މިދިޔަ ހަފުތާގެ ތެރޭގައި ހިންގާފައިވާ އެކި ސްކޭމްތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ ބޮޑު ބައެއް ފުލުހުން ހޯދައިފިއެވެ.
އެންޓި-ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.
އެގޮތުން މާޗު 29 އިން އޭޕްރިލް 4 އާ ދެމެދު ޖުމްލަ 42 ސްކޭމްގެ މައްސަލައެއް ވަނީ ރިޕޯޓްކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަތަކުގައި އާންމުންގެ އަތުން ޖުމްލަ 322,270.00 ރުފިޔާ ގެއްލިފައިވާ އިރު، ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ކުރި މަސައްކަތުން 227,828.00 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ. މިއީ ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 ޕަސެންޓެވެ.
ފުލުހުން ބުނީ، މި ކާމިޔާބީއަކީ މައްސަލަ ހުށަހެޅޭ ވަގުތުން ފެށިގެން ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތައް ހަލުވިވެފައިވުމާއި، ތަހުގީގީ މަރުހަލާގައި ކުރެވޭ ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާކަމަށެވެ.
އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ އޮންލައިންކޮށް މުދާ ގަތުމާއި ވިއްކުމުގެ ތެރެއިން ހިންގާފައިވާ ސްކޭމްތައް ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ޖުމްލަ 30 މައްސަލައެއް ހުށަހަޅާފއިވާ އިރު، އޭގެ ތެރޭގައި އޮޅުވާލައިގެން މުދާ ވިއްކާކަމަށް ދައްކައިގެންނާއި، ސައްހަ ނޫން މައުލޫމާތު ހިއްސާކޮށްގެން ހިންގާފައިވާ މުއާމަލާތްތައް ހިމެނެއެވެ.
މީގެ އިތުރުން ހިނގާފައިވާ ސްކޭމްތައް
- ބޭރު ފައިސާ މާރުކުރުމުގެ ތެރެއިން ހިންގާފައިވާ 4 މައްސަލަ.
- މީހުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 4 މައްސަލަ.
- އަލަށް އުފެދެމުންދާ ތަފާތު އުކުޅުތައް ބޭނުންކޮށްގެން ހިންގާފައިވާ އެހެނިހެން 4 މައްސަލަ
ފުލުހުން ބުނީ، މި މުއްދަތުގައި ފިޝިން، ވިޝިން ނުވަތަ ވަޒީފާގެ ފުރުސަތުތައް ދައްކައިގެން ހިންގާ ސްކޭމްގެ އެއްވެސް މައްސަލައެއް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ. މިއީ މިފަދަ ކަންކަމަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު ދައްކުވައިދޭ ހެޔޮ ބަދަލެއްކަމަށް ފުލުހުން ބުނެއެވެ.
އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، ސްކޭމްތަކުން ސަލާމަތްވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ހޭލުންތެރިވުން ކަމަށެވެ. އަދި ސައްހަކަން ކަށަވަރުނުވާ އޮންލައިން މުއާމަލާތްތަކާ ދުރުހެލިވުމަށާއި، ކުއްލި ގޮތަކަށް ފައިސާ ފޮނުވަން އެދޭ މެސެޖުތަކަށް ސަމާލުވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
ޝައްކުކުރެވޭ ފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ނަންބަރު 125 (އެކްސްޓެންޝަން 2020) އަށް ނުވަތަ 911 އަށް ގުޅައި ރިޕޯޓްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
