ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދަށް އަލުން މަގާމު ދީފިއެވެ.
ސަލްމާ މަގާމުން ވަކިކުރީ މިދިޔަ ހޯމަ ދުވަހުއެވެ. އޭނާ މަގާމުން ވަކިކޮށްފައި ވަނީ ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އޯޑިއޯއެއްގެ މައްސަލައިގައެވެ. އެ އޯޑިއޯގައި މެންބަރު އަސްމާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރި ޕީއެންސީ މެންބަރުންނަށް ވޯޓު ނުދިނުމަށް އެދިފައެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ސަލްމާ މަގާމު މިހާރު ވަނީ އަލުން އިއާދަކޮށްފައެވެ.
ސަލްމާގެ އިތުރުން ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު)ވެސް ހަމަ އެ ދުވަހު މަގާމުން ވަކިކުރިއެވެ. އެކަމަކު އޭނާގެ މަގާމު އިއާދަކުރި ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވެއެވެ. މުންދުއަކީ އަސްމާގެ ދަރިކަލުންނެވެ. އަދި ސަލްމާއަކީ އަސްމާގެ ކޮއްކޮއެވެ.
މީގެ އިތުރުން ވެސް ސަރުކާރުގެ އިސް މަގާމުތަކާއި ސަރުކާރުގެ ހިއްސާވާ އެކި ކުންފުނިތަކުގެ އިސްވެރިންވެސް ވަނީ މަގާމުތަކުން ވަކިކޮށްފައެވެ.
އެގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރު ހުސައިންދީދީ ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ ސަރުކާރުން އަންގައިގެން އިސްތިއުފާ ދެއްވާފައެވެ.
މި ބޭފުޅުން ވެސް މަގާމުން ވަކިކޮށްފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީއަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.
