އަޒުމަކީ މި ސަރުކާރު ބަދަލުކޮށް ރާއްޖެ ހަމަ މަގަށް އެޅުވުންކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އުފާފާޅުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ޝާހިދު ވިދާޅުވީ މިއީ ހުރިހާ ރައްޔިތުން ގުޅިގެން ހޯދުނު ނަތީޖާއެއް ކަމަށާއި، މި ނަތީޖާއިން މި ސަރުކާރާ ދޭތެރޭ ރައްޔިތުން ދެކޭ ގޮތް ހާމަވެފައިވާ ކަމަށެވެ. ޝާހިދު ވިދާޅުވީ އަޒުމަކީ މި ސަރުކާރު ބަލިކޮށްލުން ކަމަށާއި، އަދި ސަރުކާރު ބަދަލުކޮށް ރާއްޖެ ހަމަމަގަށް އެޅުވުން ކަމަށެވެ.
މި އަމާޒަށް ވާސިލުވުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް ޝާހިދު ވަނީ އެދިވަޑައިގެންފައެވެ. އަދި ކާމިޔާބީ ހޯދި އެމްޑީޕީގެ ހުރިހާ ފަރާތްތަކަށް ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ސިޓީތަކުންނާއި ބައެއް ރަށްރަށުން އެމްޑީޕީއަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. އެގޮތުން ފަސް ސިޓީގެ މޭޔަރު ކަމާއި ރިފަރަންޑަމް ވޯޓުން ވެސް އެމްޑީޕީން ބުނަމުންދިޔަ "ނޫނެކޭ" އަށް އާންމުން ވަނީ ތާއީދުކޮށް ވޯޓު ދީފައެވެ.
މިރޭ އެމްޑީޕީގެ އުފާފާޅުކުރުމުގެ ޖަލްސާ ކުލަގަދަކޮށް ބާއްވާފައިވާއިރު މި ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން ނަޝީދަށް ވެސް ދީފައެއް ނުވެއެވެ. މިކަމާ ގުޅިގެން ނަޝީދާއި ފައްޔާޒު ވަނީ މި ޖަލްސާ ބޮއިކޮޓުވެސް ކޮށްފައެވެ.
ނަޝީދާއި ފައްޔާޒަށް ތާއީދު ކުރާ އެމްޑީޕީގެ ގިނަ އަދަދެއްގެ އާންމު މެންބަރުން ވެސް ސޯޝަލް މީޑިއާގައި ވަނީ ނަޝީދު އަށް ފުރުސަތު ނުދޭތީ މިރޭގެ ޖަލްސާއަށް ދެވެން ނެތް ކަމަށް ބުނެ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.
ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާގެ މެދުގައި އިނީ ހުސް ގޮނޑިއެކެވެ. ނަމަވެސް އެ ގޮނޑި ވަނީ ޖަލްސާ ފެށުނު ފަހުން ނަގާފައެވެ.
