ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުން އަންނަ "ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް" ލިބޭ އެތުލީޓަކަށް ރާޅާ އެޅުންތެރިޔާ ސައްޔިދު ސަލާހުއްދީން ހޮވައިފިއެވެ.

ބީއެމްއެލް އިން ބުނީ ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ ދަށުން ސައްޔިދުގެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޗައިނާ، ފިލިޕީންސް އަދި އިންޑޮނޭޝިއާގައިކަމަށެވެ. މީގެ އިތުރުން އޮސްޓްރޭލިއާގައި ބާއްވާ ބައިނަލްއަގުވާމީ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް ސައްޔިދަށް މި ސްކޮލާޝިޕްގެ ދަށުން ލިބިގެންދާނެއެވެ.

ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، ސައްޔިދުގެ ތަމްރީނުތަކާއި މުބާރާތްތަކަށް ބޭނުންވާ އެންމެހާ އިކުއިޕްމެންޓްތައްވެސް މި ސްކޮލާޝިޕްގެ ދަށުން ފޯރުކޮށްދޭނެއެވެ.

މި ސްކޮލާޝިޕް ޕްރޮގްރާމްއަކީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބެއް ހޯދުމުގައި އެހީތެރިވުމަށް ދޭ ސްކޮލާޝިޕެކެވެ. މި ސްކޮލާޝިޕް ލިބޭ އެތުލީޓުން ހޮވާފައި ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު ގާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއޯސީއިންނެވެ. ބޭންކުން ހުރިހާ ހަރަދެއް ފޯރުކޮށްދޭ މި ސްކޮލާޝިޕަށް ހޮވޭ އެތުލީޓުންނަށް ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ލިބޭނެއެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ ދަށުން މިހާތަނަށް 8 އެތުލީޓުންނަށް ތަމްރީނު ހޯދުމުގެ ފުރުސަތު ދީފައިވެއެވެ. ރާއްޖޭގެ ފުޓްބޯޅަ، ސްވިމިން، ޓެނިސް، ބާސްކެޓްބޯޅަ، ސާފިން ފަދަ ކުޅިވަރުތައް ކުރިއެރުވުމަށް ގައުމީ އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ އެކި ޕާޓްނާޝިޕްތަކުގެ ދަށުން ބޭންކުން ދަނީ އެ އެސޯސިއޭޝަންތަކަށް އެހީތެރިވަމުންނެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންނުން ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބޭންކަށް ޚާއްސަ އެވޯޑެއްވެސް ދީފައެވެ.