އީރާންގެ އާބާދީ މިރޭ ނެތިކޮށްލާނެ ކަމަށް ބުނެ ޓްރަމްޕް އިންޒާރު ދިނުމުން އީރާނުން ރައްދު ދީފިއެވެ.

ޓްރަމްޕް މިފަދަ އިންޒާރު ދީފައި މިވަނީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް ޓްރަމްޕް ދީފައިވާ ސުންގަޑި ކައިރިވަމުން އަންނަނިކޮށެވެ.

އެގޮތުން މީޑިއާ ޕްލެޓްފޯމް "ޓުރުތު ސޯޝަލް" ގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، އީޓީ ގަޑިން ރޭގަނޑު އަށެއް ޖެހުމުގެ ކުރިން ހަނގުރާމަ ހުއްޓާލަން އެއްބަސްނުވެ، ހޮރްމޫޒު ކަނޑުއޮޅި ހުޅުވާނުލައިފިނަމަ، އީރާންގެ އެތައް ހާސް އަހަރުވީ "ތަހުޒީބެއް މިރޭ ނެތިކޮށްލާނެ" ކަމަށެވެ.

ދުނިޔޭގެ ދިގު އަދި އޮޅުންބޮޅުން ބޮޑު ތާރީޚުގައި އަންނާނެ އެންމެ މުހިންމު އެއް ވަގުތު މިރޭ އަހަރެމެންނަށް އެނގޭނެ. 47 އަހަރުގެ ފޭރުމާއި، ކޮރަޕްޝަނާއި، މަރުގެ ސިލްސިލާ އަށް ނިމުން އަންނާނެ."
ޓްރަމްޕް

އެކަމާ ގުޅިގެން އިރާންގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ބުނީ އެމެރިކާއިން ހަމަލާދީފިނަމަ، އޭގެ ރައްދުގައި ދޭ ހަމަލާތައް އެހެން ސަރަހައްދުތަކަށް ފުޅާކުރާނެ ކަމަށެވެ. އަދި އިރާންގެ މަދަނީ ތަންތަނަށް ހަމަލާދީފިނަމަ، އެމެރިކާއަށް ދޭ ރައްދު ހަމަލާ އެއްވެސް ޖެހިލުމެއް ނެތި ދޭނެ ކަމަށްވެސް އައިއާރްޖީސީން ވަނީ ބުނެފައެވެ.

މިފަދަ ހާލަތެއްގައި ހުރުމުޒު ކަނޑުއޮޅީގެ އިތުރުން ރަތްކަނޑަށް ވަންނަ ދޮރުކަމަށްވާ ބާބުލްމަންދަބު ވެސް ބަންދުކުރާނެކަމަށް އީރާނުން ބުނެފައި ވެއެވެ.

އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ދޭން ފެށި ހަމަލާތަކާއި ގުޅިގެން އީރާނުން ދަނީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ގައުމުތަކުގައި ހުންނަ އެފަދަ މަރުކަޒުތަކަށް ހަމަލާތައް ދެމުންނެވެ. އޭގެ ތެރޭގައި ސައުދީ ވެސް ހިމެނެއެވެ.

އީރާނުގެ ހަމަލާއެއްގެ ބިރަށް ސައުދީ އަރަބިއްޔާއާއި ބަހްރޭން ގުޅުވައިދޭ މުހިންމު ބްރިޖްވެސް ވަނީ ބަންދުކޮށްފައެވެ. މީޑިއާ ރިޕޯޓްތަކުން ބަންދުކޮށްފައިވަނީ "ކިންގް ފަހްދް ކޯޒްވޭއެވެ. އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ބުނީ އާންމު ދަތުރުފަތުރަށް ބްރިޖް ބަންދުކޮށްފައިވަނީ އީރާނުގެ ހަމަލާއެއްގެ ބިރު ސައުދީގެ އިރުމަތީ ސަރަހައްދަށް އޮތުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުންނެވެ.