މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓުގައި ސަރުކާރު ބޮޑުތަނުން ބަލިކޮށް އެމްޑީޕީ ކުރި ހޯދާފައިވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މިއަދު ނެގި ވޯޓުގައި އެމްޑީޕީ ބޮޑުތަނުން ސަރުކާރު ބަލިކޮށް ކާމިޔާބު ހާސިލުކޮށްފައިވާކަމަށާއި، ހުރިހާ ސިޓީއަކާއި ގިނަ ރަށްރަށެއް އެމްޑީޕީ ކާމިޔާބުކޮށްފައިވާކަމަށެވެ.
ނަޝީދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓުގައިވެސް ބޮޑުތަނުން ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފައިވާކަމަށެވެ. އެއާއެކު ނަޝީދު ވަނީ ވޯޓު ދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ގުނި ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު 70 ޕަސެންޓް މީހުން ވަނީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނޫނެކޭ ބުނެފައެވެ. އެއީ މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ތެރެއިން 9843 ވޯޓެވެ. އަދި މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ނަތީޖާއިން ދައްކާގޮތުން މިކަމަށް އާއެނކޭ ބުނެފައިވަނީ 30 ޕަސެންޓު މީހުންނެވެ. މިއީ މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ތެރެއިން 4210 ވޯޓެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރު އިންތިހާބުގައި މިހާތަނަށް ލިބުނު ނަތީޖާތަކުން ކުރީގައި އުޅުއްވަނީ އިދިކޮޅު އެމްޑީޕީއެވެ
އެއީ މާލެ ސިޓީގެ މޭޔަރުކަން މިހާރު ކުރައްވަމުން ގެންދަވާ އާދަމް އާޒިމް، ފުވައްމުލައް ސިޓީގެ މޭޔަރުކަން މިހާރު ކުރައްވަމުން ގެންދަވާ އިސްމާއިލް ރަފީގު، ކުޅުދުއްފުށި ސިޓީގެ މޭޔަރުކަން ކުރައްވަމުން ގެންދަވާ މުހައްމަދު އާތިފް އަދި އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވަމުން ގެންދަވާ އަލީ ނިޒާރުއެވެ.
