މާލޭގެ މަގުތަކުގައި އަލަށް ހަރުކުރި ބައެއް ނަން ބޯޑުތަކުގައި ނުބައިކޮށް ލިޔެފައި ހުރުމުން އާންމުންގެ ފާޑިކިޔުން އަމާޒުވެއްޖެއެވެ.
މިއީ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. ބައެއް އާންމުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި "ލޮނުޒިޔާރަތްމަގު" ގެ ބަދަލުގައި ބޯޑުގައި ލިޔެފައި އޮތީ "ލޮނުޒިޔާރައިމަގު" އެވެ. އަދި "މާފަތްތަކުރުފާނު" މަގުގެ ބަދަލުގައި ބޯޑުގައި ލިޔެފައި ވަނީ "މާފައިތަކުރުފާނުމަގު" އެވެ.
އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ސިޓީ ކައުންސިލްގެ އެ މަސައްކަތަށް ފާޑު ކިޔަމުންނެވެ. އެގޮތުން އާންމުންގެ މީހަކު ކޮށްފައި ހުރި ކޮމެންޓެއްގައި ވެއެވެ. "އެހެންދޯ ވާނީ. ހުރިހާ ތާކު ބަންގާޅީން އުޅެންޏާ". އަދި އިތުރު ކޮމެންޓެއްގައި ބުނެފައި ވަނީ "ފިނި ކޮޓަރީގައި ތިބޭ ވެރިންނަށް ބަލާނެ ވަގުތެއްވެސް ނުވާތީ ވާ ގޮތްތީ".
މީގެ އިތުރުން ވެސް އެކި ކަހަލައިގެ ހިޔާލުތައް އާންމުން ފާޅޫކުރަމުން ދެއެވެ. އެކަމާ ގުޅިގެން ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި މި ދަނޑިވަޅުގައި އެ ކައުންސިލުން ބުނެފައި ވަނީ އެ މަސައްކަތް ކުރިއަށް ގެންދިޔައީ ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ކަމަށާއި އެ ދެ މަގުގެ ނަންބޯޑު ހަދައި ހަރުކުރީ ވެސް އެ ކޮންޓްރެކްޓަރު ކަމަށެވެ.
އަދި ކައުންސިލުން ދިން ނަން ލިސްޓުގައި މައްސަލައެއް ނޫޅޭ ކަަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް އާޒިމް ވިދާޅުވެފައި ވެއެވެ.
