ ބާރަކުން ނޫނެވެ. މިކަމުގައި އިތުރު މީހަކު ކުށްވެރި ކުރެވޭކަށް ވެސް ނެތެވެ. މި ނުރައްކަލާ ކުރިމަތިލާން ޖެހުނީ ނައުރީންގެ މޮޔަ ކަމުންނެވެ. ލޯބިވާ މީހާ ނުލިބޭނެކަން އެނގުމުން އޭނާ ހާސިލްކުރުމުގެ ދަހިވެތިކަމުގައި ވިސްނުމެއް ނެތި އެޅުނު އެތައް ފިޔަވަޅުތަކެއްގެ ހިތި ނަތީޖާއެވެ. ފަންޑިތައިގެ ބޭނުން ހިފުމުގެ ސަބަބުން މިއަދު އޭނާއަށް ޖެހިފައިވާ މުސީބާތުން ސަލާމަތްވާން ހަދާނެގޮތް ހުސްވެއްޖެއެވެ. އަމިއްލަ އަތުން ކޮނުން އަނދަވަޅުގެ ތެރެއަށް އޭނާ ވެއްޓިގެން ދިޔައީ އެކަމަށް ނައުރީން ތައްޔާރު ނުވެ ހުއްޓައެވެ.

ގައިމަތީ އޮތް ރަޖާގަނޑު މެއާ ހަމައަށް ދަމާލަމުން އޭނާ އޮތް އެނދަށް ބަލާލީ އެދުދަށަށް ކޮށްޕާލި ފޮތް މަތިން ހަނދާންވުމުން، އެ ފޮތް ނަގަން ހަރަކާތް އަވަސްކޮށްލަމުންނެވެ. ނައުރީނަށް މިއޮވެވުނީ އެނދުމަތީގައި ނޫނެވެ. ގައިމަތީ ހުދު ރަޖާގަނޑު އޮތަސް އޭނާއަށް މި އޮވެވުނީ ހިކިފައިވާ ފަތްތަކެއްގެ ދާނެއްގައެވެ.

ބިޔަކޮށް ހެދިފައިވާ ގަސްތަކުގެ ތެރެއިން ހިލަމެއް ވީހެން ހީވުމުން ކޮޅުކޮޅުގެ ނައުރީން ކަޅި ހިންގާލީ ނޭވާ ހިފަހައްޓާލަމުންނެވެ. އިވުނު އަޑަކީ ގަސްތަކުގެ ފަތްތައް ހެލިލި އަޑުކަން ޔަގީންވުމުން ނައުރީން ހިންދިރުވާލިއެވެ. ބިރުގެންފައި ހުރިވަރުން އަރުތެރެވަނީ މުޅިން ހިކިފައެވެ. ފެން ބޮވައިގެންފައި ހުރިކަންވެސް އޭނާއަށް އިހްސާސް ނުވާ ކަހަލައެވެ. ދެފައި ކުރުކޮށްލަމުން ނައުރީންގެ ހަށިގަނޑު ބޮނޑިކޮށްލީ ދެންވާނެ ގޮތް އޭނާއަށް ނަގައިގަނެވުމުންނެވެ.ގަހަކުން ފަތެއް ގުޑިލިޔަސް ނައުރީން ސިހިސިހި އިނީ އެތަނުން ސަލާމަތްވާން ހަދާނެގޮތެއް އޭނާގެ ސިކުނޑިއަށް ނާންނާތީއެވެ. އެ ހަމަހިމޭން މެންދަމުގެ ވަގުތު އަނދިރިކަމުން ފުރިފައިވާ ވަލުތެރޭ އެކަނިމާ އެކަނި އިނުންވީ އުނދަގޫ ކަމަކަށެވެ. އަޑެއް ލައްވާނުލައި އެތަނުން ނައުރީން ތެދުވީ ވަރަށް ސިއްރުންނެވެ. ވަށައިގެން ބަލަމުން ދިޔައިރު އޭނާއަށް ނުފެންނަ ކިތަންމެ މަޚްލޫގެއް އެތާ ތިބެދާނެކަން އޭނާ ގަބޫލުކުރެއެވެ.

ސަލާމަތުގެ އައްސޭރިއަށް ވާސިލްވާން ބޭނުންވެފައި ހުރުމުން އޭނާ ހިނގައިގަތީ ނިކަގަހާ ދުރަށް ފަސްފަހަތަށެވެ. ގަހުގެ ގޮފިތަކުން ފައިބާފައިވާ އަޅޯތަކަށް ނަޒަރު ހިންގާލެވުނީ އެދިމާލުން ހިޔަންޏެއް ވީހެން ހީވުމުންނެވެ. ބިރުން ހުރުމާ އެކީ ނައުރީންގެ ނޭވާ އަވަސްވަމުން ދިޔައިރު މޭގަނޑު ނެގިނެގިފައި ޖެހެމުންދިޔަ އަޑު އޭނާއަށް އުނދަގޫކުރަމުން ދިޔައެވެ. އެ މާހައުލުން އިވިދާނެ އަޑަކަށް ވިސްނަމުން ދިޔަ ނަމަވެސް އަޑުތަކަށް ސަމާލުކަންދެވޭ ވަރަށްވުރެ އޭނާ ހުރީ ބަލިކަށިވެފައެވެ.

ނައުރީންގެ ފިޔަވަޅު ހުއްޓުމަކަށް އައީ ފަހަތުން އޭނާގެ އިސްތަށިގަނޑުގައި ވައިރޯޅިއެއް ބީހިލިކަމުގެ އިހްސާސް ވުމުންނެވެ. ބޮލުގެ އިސްތަށިތައް ވަޔާއެކީ ވިހުރިލީ ގޮތުން މީ އާދައިގެ ވައިރޯޅިއެއް ނޫންކަން އޭނާއަށް އެނގުނެވެ. ހީވީ މީހަކު އޭނާގެ ބޮލަށް ފުމެލިހެންނެވެ. ސިއްސައިގެން ދިއުމާއެކީ ތޫލި އަޑަކުން ނައުރީން ހަޅޭއްލަވައިގަތީ އެއްއަތުން އިސްތަށިގަނޑުގައި ފިރުމަމުންނެވެ. ފަހަތަށް ބެލުމެއް ނެތި އޭނާގެ ފިޔަވަޅު އަވަސްކޮށްލެވުނީ ސީދާ ނިކަގަހާ ދިމާއަށެވެ. ދެވޭ ނުދެވޭ ތަނެއް ނޭނގޭވަރަށް އޭނާހުރީ ބިރުން ހަލާކުވެފައެވެ.

ބިންމަތީ ފެތުރިފައިވާ ނިކަގަހުގެ މޫތަކުގެ ތެރެއިން މޫގަނޑެއްގައި ނައުރީންގެ ފައި އަޅައިގަތީ އެކަމަށް އޭނާ ނުވިސްނާ ހުއްޓައެވެ. ބާ ބުޅާގަނޑެއްހެން ބަނޑުވަތަށް ނައުރީން ވެއްޓުނީ ގުޅަވަރަކަށެވެ. މޫގަނޑެއްގެ މަތީ ނިތްކުރި ޖެހުމާއެކީ ބޮލަށްވީ ތަދުން ނިތްމަތީ ފިރުމާލުމަށްފަހު ނައުރީން މަސައްކަތްކުރީ އެތަނުން ތެދުވާށެވެ. ނަމަވެސް އެވަގުތު ނައުރީންގެ އަތުގެ މީހަކު ހިފާ އުއްޑުން ވާނެހެން އޭނާގެ ހަށިގަނޑު އަނބުރާލިއެވެ. ވައިގެތެރޭ އެނބުރިލާފަ އައިސް ބިންމައްޗަށް ނައުރީން ޖެހުނީ އުއްޑުންނެވެ. ބުރަކައްޓަށް ވީތަދުން ދެލޯމަރާ ފިއްތާލި އިރު ވޭނީ އާހުގެ އަޑެއް އޭނާގެ އަރުތެރެއިން ބޭރުވިއެވެ. އަވަސް އަވަހަށް ލޯހުޅުވާލުމަށްފަހު ވަށައިގެން ބަލާލީ ކައިރީ މީހަކު ހުރިތޯ ޔަގީން ކުރާށެވެ. މީހަކު ފެންނަން ނެތަސް އެތަނަށް އެ އެއްޗެއް ހާޒިރުވެއްޖެކަން ނައުރީނަށް ކަށަވަރުވީ ދުވަންފެށި ކުނި ވަހުންނެވެ.

"ކާކު... ކާކުތަ؟.. އަޅެ އަހަރެން ދޫކޮށްލާ... ކަލޭ ބުނާ ކޮންމެ ކަމެއްވެސް އަހަރެން ކޮށްދީފާނަން..." ނޭފަތް ކުނިކޮށްލަމުން ނައުރީން ވާހަކަ ދެއްކީ އެތާހުރި އެއްޗާއި މުޚާތަބުކުރަމުންނެވެ. ނައުރީންގެ ލޯ ކުރިމައްޗަށް އޭތި ފާޅުނުވާތީ އޭނާ ދިޔައީ ވަށައިގެން އެ މާހައުލަށް ބަލަމުންނެވެ.

ނައުރީންގެ ދެއަތާއި ފައިގައި މީހަކު ހިފިކަމުގެ އިހްސާސެއް ކުރެވުމުން ސިހިފައި ދެއަތަށް ބަލާލީ މުށް ބާރު ކޮށްލަމުންނެވެ. ގަދަހަދަމުން ދިޔަ ނަމަވެސް ނައުރީނަށް ވުރެ އެފަރާތުގެ ބާރު މާގަދައެވެ. މޭމައްޗަށް ހުރަސްކޮށްގެން ހުރި ދެއަތް ފޭކޮށްލުމަށްފަހު އެ ހިކިފަތްތަކުގެ މަތިން ނައުރީންގެ ހަށިގަނޑު ދަމާފައި ކަހަލަ ގޮތަކަށް ނިކަގަހާ ހަމައަށް އޭނާ ގެންދިޔައެވެ. ލައިގެން ހުރި ނިދާހެދުން އޭރުވަނީ ފަލަމަސްގަނޑު ފާޅުވާ ހިސާބަށް މައްޗަށް އަރާފައެވެ. އޭނާގެ ދެއަތް ބިމުގައި ޖައްސާ ފިއްތާލާފައިވުމުން އަތް ގުޑުވާލެވޭގޮތެއް ނުވިއެވެ. އެހެންކަމުން ނައުރީން ބޯހިއްލާލީ މުޅިހަށިގަނޑަށް ބާރެއްލައިގެން ނަމަވެސް އެތަނުން ސަލާމަތްވާށެވެ.

"ހެޔޮނުވާނެ... އަހަރެން ދޫކޮށްލާ... އަހަރެންނަށް ތިހެން ނުހަދާ..."

ނައުރީން އާދޭސްކުރަމުން ދިޔައީ ރަހުމެއްނެތް އެމަޚްލޫގަށް އޭނާގެ ޙާލަތަށް ހަމްދަރުދީވެ ދޫކޮށްލާނޭ ކަމަށެވެ. އަމިއްލަ މީހާ ފޭހުނު އިލޮށި އެހެރުނީ އަމިއްލަ ލޮލަށެވެ. ދެފައި ކުރުކޮށް ނައުރީން ތަޅުވަމުން ދިޔަ ނަމަވެސް ވަރުބަލިވުން ނޫންކަމެއް ނުވިއެވެ. ދާހިތްލާ މީހާ ފޯވެފައިވާ އިރު އެތަނުގައިވާ ކަޅުކަން ގަދަވެލިތައް ވަނީ ނައުރީގެ ހަށިގަނޑުގައި ތަތްލާ މުޅި މީހާ ކިލާވެފައެވެ.

ގަޔަށް އަރުވަމުންދިޔަ ވަރުގަނޑު މައިތިރިވީ އިރު ނައުރީނަށް އަޑުން އަޑުނަގާ ރޮވެނީއެވެ. އޭނާއަށް ކުރެވޭނެ އެއްވެސްކަމެއް ނެތްކަން އޭނާގެ ސިކުނޑިއަށް ވިސްނުނީއެވެ. ނައުރީންގެ ގިސްލުމުގެ އަޑު އެ ހިސާބުގައި ހިއްޕާލާފައި ހުއްޓެވެ. އަމިއްލަ ރުއިމުގެ އަޑުގެ ތެރެއިން ދެން އިވުނީ ޓޮއްކިޔާފައި އެއްޗެއް ބުރައިގެން ދިޔަ ކަހަލަ އަޑެކެވެ. އެއްޗެއް މޫނުމަތިން ދިޔަހެންވެސް އޭނާއަށް ހީވިއެވެ. ދެލޯ ބޮޑުކޮށްލަމުން ނައުރީން ބަލާލީ އަޑު އައި ދިމާއަށެވެ.

ޔަގީންކުރަން ކަޅި ޖަހާނުލާ ބަލަން އޮއްވާ އަނެއްކާ އެއަޑު ކިޔައިފިއެވެ. އެ އިވުނު އަޑަކީ އޭނާ ލައިގެން ހުރި ނިދާ ހެދުމުގެ މޭމަތީގައިވާ ގޮށްތައް ނެއްޓި، ބުރަބުރައިގެން ދާ އަޑެވެ. ފަހަރަކު ގޮށެއް ނެއްޓެމުން ދިޔައިރު ނައުރީން ލައިގެން ހުރި ހެދުމުގެ މޭމަތި ހާސާވެ އޭނާގެ ހަށިގަނޑު ހާމަވަމުން ދިއުމާއެކީ މިރޭގެ ބޮޑުކަންތަކާ ޖެހުނީކަން އޭނާއަށް އެނގުނެވެ.

ދެފައި ކުރުކޮށްގެން ނައުރީން ފިއްތައިގެން ހުއްޓަސް އެ މަޙޫލޫގުގެ ބާރުން ނައުރީންގެ ދެފައި ފޭކޮށްލިއެވެ. ކައިރިން މީހަކު ފެންނަން ނެތަސް އެ މަޚްލޫގު ނައުރީންގެ ހަށިގަނޑާ ގާތްވަމުން ދިޔަކަން އޭނާއަށް އެނގުނެވެ. މިހާރު ނައުރީންގެ ދެއަތާއި ފައިގައި ވަނީ ކަސްތޮޅެއް އެޅިފައެވެ. އަތަކަށް ގުޑުވާ ނުލެވޭނެހާ ބާރަށް ހިފަހައްޓާފައި ހުރުމުން ގަދައެއް ނުހެދޭނެކަން އެނގި މުޅި މީހާ ހިމޭންވިއެވެ. ފަރުހަކިވަސް ގަދަވަމުން ދިޔަވަރަކަށް އޭނާގެ ހަށިގަނޑަށް ހޫނުކަމެއްވެސް އިހްސާސް ވިއެވެ. އަދި އޭތީގެ ނޭވާ ނައުރީންގެ މޫނަށް އެޅެމުންދިޔަކަށް އެނގޭތީ އޭނާ އޮތީ ދެތުންފަތް ފިއްތާ ބާރުކޮށްގެންނެވެ.ގައިން ވަރުދޫކޮށްގެން އޮތީ ބަލި ގަބޫކޮށްފައިވާ މީހަކު ފަދައިންނެވެ. ނަމަވެސް އޭނާގެ ހަށިގަނޑަށް އައި ލޮޅުމާއެކީ މުޅި ހަށިގަނޑަށް އިހްސާސްވި ހޫނާއި ވޭނަށް ކެތްނުކުރެވުމުން ކަރުބުޑުން ނައުރީން ހަޅޭއްލަވައިގަތް އިރު ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހިގެންދިޔައެވެ. "ނޫން.. ނޫން.. ނޫން.. މަންމާ........"

*** *** *** *** *** ***

ހާމުންޑި ކުކުޅެއްހެން ބޯ ހާވައިގެން އިން އިބްޒީމާ ހީވަނީ ފުރޭތައެއް ހެންނެވެ. ފެން ނުވާރާ ގައިން ތާހިރުނުވެ އުޅޭތާ ހަފްތާއެއްވީ އިރު އޭނާގެ ކިސުޅި އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ތަޅުން މަތީ ދެފައި ވަށްކޮށްގެން އިން އިރު އޭނާ ކުރިމަތީގައި ވަނީ ހުދު ޗޯކުން އަކަތަކެއް ކުރަހާފައެވެ. ހަތް އުއްބައްތި ރޯކޮށްފައިހުރި އިރު އުއްބައްތީގެ އަލިން އެ މަންޒަރު ދުރަށް ވަރަށް ސާފުކޮށް ފެނެއެވެ. ދެ ކަކޫމަތީ ވަރުދޫކޮށްލާފައިވާ އޭނާގެ އަތުގެ ޝަހާދަތް އިނގިލި މައްޗަށް އުފުލާލުމާ އެކީ އެތާ ހުރި އުއްބައްތި ތަކުގެ ހުޅުގަނޑު ބޮޑުވިއެވެ. ހަމައެއާއެކު އޭނާގެ އިނގިލި ތިރިކޮށްލުމުން އުއްބައްތިތަކުގެ ހުޅު ކުޑަވެ ތަނަށް ވެރިވެފައިވާ އަލި ފަނޑުވިއެވެ.

ޖަނަވާރެއް ފަދައިން އިބްޒީމާ ނޭފަތް ދަމާލަމުން މޫނު ކުރިއަށް ޖައްސާލީ ދެލޯ މަރައިގެން ހުރެއެވެ. އެތެރެއަށް ދެތިން ބުރަކަށް ނޭފަތް ދަމާލުމަށްފަހު އޭނާ ލޯ ހުޅުވާލިއިރު މޫނުމައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ. "ކަލޭ ކީއްކުރަން މަށަށް ދުއްޕާން ކުރަނީ... ކޮންމެ ރެއަކު މިގޭ ޓިނުގަނޑަށް ތިއަރުވާ ވަރަކުން މަށަށް ނިދެނީކީ ނޫން.. *ލާއެއްތާ..." އިބްޒީމާގެ އަނގައިން ބޭރުވި ރުޅިވެރި ބަސްތައް ރައްދުވާ ފަރާތަކީ ނުބައި ޒާތަކަށް އެ އަކަ ތެރެއަށް ހާޒިރުވެފައިވާ މާރިދެވެ.ބޯ ކެހެރިތަކަކުން މުޅި ހަށިގަނޑު ނިވާވެފައިވާ އިރު އޭތީގެ ދެލޯ ވަނީ ރަތްކުލައިން ދިއްލިފައެވެ. އޭތީގެ ދިގު އިސްތަށިގަނޑު ބިންމަތީ ކޭއްތިލަ ކޭއްތިލަ އޮތް އިރު އެ ބިރުވެރި މޫނުމަތިން ފާޅުވަމުންދިޔައީ ރުޅިވެރިކަމެވެ. "އަދިވެސް ކަލެއަށް ނުވާވަރުން ކަންކުރާތި؟... މަ ބުނިން ދޯ ހުޅި ނެއްޓިއްޖިއްޔާ މަގޭ *ލާވެރިކަން ޖެހޭނޭ... ދެން ކޮން *ލާއެކޭ ކިޔާކަށް.."

އޭތީގެ ގައިން ދުވަމުން ދިޔައީ ފަރުހަކިވަހެވެ. އިބްޒީމާއަށް އޭތި ހާޒިރުވިކަން ދެނެގަންނެވުނީ އެ ކޮޓަރިތެރެއިން އޭނާއަށް އިހްސާސްކުރެވުނު އާދަޔާޚިލާފް ހޫނުކަމާއި އެކު އެދުވި ނުބައި ވަހުންނެވެ.

"ހުޅި ނެއްޓުނީއޭ..." ދެބުމަ ގޮށްޖަހާލަމުން އިބްޒީމާ ވިސްނާލިއެވެ. ކުރިން ދުވަހަކު ނައުރީންއާ ދިމާވިއެއް ކަމަކު އޭނާ އެކަހަލަ ވާހަކައެއް އިބްޒީމާ ގާތު ނުބުނެއެވެ. ނަމަވެސް ނައުރީންގެ މޫނުމަތިން ހާސްކަމުގެ ކުލަވަރު ފާހަގަވިކަން ހަދާންވުމުން މި ދިމާވީ ކިހާވަރެއްގެ ކަމެއްކަން ދެނެގަނެވުނެވެ.

"ބުނަން.. މަށަކީ ސިހުރު ހަދައިދިން މީހާ... ކަލޭ މަށަށް ވީ ވައުދު ހަނދާންކޮށްބަލަ.. ހުޅި ނެއްޓިއްޖިއްޔާ ކަލޭ އުނދަގޫ ކުރާނީ މަށަކަށް ނޫން.. ހުޅި ޖެހި ގަމާރު އަންހެނާއަށް... ނައުރީންއަށް..." އިބްޒީމާ މަސައްކަތް ކުރީ ބޮލުން ރެކިގެން ސަލާމަތްވެވޭނެ މޮޅު ގޮތެކެވެ.

"ހަހަހަ... ކަލޭ ހާދަ ބިރެއްވެސް ގަނޭދޯ.. މަ ނޫޅެން ކޮންމެހެން ކަލެއަށް ކަމެއް ކުރާކަށް... އެހެން ނޫނަސް މަ ކަލެއަށް ކުޑަކޮށް ޖެއްސުންކޮށްލީ... މިކަން އެޅާ ފޮރުވިޔަސް ކަލެއަށް އަންގާލަން ވާނެއްނު ދޯ..." ނުބައި ޒާތަކަށް ހެމުން އޭނާގެ ހަށިގަނޑު ބިމުން މައްޗަށް އުފުލުނެވެ. އޭރު އޭނާގެ ދެލޯ ވަނީ ގަދަ ރަތްކުލައިން ދިއްލިފައެވެ. ހީވަނީ ދެލޮލުން ލޭ ފައިބަނީ ހެންނެވެ. އޭތި މައްޗަށް އެރުމާއެކީ ކޮޓަރިތެރޭ ވައިރޯޅިއެއް އެނބުރިލިއެވެ. ހަމައެއާ އެކީ މުޅި ކޮޓަރި ތެރެއަށް ކަނު އަނދިރިކަމެއް ވެރިވިއެވެ.

*** *** *** *** *** ***

ދެލޯ ބޮޑުކޮށްގެން ހުރި ނަމަވެސް އެއްވެސް އެއްޗެއް ފެންނަވަރެއް ނޫނެވެ. ދެލޯ މަރާ ބާރުކޮށްލި އިރު އިވެމުން ދިޔައީ ޝީން ގޮވަމުން ދިޔަ އަޑެވެ. އެ އަޑު ކަންފަތްތެރޭ ހަރުލާފައިވާ ކަހަލައެވެ. "ޝާޔާ... އޭ ޝާޔާ.. ލޯ ހުޅުވަބަލަ..."

ފަތިސް ނަމާދަށް ބަންގި ގޮވިއަޑު އިވުމާއެކީ ޝާޔާގެ ބޮޑު ދެލޯ ތަންމިނަށް ހުޅުވުމަށްފަހު ދެ އަތަށް ބޯހޫރުވަމުން ދިޔައީ ބިރެއް ފެނިގެންހެން ހީވިއެވެ. އޭސީގެ ފިނިކަން ކޮޓަރިތެރޭގައި ހުރި ނަމަވެސް ޝާޔާގެ ހަށިގަނޑުވަނީ ދަލުން ތެމިފޯވެފައެވެ. އެނދުގެ މަގަތުގައި އިށީނދެގެން އިން ޝީންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމުގެ ކުލަތަކެވެ.ރޭގަނޑުގެ އަރާމު ނިދން މަހްރޫމްވެފައިވާކަން އޭނާގެ ބަލިވެފައިވާ ދެލޮލުން ދޭހަވެއެވެ. ޝާޔާގެ ހަށިގަނޑުގައި ހިފާ ތަޅުވަމުން އޭރުވެސް އޭނާ ދިޔައީ އޭނާގެ ކޮއްކޮ ހޭއަރުވަން މަސައްކަތް ކުރަމުންނެވެ. ނިދީގައި އޮވެ ސަލާމަތްވުމަށް އޭނާ ގޮވަމުން ދިޔައީ ކޮއްކޮ ކައިރިއަށް ބައުކަލޯ އަންނަނީކަމަށް ބުނަމުންނެވެ.

"ދޮންތީ..."

ބަލިކަށި އަޑަކުން ޝާޔާއަށް ބުނެވުނީ އެވަރަށެވެ. ބަޑިފަޅައިގެން ގޮސް އެ ތުއްތު ކުއްޖާއަށް ރޮވެން ފެށުނީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. ވީ ކިހިނެއްތޯ ސުވާލުކުރުމުން ވެސް ޝާޔާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެ ކުއްޖާ ގެނެސް މެއާލާ ބޮނޑިކޮށްލަމުން ޝާޔާގެ ފަން އިސްތަށިކޮޅުގައި ޝީން ފިރުމާލީ ވަމުންދާ ކަންތައްތަކުން އޭނާގެ ސިކުނޑިއަށް ވެރިވެފައިވާ ހާސްކަމަށް ލުއެއް ލިބޭތޯ ދުއާ ކޮށްލަމުންނެވެ.

"ކިހިނެއްވީ.. ކޮއްކޮއަށް ބިރުވެރި ހުވަފެނެއް ފެނުނީތަ؟..." ޝާޔާގެ ފަރާތުން ޖަވާބެއް ނުލިބުމުން ޝީން ސުވާލެއްކޮށްލިއެވެ. ޝީންގެ ހަށިގަނޑުގައި ވަށާލައިފައިވާ އެ ތުއްތު ދެއަތުގެ އިނގިލިތަކަށް ބާރުކޮށްލި ގޮތުން ޝީންއަށް ހީވި ހީވުމަކީ ތެދެއްކަން ޔަގީންވިއެވެ. އެ ކުއްޖާގެ ކޮނޑުގައި ހިފާ ދުރަށް ޖައްސާލަމުން ޝީން އެ މޫަނަށް ފުން ނަޒަރަކުން ބަލާލިއެވެ.

"ތި ފެނުނު ހުވަފެން ދޮންތިއަށް ކިޔައިދީ.. އެކަކު ކައިރީވެސް ދޮންތިއެއް ނުބުނާނަން... ގޯޑް ޕްރޮމިސް..."

އިސް އުފުލާލަމުން ޝީންއާ ހަތަރުކަޅި ހަމަކުރަން ޝާޔާ ބަލާލީ މައުސޫމް ގޮތަކަށެވެ. އެ ތުއްތު ކުއްޖާގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ހީވަނީ އެތައް ދުވަހެއް ވަންދެން ބަލިވެ އުޅެފައިވާހެންނެވެ. ލޯ ކައިރި ކަޅުވެފައިވާ އިރު އެކުއްޖާގެ ލޯބި ކޯކޮޅުވެސް މިހާރަކު ނެތެވެ. ޝާޔާގެ މޫނުގައި ޝީން ފިރުމާލީ އޭނާގެ ކޮއްކޮ ހުރި ހާލު ފެނި ހިތުގައި ހަމްދަރުދީ އުފެދުމުންނެވެ.

"ދޮންތީ.. ބައުކަލޯއަކީ މުންނާގެ ފްރެންޑެއް... ދެން ކީއްވެ މަންމައާ ކޮއްކޮއަށް އުނދަގޫ ކުރަނީ..." އެވާހަކަތައް ހިއްސާކުރަން ނުކެރި ހުރެވިޔަސް އެކުއްޖާ ބޭނުންވީ އޭނާގެ ދޮންތައަށް ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. ޝާޔާގެ ދުލުން ބޭރުވި ބަސްތައް އިވުމުން ޝީންއަށް ހައިރާންކަމެއް ލިބުނެވެ. އެ ކުއްޖާ އެ ދެއްކީ އިބްޒީމާގެ ވާހަކަކަން އޭނާއަށް ކަށަވަރުވިއެވެ. ދެފަރާތުގެ މާމަވެސް ދުނިޔޭގައި ތިބި އިރު އެ ކުދިން މުންނާ ކިޔައި އުޅެނީ ބައްޕަފަރާތު މާމައަށެވެ.

އިބްޒީމާމެން ގޯއްޗަށް އެކުއްޖާ ދާން ޖެހުނު ސަބަބާއި އެ ގެއަށް ދެވުނު ދުވަހު އޭނާއަށް ފެނުނު މަންޒަރު ތަފްސީލުކޮށް ޝީންއަށް އޭނާ ކިޔައިދިނެވެ. ދޭތެރެއަކުން ފާހާނާއާ ދިމާއަށް ޝާޔާ ބަލާލާ ގޮތުން އެތާ ޖިންނިއެއް ހުރީބާއޭ ޝީންގެ ހިތަށް އަރާ ފަހަރު އާދެއެވެ. އެ ކުއްޖާއަށް މިރޭ ފެނުނު ހުވަފެނަކީވެސް އެއީ އެވެ. އިބްޒީމާގެ ގޮވާލުމަށް ނައުރީންއާ އަވަލައިގެން އުޅޭ ޖިންނި އެތަނަށް ފާޅުވެ އެ ދެމެދުގައި ދެކެވުނު ވާހަކަތައް ވަނީ ޝާޔާ އަޑުއަހާފައެވެ.

"ކޮއްކޮ ބޭނުމެއް ނޫން މުންނާ ގެއަށް ދާކަށް.. މުންނާއަކީ ބޭޑް ގާލްއެއް..." ޝާޔާއަކީ ރަނގަޅާ ނުބައި އޮޅުން ނުފިލާވަރުގެ ކުއްޖަކަށް ވިޔަސް އޭނާއަށް އިބްޒީމާމެން ގެއަކީ ދާން ހެޔޮވާވަރު ތަނެއް ނޫންކަން އިހްސާސް ވެއްޖެއެވެ. އެ ކުއްޖާއަށް ފެނުނު މަންޒަރުތަކުން އެހުރީ ބިރުން ފިއްކަނޑައިގެން ގޮސްފައެވެ. ޝާޔާއަށް ހަދާނެގޮތަކާ ދޭތެރޭ ވިސްނާލަމުން ޝީން އެދުނީ ޝަހާދަތް ކިޔައިގެން އަދި ކުޑަވަގުތު ކޮޅަކަށް ނިދާލެވޭތޯ އެނދުގައި އޮށޯންނާށެވެ. އެކުއްޖާގެ ލޮލަށް ނިދި ސަވާރުވެ ދެލޯ މެރުމާއެކީ ޝީން އަވަސްވެގަތީ ވުޟޫ ކޮށްގެން ނަމާދު ކުރާށެވެ.

ސަލާމް ދިނުމަށްފަހު ޝީން ދެއަތް އުފުލާލީ އޭނާގެ އާއިލާއަށް ޖެހިފައިވާ މުސީބާތުން ސަލާމަތްވޭތޯ ދުޢާ ކުރާށެވެ. ހަމްދު އެޅުމަށްފަހު ދޮޅި ބޭލީ ޝާޔާ ކައިރީ އޮވެ ނިދާލާނީ ކަމަށް ނިންމައިގެންނެވެ. މުސައްލަ ފަތްޖަހާލުމަށްފަހު އެ ކޮޓަރިތެރޭ ހުރި މޭޒުމަތީ ބޭއްވި ވަގުތު އޭނާއަށް ބޭރު ދޮރު ލައްޕާލި އަޑު އިވުނެވެ. ޝީން އަވަސްވެގަތީ ކޮޓަރިން ބޭރަށް ބޯދިއްކޮށްލާށެވެ. ގެއަށް ވަތް މީހަކު ޔަގީން ކުރުމަށެވެ.

ބޭރު ދޮރު ލައްޕާލުމަށްފަހު ލައިގެން ހުރި ނައިޓީގެ މޭމަތީ ހިފަހައްޓައިގެން ނައުރީން މިސްރާބުޖެހީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރިން ބޭރަށް ބޯދިއްކޮށްލި ޝީން ފެނުމާއެކީ ނައުރީންއަށް ސިހުމެއް ލިބުނެވެ. ބުނާނެ އެއްޗަކާއި ދޭތެރޭ އޭނާ ވިސްނާލިއެވެ. ޝީންގެ ފަރާތުން ސުވާލެއް އައިސްދާނެތީ ޖެހިލުންވެ ހުރެއެވެ.

"ނުނިދާ ކީއްތަ ތިކުރަނީ... ދޭ ނިދަން..." އަޑަށް ބާރުލަމުން ރުޅިވެރި ރާގަކަށް ނައުރީން މިހެން ބުނެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

"މަންމާ.. ކޮންތާކުން ތިއައީ؟... ކިހިނެއްވެފަ ތިހުރީ..." ޝީން ބޭނުންވީ އޭނާގެ މަންމައާ ސުވާލު ކުރާށެވެ. ވެގެން އުޅޭގޮތް ހޯދާ އޮޅުން ފިލުވަން އޭނާ ބޭނުންވިއެވެ.

"ކަމެއް ނުވޭ؟..." ޝީންއަށް ފުރަގަސްދިނުމަށްފަހު ކޮޓަރީގެ ދޮރު ހުޅުވަމުން އެއްއަތުން ނައުރީންގެ އިސްތަށިގަނޑުގައި އަތްހާކާލީ އޭނާގެ ދަރިފުޅަށް ކަމެއް ފާހަގަ ވެދާނެތީއެވެ. "ހޫނު ވެގެން ގައި ކަހާތީ ފިނިކޮށްލަން މި ނުކުތީ.. މަންމަ ކޮޓަރި އޭސީ މައްސަލަ ޖެހިފަ އިނީމަ ފިންޏެއް ނުވޭ.. ދެން ދޭ ނިދަން... ރޭގަނޑު ނުނިދާ ކީއްތަ ތި ކުރަނީ؟.." ކޮޓަރި ތެރެއަށް ދެމިގަތުމަށްފަހު ނައުރީން ދޮރު ލައްޕާލިގޮތަށް ތަޅުލިއެވެ. ޝީންގެ އިތުރު ސުވާލަކާ އޭނާ ކުރިމަތިލާކަށް ބޭނުމެއް ނޫނެވެ.

މަންމަގެ ފަރާތުން ޝީންއަށް ލިބުނީ އެދެވޭ ކަހަލަ ޖަވާބެއް ނޫނެވެ. ޗޮކެއް ކަނޑާލަމުން އެނބުރި ކޮޓަރިއަށް ދާން އޭނާ ހިނގައިގަތް ނަމަވެސް އޭނާގެ ފިޔަވަޅު ހުއްޓުމަކަށް އައެވެ. އެއީ އޭނާއަށް ކުރެވުނު ޝައްކެއްތޯ ނޫނީ ހަގީގަތުގައިވެސް އޭނާއަށް ފެނުނު އެއްޗެއްތޯ ޔަގީންކުރަން ބޭނުންވެފައި ހުރުމުން އެނބުރި ނައުރީން ވަތް ކޮޓަރި ދޮރާ ދިމާއަށް ބަލާލިއެވެ. ތަޅުން މައްޗަށް އޭނާއަށް ބަލާލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ.

ނައުރީންމެން ކޮޓަރި ދޮރާ ދިމާލުން ގެއަށް ވަންނަން ހުރި މައި ދޮރާ ދިމާއަށް ޝީންގެ ކަޅި ހިންގާލެވުނު އިރު އޭނާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އެހެން މީހަކަށް އެ މަންޒަރު ފެނުމުގެ ކުރިން އޭނާ ބޭނުންވީ އެތަން ސާފުކުރާށެވެ. ނައުރީންގެ ފިޔަވަޅު ޖެހިފައިވާ ތަންތަން ހުރީ ފާހަގަވާށެވެ. ފިޔަވަޅު އެނގޭނެހެން ލެއާ އެކުވެފައިވާ ފައިތިލައިގެ ނިޝާންތަކުން ދޭހަވަނީ ކޮންކަމެއްކަން ބުނެދޭކަށް ޝީންއަކަށް ނޭނގުނެވެ. މޮޕް ހިފައިގެން އައިސް އެތަން ސާފުކުރަން ޝީން އަވަސްވެގަތެވެ. ތަޅުންމަތީ މޮޕް ހާކަމުން ދިޔަ ޝީންގެ ހަރަކާތް ހުއްޓުމަކަށް އައީ ހިނދުކޮޅަކަށް ނައުރީން މަޑުކޮށްގެން ހުރި ކޮޓަރި ކުރިމަތީގައި މާ ގިނައިން ލޭ ހުރިކަން ފާހަގަވުމުންނެވެ.

"އަނެއްކާ މަންމައަށް ކަމެއްވީބާ... މީ ކޮންހާ ލެއެއް... މަންމަ ފައި ހަލާކުވީ ކަންނޭނގެ.." ހިތާހިތުން އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔަ ޝީން އަތް އުފުލާލީ އެ ކޮޓަރި ދޮރުގައި ޓަކި ޖަހާށެވެ. އޭނާގެ މަންމަ ރަނގަޅުތޯ ޔަގީންކޮށްލަން ބޭނުންވެފައި ހުރުމުންނެވެ.

(ނުނިމޭ)